މިއަދު ދިވެހިންގެ ތެރެއިން ހިތާމަ ކުރަންޖެހޭ އެތައް ކަމެއް ފެނިގެންދާކަމީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެވެ. އެކި މީސްމީހުން ދިރިއުޅޭ ގޮތުގެ ވާހަކަތައް އިވުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މީހުންނަށް ގަސްދުގައި ދެވޭ އަނިޔާތަކަކީ މިކަމަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބެވެ. އެގޮތުން ފާހަގަކޮށްލާނަމަ ސިހުރު ހަދާ މީހުން ސިހުރު ހަދައިގެން މީހުންނަށް ދެވެނީ ކިހާ ބޮޑު އަދި ޠަސައްވުރު ނުކުރެވޭވަރުގެ ދެރައެއްކަން އެ ހަދާ ބަޔަކަށް ހަމަ ނޭނގެނީބާއެވެ؟
ދިވެހިންގެ ތެރޭގައި ސިހުރު ހެދުމަކީ ކިތަންމެ އާންމު ކަމެއްކަމުގައި ވީނަމަވެސް އެކަމަކީ ކިހާ ބޮޑު ނުބައި ކަމެއްކަން އަންގައިދެނީ މަތިވެރި އިސްލާމްދީނުންނެވެ. އިސްލާމްދީނުގައި ސިހުރު ހެދުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހެކިކޮށްދެނީ ސިހުރު ހެދުމަކީ ޝިރުކުގެ ޢަމަލެއްގެ ގޮތުގައި އަންގަވައިފައި ވާތީއެވެ. ހަމަ އެހެންމެ އިސްލާމްދީނަކީ މީހަކަށް ދެރައެއް ދިނުމުގެ ބޭނުމުގައި އަނގައިން ދެރަ ބަހެއް ބުނުންވެސް ނަހީކުރާ މަތިވެރި ދީނަކަށް ވީއިރު ސިހުރު ހަދާ މީހުން އެނގިހުރެ މީހަކަށް ނުވަތަ ބަޔަކަށް މި ދޭ ދެރައަކީ ކިހާވަރެއްގެ ކަމެއްކަން ހަމަ ނޭނގެނީބާއެވެ؟ ނުވަތަ ހެއްދެވި ފަރާތް މާތް ﷲ ސުބްހާނަހޫ ވަތަޢާލާއަށް ބިރުވެތިވުމުގެ ޚިޔާލެއްވެސް ނެތީބާއެވެ؟ އެހެން ނޫންނަމަ މަތިވެރި އިސްލާމްދީނާއި ޚިލާފުވެވޭއިރު އެކަމުގެ ހުރި ނުބައިކަން ނޭނގެނީބާއެވެ؟ ނުވަތަ އެނގެން ބޭނުން ނުވަނީބާއެވެ؟ މިއީ ހައްތަހާވެސް އިސްލާމީ ކުޑަ ނަމަވެސް ހިދާޔަތެއް ލިބިފަ ހުރި މީހެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކެއްކަން ގައިމެވެ.
ސިހުރަކީ ދެވޭ ބޮޑު އަނިޔާއެކޭ ބުނުމަކީ ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް މީ ކިހާ ވޭންހުރި އަދި ކިހާ ބޮޑު އަނިޔާއެއްކަން އެނގޭނީ މިކަމުގެ ޝިކާރައަކަށް ވެފައިވާ މީހަކަށް އެކަންޏެވެ. މި ވޭނުގެ ކުޑަ މިންވަރެއްވެސް އަންދާޒާކޮށްލެވޭނީ މިކަހަލަ ކަމެއް ކައިރިން ފެނިފައި ހުރި މީހަކަށްކަން ގައިމެވެ. އެތަކެއް ދުވަހެއް ވަންދެން ގެއިން ބޭރަށް ނުނިކުމެ އެކަނިމާއެކަނި ހޭދަކުރަންޖެހޭ ވަގުތުތަކަކީ ކިތަންމެހައިވެސް ދަތި ވަގުތުތަކެއްކަން ކަށަވަރެވެ. މީ އަދި ކުޑަ މިންވަރެކެވެ. ވަކި ވަގުތުތަކެއް ބުނަން ނޭނގޭ ގޮތަށް އިންސާނީ ބާރުގެ ބޭރުން ސިހުރު ޖެހިފައިވާ މީހާ ތަހަންމަލުކުރާ ވަގުތުތަކަކީ ލަފުޒުތަކުން ބަޔާން ނުކޮށްދެވޭނެ ކަންކަމެވެ. ތިމާގެ ހަށިގަނޑުގައި އަމިއްލަ ބާރު ނުހިނގާކަން ތާއަބަދު ހަނދާނަށް އައުމަކީ އެމީހެއްގެ ހިތުގައި އުފެދޭނެ ކިހާ ބޮޑު ބިރުވެރިކަމެއްކަންވެސް އެނގޭނެ އިތުރު ދެވަނަ މީހަކު ނުވާނެއެވެ. ސިހުރުގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ދިރިއުޅުން ކައިރިން ފެންނަ މީހަކުވެސް ލޮލުން ކަރުނަ ހިލޭ ހިނދު މިކަމަކީ ކިހާ ބޮޑު އަނިޔާއެއްކަން ހިތުގައި އިހުސާސް ހިނގާ މީހަކަށް ވާނެކަން ގައިމެވެ.
މިކަމަކީ އެކަމަކުން ސަލަމާތްވުމަށް އެހާ އުނދަގޫ ކަމަކަށް ވާއިރު، މިކަމުން ސަލާމަތްވުމުންވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އުނދަގޫ ކަމަކަށް ވެގެންދެއެވެ. އެތައް މަސް ދުވަހެއް ނުވަތަ އަހަރުތަކަކަށްފަހު މިކަމުން ރަނގަޅުވެގެންވެސް މިކަމުގެ ހަނދާންތައް މީހާ ކުރިއަށް ދިއުމުން ހިފަހައްޓާކަން މީ މިއަދު ހާމަވާ ހަޤީޤަތެވެ. އެތައް ގޮތަކުން ލިބިފައި ހުރި އަނިޔާތަކާއެކު މީހާ ނަފުސާނީ ގޮތުން ބަލިކަށިކޮށްލާ ކަމަކަށްވެސް މިކަން ވެގެންދެއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ފިޔަވަޅެއް ނަގާ ކޮންމެ ފަހަރަކު ފަހަތަށް ދެ ފިޔަވަޅު އަޅަން މަޖުބޫރު ކުރަނީ ސިހުރުގެ ސަބަބުން ހިތުގައި އުމުރަށް ބިންވަޅު ނެގިފައިވާ ވޭނީ ހަނދާންތަކެވެ. އުޅުނު ކަޅު އަދި އަނދިރި ދުވަސްތަކެވެ. ބައެއް މީހުންނަށް މިކަމުގެ ސަބަބުން ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ކުރިމަތިވަމުން ދާއިރު އެކަމުން ނުކުންނަންވެސް ނަގަނީ ދިގު މުއްދަތެކެވެ. ސިހުރުގެ ސަބަބުން އިތުރު އަދި އެހެން ދަތިތަކަކާއި ކުރިމަތިލާން ޖެހި ބައެއް މީހުން ދިރިއުޅުމާއި ދޭތެރޭގައި ކުރި ފޮނި އުންމީދުތައް ނައްތާލުމަށްވުރެ ބޮޑު އަނިޔާއެއް މީހަކަށް ދެވޭނެބާއެވެ؟
ސިހުރުގެ ޝިކާރައަކަށްވާ މީހުންނާ ދޭތެރޭގައި އެހެން މީހުންގެ ވިސްނުން ހުންނަ ގޮތުން މީހުންގެ ތެރެއަށް ނުކުމެ އުޅެން ފަސްޖެހޭ ކިތަންމެ ބަޔަކު އެބައުޅެއެވެ. އަދި މިކަން މެދުވެރިވުމުގެ ސަބަބުން ދިރިއުޅުމުގެ ބޮޑު ހިއްސާއަކަށް ވެފައިވާ މީހުން ދުރުވުމަކީވެސް މިއަދުގެ ހަޤީޤަތެވެ. ކައިރީގައި އަބަދު ތިބޭ މީހުން ދުރުވުމަކީ ރަނގަޅު ޞިއްޙަތެއްގައިވާ މީހަކަށްވެސް ކިހާ އުނދަގޫ ކަމަކަށް ވާއިރު އަދި މިކަހަލަ، މީހުންނަށް އިހުސާސްކުރަން އުނދަގޫ ކަމެއްގެ ތެރޭގައި އުޅޭ މީހަކަށް އެންމެ ލޯބިވާ މީހުން ދުރުވުމުން ކުރާނެ އަސަރު ބުނެދޭން ނޭނގޭނެއެވެ. ޙަޔާތުގައި އުމުރަށް ލެއްވުން އެދި އަބަދު އެބަޔަކަށްޓަކައި ދުޢާކުރެވޭ މީހުން ބީވުމުގެ ހިތާމައަކީ ދެނެނުގަނެވޭނެ ކަހަލަ ކަންކަމެވެ. ނަމަވެސް މީ ސިހުރުގެ މި ނުބައިކަން ތަހަންމަލު ކުރަން ޖެހޭ މީހުން ކުރިމަތިލާން ޖެހޭ ކަންކަމެވެ. އިތުރުވަނީ ބޮޑު އަނިޔާއެއްގެ މައްޗައް އިތުރު އެހެން އަނިޔާއެކެވެ.
މިކަމަކީ މީހެއްގެ ދިރިއުޅުން އެއްކޮށް ބަނަކޮށްލާ ކަމަކަށް ވާއިރު މިއަށްވުރެ ބޮޑު އެހެން އަނިޔާއެއް މީހަކަށް ފަހެ ދެވޭނެ ހެއްޔެވެ؟ ކަން މިހެން އޮތްއިރު މީހަކަށް މިވަރު ބޮޑު އަނިޔާއެއް ދޭއިރު ފަސްނުޖެހެނީ ކީއްވެބާއެވެ؟ މީ މިއަދު ޖަވާބު ބޭނުންވާ މުހިންމު ސުވާލުތަކެވެ. މިނޫން ދުވަހެއް ލައްވާތޯ އަދި މިކަން ރަނގަޅުވޭތޯއާއި އަދި މިކަމުގައި ދިރިއުޅެމުންދާ އެންމެނަށް ހެޔޮދުޢާ ކޮށްދިނުމަކީ މިއަދު ސާފު ހިތެއްގެ ވެރި ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ފިރުޝަތު ޒަމީލް ލިޔާނީ އިޖްތިމާޢީ އަދި ޤައުމިއްޔަތުގެ ރޫހް އެކުލެވޭ ލިޔުންތެކެވެ.