“ސަސުރާލް ސިމަރް ކާ” ގެ ތަރި މަނީޝް ރެއިގިންހާން އާއި “ނާގިން 3” ގެ ތަރި ސަންގީތާ ޗޯހާން މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހު ކައިވެނިކުރަން ނިންމައިފިއެވެ. ސްޕޮޓްބޯއީ އަށް ދިން އިންޓަވިއުއެއްގައި އެކަން ކަށަވަރުކޮށްދެމުން މަނީޝް ބުނެފައިވަނީ އެއީ ކުއްލިއަކަށް ނިންމުނު ނިންމުމެއް ކަމަށެވެ.
“މިއީ ސަޕްރައިޒަކަށް ވެދާނެ. އަހަރެންގެ ކައިވެނި ކުރެވޭނީ ދުވާލު. މި ލޮކްޑައުންގައި އެއްކޮށް އަހަރެން އުޅުނީ އަހަރެންގެ ލަވައިގެ މަސައްކަތުގައި ވަރަށް ބުރަކޮށް. ދެން އެއްދުވަހަކު އަހަރެން ހެނދުނު ސައިގަޑީގަ ބައްޕަ ގާތުގަ އަހަރެން ބުނީ އެބަ ރާވަމޭ އޮފް ޑޭ އެއް ނަގަން. ބުނީމަ ބައްޕަ ބުނީ އޮފް ޑޭ އެއް ނަގަނީ ކައިވެނި ކުރަންހޭ. އެއީ އަސްލުގަ ބައްޕަ ސަމާސައަކަށް ބުނި އެއްޗެއް. އެކަމަކު އަހަރެންގެ ސިކުނޑީގަ އެވާހަކަ ހަރުލި. އަހަރެން ހަމަ ވަގުތުން ސަންގީތާއަށް ގުޅާފަ ބުނެފިން ހިނގާށޭ ކައިވެނިކުރަން. ބައްޕަމެން ގާތު ބުނާށޭ އަހަރެންގެ ބައްޕަމެންނާ ވާހަކަދައްކަން. އޭނަ ހުރީ ޝޮކެއްގަ. ދެން ބުނީ އެކަމަކު ކުއްލިއަކަށް ކިހިނެއް ހެއްޔޭ ކައިވެނީގެ ވާހަކަ ބުނާނީ؟ މިހެނެއް މިކަމެއް ނުވާނެޔޭ. އަހަރެން އޭނައަށް ވިސްނައިދިނިން. އަހަރެން ބުނިން ހިނގާށޭ މިއަދު 4 ޖަހާއިރު ޒޫމް ކޯލެއް ކުރަމާ، ދެން އޭނަ އެއްބަސްވީ. ވީޑިއޯ ކޯލް މެދުވެރިކޮށް އެމީހުން ވާހަކަ ދައްކާފަ ހަމަ އެރެއަށް ވީއިރު ކައިވެނީގެ ތާރީޚުވެސް ކަނޑައެޅީ.”
އިތުރަށް މަނީޝް ބުނެފައިވަނީ އޭނައަކީ އޭނަގެ ތިމާގެ ކުދިންނާއި ވަރަށް ގާތް މީހެއް ކަމަށާއި ނަމަވެސް ޖޫން 30 ގައި ކައިވެނި ކުރާ ވާހަކަ ބުނުމުން އެމީހުންނަށް ޤަބޫލުވެސް ނުކުރެވުނު ކަމަށެވެ. އެކަމަކު އޭނަގެ ގޮތް އެނގޭތީ އޭނަ އެކަން ކޮށްފާނެކަމަށް އެމީހުންނަށްވެސް ފަހުން ޤަބޫލުކުރެވުނުހެން ހީވާކަމަށް މަނީޝް ބުންޏެވެ. އަދި އޭނާގެ ކައިވެނީގައި ދެފަރާތުގެ މައިންބަފައިން ޢަމަލީ ގޮތުން ބައިވެރި ނުވާނެކަމަށްވެސް އޭނަ ބުނެފައިވެއެވެ. އަދި އެކަމުގައި ބައިވެރިވާނީ ޖުމްލަ 5 މީހުން ކަމަށާއި ބާކީ ތިބި މީހުން ބައިވެރިވާނީ ވީޑިއޯ ކޯލަކުން ކަމަށްވެސް މަނީޝް ބުނެފައިވެއެވެ.
“އަހަރެންގެ މަންމަގެ ޙާލު އެހާ ރަނގަޅެއް ނޫން. އެހެންވެ މި ބަލިމަޑުކަމުގެ ދުވަސްވަރު މަންމަ ގެއިން ބޭރަށް ނެރެގެން މަންމަގެ ޞިއްޙަތު ނުރައްކަލުގެ ތެރެއަށް ވައްޓާލާކަށް އަހަރެން ބޭނުމެއް ނޫން. އަނެއްކޮޅުން ސަންގީތާގެ މައިންބަފައިންނަކީވެސް އުމުރުން ދުވަސްވެފައި ތިބި ބައެއް. އެހެންވެ އަހަރެމެން ނިންމީ އެމީހުން ހާޒިރުނުކޮށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދަން. އެމީހުން އަހަރެމެންނާ ބައިވެރިވާނީ ވީޑިއޯ ކޯލަކުން. އަދި ކައިވެނި ކޮށްގެން އަހަރެމެން އެމީހުންގެ ގާތަށް އެނބުރި އަންނަގޮތަށް އަހަރެމެން ނިންމާފަ އޮންނާނީ. އަދި އެގޮތަށް އެމީހުންވެސް ވަނީ މަރުޙަބާ ކިޔާފަ.” މަނީޝް ބުނެފައިވެއެވެ.
އެ ދެމީހުންގެ ލޯބި ފެށުނު ގޮތް ކިޔައިދެމުން މަނީޝް ބުނެފައިވަނީ އެ ދެމީހުން އެކުގައި “ސްވަބިމާން އެކް ޝިންގާރް” ކިޔާ ސިލްސިލާއެއްގައި މަސައްކަތް ކުރި ނަމަވެސް އޭރު އެހާ ބޮޑު ގުޅުމެއް ނުއުފެދޭ ކަމަށެވެ. ފަހުން އެ ދެމީހުން ބައްދަލުވީ ސުޗިތުރާ ޕިއްލާއީގެ ގޭގައި އޮތް ޕާޓީއަކުން ކަމަށެވެ. އެ ޕާޓީ ތެރެއިން އެކުވެރިކަން ފެށި އެންމެ ގާތް ދެ އެކުވެރިންނަށްވެ އެންމެ ފަހުން ދެ ލޯބިވެރިންނަށް ވީ ކަމަށްވެސް މަނީޝް ބުންޏެވެ. މިހާރު ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދޮޅު އަހަރު ވެއްޖެ ކަމަށާއި އެއީ ރަހުމަތްތެރިކަމަކުން ފެށުނު ގުޅުމެއް ކަމަށްވެސް މަނީޝް ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”