ސްޓާ ޕްލަސްގެ އެންމެ މަޤުބޫލު އެއް ސިލްސިލާއަކީ ކަސޯޓީ ޒިންދަގީ ކޭ ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. ކަސޯޓީގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަކަމަށް ޚަބަރުތައް ބުނި ހިސާބުން އެންމެ ބާރަށް ދެކެވުނު ވާހަކައަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދުވަސްވަރު ޝޫޓިން ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ކުރިން ބަޖާޖްގެ ރޯލު ކުޅެމުން އައި ކަރަން ސިންގ ގްރޯވަރ ބުނި ވާހަކައެވެ. އެއާއެކު ދެން ފެށުނު ބަހުސަކީ ދެން ބަޖާޖްގެ ރޯލު ކުޅޭނީ ކާކުބާއެވެ؟

ބަޖާޖްގެ ރޯލު ކުޅޭނެ ތަރިންނާމެދު ތަފާތު ވާހަކަތައް ދެކެވުނެވެ. އެއްބައި ޚަބަރުތައް ބުނި ގޮތުގައި އެ ރޯލު ކުޅޭނީ ގޯރަވް ޗޯޕްރާ ކަމަށެވެ. އަނެއް ބައި ޚަބަރުތައް ބުނި ގޮތުގައި އެ ރޯލު ދެން ކުޅޭނީ ޝަރަދު ކެލްކަރްއެވެ. އަދި ބައެއް ރިޕޯޓުތައް ބުނި ގޮތުގައި އެ ރޯލު ކުޅެން ހަމަޖައްސާފައިވަނީ ކަރަން ކުންދްރާއެވެ. ހިތޭން ތޭޖްވާނީއަށްވެސް އެ ރޯލު ހުށަހެޅިކަމަށް ޚަބަރުތައް ބުނެފައި ވަނިކޮށް އެންމެފަހުން މިއޮތީ ބަޖާޖްގެ ރޯލު ކުޅޭ ތަރި ހާމަކޮށްފައެވެ. އެއީ ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ސިލްސިލާ “ޔޭ ހޭ މޮހައްބަތޭން” ގެ ތަރި ކަރަން ޕަޓޭލްއެވެ.

ކަރަން ސިންގ ގްރޯވަރ (ކ) އަދި ކަރަން ޕަޓޭލް (ވ)

ޓައިމްސް އޮފް އިންޑިޔާއާއި ވާހަކަދައްކަމުން ކަރަން ބުނެފައިވަނީ މރ. ބަޖާޖްގެ ރޯލަކީ އައިކަނިކް ކެރެކްޓާއެއް ކަމަށާއި އެއީ އަދިވެސް މީހުންގެ ހަނދާންތަކުގައި އެތަކެއް ދުވަހެއް ވަންދެން ހަރުލާފައިވާ ކެރެކްޓާއެއް ކަމަށެވެ. އަދި ފުރަތަމަ ސީޒަންގައި ބަޖާޖްގެ ރޯލު ކުޅުނު ރޯނިތު ރޯއީއާއި ދެވަނަ ސީޒަންގައި ކުރިން ބަޖާޖްގެ ރޯލު ކުޅުނު ކަރަން ސިންގ ގްރޯވަރ އަށްފަހު އޭނާއަށް އެ ރޯލު ލިބުމަކީ ފަޚުރެއް ކަމުގައި ދެކޭކަމަށް ކަރަން ބުނެފައިވެއެވެ. އަދި އެ ރޯލުގައި ހުރި ކޮލިޓީ ހިފެހެއްޓުމަށް މަސައްކަތް ކުރާނެކަމަށްވެސް ކަރަން ބުނެފައިވެއެވެ.

ކަސޯޓީގެ ދެވަނަ ސީޒަންގެ މައިގަނޑު ރޯލުތައް ކުޅެނީ ޕަރްތު ސަމްތާންއާއި އެރިކާ ފަނެންޑޭޒް އަދި އާމްނާ ޝަރީފްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.