ޒަވާޖީ އާ ޙަޔާތެއް ފަށައިގެން، މިހާރުގެ މީހުން ކިޔާހެން “ހައުސް ވައިފް” އެއްގެ ގޮތުގައި ގޭގައި އިނުމަކީ އަމިއްލައަށް ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެ ސަބަބެއް ނޫންކަން ސާބިތުކޮށްދޭ އެތައް ފަރާތްތަކެއް މިއަދު އެބައުޅެއެވެ. ނަމަވެސް އެއީ އަމިއްލައަށް ވާ ކަންކަމެއް ނޫންކަން އަދި އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ކުރާ ކަންކަންކަން ދައްކައިދޭ ފަރާތްތަކެއްވެސް އެބަވެއެވެ. އޭގެ ތެރެއިން އެކަކަކީ މާލެއަށް އުފަން އުމުރުން 26 އަހަރުގެ ސަމާ ޚާލިދެވެ.
ސަމާއަކީ ވޭތުވެ ދިޔަ ހަތަރު އަހަރުއްސުރެ ވިޔުމުގެ މަސައްކަތް ކުރާ ހުނަރުވެރި އަދި ކުޑަ ދެކުދިންގެ މަންމައެކެވެ. ގޭގައި ފޫހިވެގެން ނީނދެ އެކި މަސައްކަތްތައް ފެށި މި ޒުވާނާ ބުނި ގޮތުގައި ވިޔުމުގެ މަސައްކަތަކީ މިއަދާ ހަމައަށްވެސް ހުއްޓާނުލައި ކުރާ މަސައްކަތް ކަމަށާއި އަދި މިއީ މިހާރު އާމްދަނީ ހޯދާ ގޮތެވެ. އެންމެ ފުރަތަމަ ވިޔަން ނުވެސް އެނގޭކަމަށާއި އަދި މިކަމަކީ “ޔޫޓިއުބު” ބަލައިގެން ކުރަން ދަސްކުރި ކަމެއްކަމަށް އޭނާ މުނިއަވަސްއާ ވާހަކަދައްކަމުން ބުންޏެވެ. އޭނާގެ މައިދައިތަ ކަމުގައިވާ މޮޅު ދަނޑުވެރިއެއްގެ ގޮތުން މީހުންނަށް އެނގޭ ޤަމީރާ އާދަމް މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭކަމަށް ބުނެ އޭނާ ބުނީ، ތަފާތު ގޮތްގޮތަށް ވިޔަން ދަސްކުރަން ޚިޔާލުދޭ ފަރާތަކީ އޭނަގެ މައިދައިތަ ކަމަށެވެ. ކުޑަކުދިންގެ ބޫޓާއި، ބޮލުގައި އަޅާ ބޭންޑާއި މުއާނާ އަދި ލިބާސް ފަދަ ތަކެތި ވިޔުމުގެ މަސައްކަތް ހުނަރުވެރިކަމާއިއެކު ކުރަމުން އަންނަ ޒުވާނާ ބުނާގޮތުގައި މިކަމުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ފިރިމީހާ އަދި އޭނާގެ އާއިލާއެވެ.
މިކަމަށް ފުރަތަމަ އޯޑަރު ނަގަން ފެށީ ވައިބަރ މެދުވެރިކޮށް ކަމަށާއި އަދި އޭރު އެހެން ހެދީ މިކަން ކުރިއަރާފާނެކަމާއިމެދު އޭރު އެހާ ބޮޑު އުންމީދުތަކެއް ނުގެންގުޅޭތީކަމަށް ސަމާ މުނިއަވަސްއަށް ކިޔައިދިނެވެ. މިހާރު މުޅި ރާއްޖެ ތެރެއިން ވިޔުމުގެ އެކި އޯޑަރުތަކާއި ހަވާލުވާ މި ޒުވާނާގެ މި މަސައްކަތް ކުރިއަރުވަން ފޭސްބުކުގައި “އެންޑްލެސް ނޮޓު އެމްވީ” ގެ ނަމުގައި ޕޭޖެއްވެސް ހިންގާކަން އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި މިކަން ކުރިއަރަނީ އަލަށް އުފަންވާ ކުދިންނަށް ހެޔޮވަރު ބޫޓުފަދަ އެއްޗެހި ލިބެން ނުހުންނާތީ ކަމަށާއި އަދި އޭނާ ވިޔަނީ ކުޑަކުދިންނަށް ޚާއްސަ އެއްޗެހިކަމާއި އަދި މީގެ އިތުރުން ވިޔުމުގެ މަސައްކަތްކުރަނީ އެހެން މީހުން ބުނާ ގޮތަށް “ކަސްޓަމައިޒް” ކޮށް ހެޔޮ އަގެއްގައި ކަމަށެވެ. ބޮޑު އަގުގައި މިކަން ކުރަން “ވޯރތު” ނޫންކަމަށް ބުނާ ސަމާ ބުނި ގޮތުގައި އެންމެ ކުރިންވެސް ޢަޒުމު ކަނޑައަޅައިގެން އުޅެނީ މަސައްކަތްކުރާ ސްޕީޑް އަވަސްކޮށްގެން ގިނަ މީހުންގެ އޯޑަރުތައް ނެގުމަށް ކަމަށާއި އަދި އޭރުން ކުރާ މަސައްކަތާއި ލިބޭ އާމްދަނީވެސް ބައްދަލުވާ ކަމަށެވެ. އަދި މަސައްކަތް ނިންމާ ހަވާލުކުރުމަށްފަހު ނިންމާނުލާ ކަމަށާއި އެހެން މީހުން ހިތްހަމަޖެހޭތޯ ނުވަތަ ނޫންތޯ ޔަޤީންކޮށް އެމީހުންގެ ޚިޔާލު ހޯދާކަމަށް އޭނާ މުނިއަވަސްއަށް ކިޔައިދިނެވެ.
މި މަހުގެ މިހާތަނަށް އައިއިރު މަސައްކަތްތައް ދަނީ ވަރަށް ބުރަކޮށް ކަމަށް ފާހަގަކުރަމުން ސަމާ ބުނީ މިހާރު އޯޑަރުތައް މި ނަގަނީ އަންނަ އޮގަސްޓު މަހަށް ކަމަށާއި އަދި އެހެން މީހުންގެ ފަރާތުން މިހާރު މިކަމަށް ލިބޭ އެއްބާރުލުމާއި ތަރުޙީބަށް އޭނާ އުފާކުރާ ކަމަށެވެ. ޢާއިލާއަށް އެންމެ އިސްކަމެއް ދީގެން މިކަން ކުރަމުން ދާއިރު ދޭތެރެއަކުން މަޑުޖައްސާލާ ކަމަށާއި ނަމަވެސް އެކަން އެހެން މީހުންނަށް ފޭސްބުކް ޕޭޖު މެދުވެރިކޮށް އަންގާކަމަށް އޭނާ ބުނެއެވެ. އެންމެ ގިނައިން ވިޔާ އެއްޗަކީ ކުޑަކުދިންގެ ހެދުން ސެޓާއި، ބޫޓު އަދި ތޮފި ކަމަށާއި އެންމެ މަޝްހޫރީ މުއާނާ އަދި ލިބާސްކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ އަމިއްލަ ޑިޒައިންތައް ބޭނުންކޮށްގެން މި މަސައްކަތް ކުރާކަމަށް އޭނާ ކިޔައިދިނެވެ. އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފަޅު ރަށެއްގައި ވިޔުމުގެ މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. ވިޔުމުގެ ކަންކަން ކުރީ އެކަނި ނަމަވެސް ބޭނުންވާ އެހެން ކަންކަން ކުރީ ފިރިމީހާގެ ޢާއިލާގެ އެއްބާރުލުމާއިއެކުކަން އޭނާ ފާހަގަ ކުރިއެވެ. މި މަސައްކަތް ކުރިއަރަމުންދާ ގޮތާއިމެދު މުނިއަވަސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ، މަސައްކަތާއިމެދު ހިތްހަމަޖެހޭކަމަށާއި އަދި އެކަމަށް އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެކި ރަށްރަށުން މީހުން މި މަސައްކަތަށް ޝައުގުވެރިވެގެން ވާހަކަދައްކާ ކަމަށާއި އަދި އެ ރަށްރަށުގައި ވިޔަން ދަސްކޮށްދޭ ކޯސްތަކެއް ބާއްވައިދިނުމަށް ވަރަށް ގިނަ މީހުން އެދެމުން އަންނަކަމަށް އޭނާ ބުންޏެވެ.
މިކަމުގައި ޝައުގުވެރިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް ސަމާ މުނިއަވަސްއަށް ކިޔައިދިނެވެ. އަދި އަބަދުވެސް ވެވެން އޮތްވަރަކުން އެހީތެރިވެދޭނެ ކަމަށްވެސް ސަމާ އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ. މި ދުވަސްކޮޅަކީ އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި ފާހަގަކުރަމުން އޭނާ ބުނީ ވިޔާ ވޫލު ގެންނަނީ “އަލީ އެކްސްޕްރެސް” އަދި ސްރީލަންކާއިން ކަމުން މި ސަބަބާއި ހުރެ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ކުރާ މަސައްކަތް ކުރިއެކޭވެސް އެއްގޮތައް ކުރިއަށް ދާކަމަށް އޭނާ ބުންޏެވެ. ސަމާގެ ފިރިމީހާގެ ޢާއިލާއަކީ އެންމެ ބޮޑު ސަޕޯރޓުކަމަށާއި އަދި މިކަމުގައި ކުރިއަށް ދާން ބޭނުންވާ ކޮންމެ ކުއްޖެއްގެ ޢާއިލާއިންވެސް އެކުދިންނަށް ވީހާވެސް ބޮޑަށް އެހީތެރިވާން އެދޭކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް މިކަމުގައި ލިބިފައިވާ އަދި ލިބެމުންދާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވާ ބަޔަކީ އޭނާގެ ޢާއިލާއެވެ. އަދި މި ކާމިޔާބީތައް “ޑެޑިކޭޓު” ކޮށްލާނީ އޭނަގެ އާއިލާއަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަބަދުވެސް ވިޔުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މި ޒުވާނާ ބުނީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ އެއްޗެއް ދަސްކުރާ ކަމަށާއި ދުވަހަކުވެސް ދަސްކުރުން ހުއްޓާނުލާނެ ކަމަށެވެ. އެންމެ ބޮޑު އުންމީދަކީ “އިންޓަނޭޝަނަލީ” މިކަން ފުޅާކުރުން ކަމަށް އޭނާ މުނިއަވަސްއަށް މައުލޫމާތު ދިނެވެ. މިކަމާއިގެން ކުރިއަށް ދިޔުމަށްޓަކައި އެތަކެއް ފޮނި އުންމީދުތަކެއް ކުރާ ސަމާއަށް މުނިއަވަސްގެ ފަރާތުން އެދެނީ އިތުރު ކާމިޔާބީއާއި ކުރިއެރުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.
Firoo. MAASHA ALLAH. Finally you are doing this. All the best dear
Maasha Allah. V molhu kujjeh. Varah reethi page ga huri ehchhei ves