ދާދި ފަހުން އަމިއްލައަށް މަރުވި ސުޝާންތު ސިންގ ރާޖުޕުޓްގެ އެންމެ ފަހު ފިލްމު “ދިލް ބޭޗާރާ” ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައި ރިލީޒްކުރާނެ ތާރީޚު އިޢުލާންކޮށްފިއެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރުމަށް އޭނާގެ ސަޕޯޓަރުން އެދެމުން ދަނިކޮށް ފިލްމު އުފެއްދި ފަރާތުން މި ފިލްމު ޑިސްނީ ޕްލަސް ހޮޓްސްޓާ އިން ދައްކާ ގޮތަށް ނިންމުމުން ސަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް ފިލްމު އުފެއްދި ފަރާތުން ވަނީ މިގޮތަށް ފިލްމު ރިލީޒްކުރަން ނިންމީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސުޝާންތުގެ އެތައް މިލިއަން ސަޕޯޓަރުންނަށް އެކުއެކީގައި ބަލައިލެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ހޮޓްސްޓާގައި ހިމެނޭ ފިލްމުތަކަކީ ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށް އެކަނި ބެލޭ ފިލްމުތަކެއް ނަމަވެސް މި ފިލްމު ހިލޭ ބަލައިލެވޭނެ ކަމަށްވެސް ފިލްމު އުފެއްދި ފަރާތުން ބުނެފައިވެއެވެ.

ފިލްމުގެ އާ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ފިލްމުގައި ސުޝާންތުގެ ކޯ-ސްޓާރ ސަންޖަނާ ސާންގީ ލިޔެފައިވެއެވެ.

“ލޯތްބަށްޓަކައި ކުރެވޭ އުންމީދާއި ނިމުމެއް ނެތް ހަނދާންތަކެއް ކިޔައިދޭ ވާހަކައެއް. ސުޝާންތުގެ ހަނދާންތައް އަހަރެމެން ހުރިހާ އެންމެންގެ ހިތުގައި ބިންވަޅު ނެގިފައިވާނެ.

ޑިސްނީ ޕްލަސް ހޮޓްސްޓާ އިން ޖުލައި 24 އިން ފެށިގެން ދިލް ބޭޗާރާ ބަލައިލެވޭނެ. ސުޝާންތަށް ލޯބިކުރާ އަދި އޭނަގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށްޓަކައި، ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކާއި ސަބްސްކްރައިބް ނުކުރާ ފަރާތްތަކަށްވެސް މި ފިލްމު ބަލައިލެވޭނެ.”

މިއީ 2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑް ފިލްމު “ދަ ފޯލްޓް އިން އަވާ ސްޓާރސް” ގެ ހިންދީ ރީމޭކެވެ. ސުޝާންތުއާއި އަލަށް ތަޢާރަފުކުރާ ބަތަލާ ސަންޖަނާ ސާންގީ އަދި ސައިފް ޢަލީ ޚާން މައިގަނޑު ރޯލުތައް ކުޅުނު މި ފިލްމަކީ މުކޭޝް ޗަބްރާގެ އަލަތު ޑައިރެކްޝަނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.