އދ. ހަންޏާމީދޫ އަށް އުފަން ނުޒުހާ ނަޢީމް (ނުޒޫ) އަކީ މަންމައިންނަށް މިހާރު އާނަމަކަށް ނުވާނެެއެވެ. އޭނާގެ އަމިއްލަ ދަރިފުޅުގެ ބަރުދަން ލުއިވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ނިޔަތުގައި ކުޑަދަރިފުޅަށް މީރު ކާއެއްޗެއް ތައްޔާރުކުރުމަށް ނުޒޫ ނުފުރޮޅާކަ ގަލެއް ނެތެވެެ.

“ޔޫޓިއުބް ބަލައިގެން އެންމެ ފުރަތަމަ ޓްރައިކުރީ، ނަމަވެސް ދަރިފުޅަށް ކަމަކު ނުދިޔަ، ދެން ޑޮކޓަރުންގެ ލަފަޔާއި ޑައިޓިޝަނުން ދެއްވި މައުލޫމާތުގެ އަލީގައި  އަމިއްލައަށް އެކި އެއްޗެތި ތައްޔާރުކުރެވޭތޯ ކުރި މަސައްކަތުން ދަރިފުޅަށް މީރު އަދި ބަރުދަން އިތުރުވާ ކަހަލަ “ބަކުން” އެއް ތައްޔާރުކުރެވުނީ.”

މުނިއަވަސް އާ ވާހަކަ ދައްކަމުން ނުޒޫ ބުންޏެވެ.

ދަރިފުޅަށް ނަތީޖާ ދައްކައިދިން ގޮތްގޮތަށް ބަލައި  ނުޒޫގެ އަމިއްލަ ރެސިޕީތަކަށް ބަކުން ތައްޔާރުކޮށް، ކެއުމާއި ދުރުވެ އެކަށީގެންވާ ވަރަށް ބަރުދަން އިތުރު ނުވާ ކުދިންނަށްވެސް  ނުޒޫ މިވަނީ ހައްލެއް ހޯދައިދީ މައިންގެ ސިކުނޑިއަށް ލުޔެއް ހޯދައިދީފައެވެ.

ނުޒޫ އުފެއްދި ކުޑަކުދިންގެ ބަކުން ފޭސްބުކްގައި ހިއްސާކޮށްލުމާއި އެކު، ވަރަށް ގިނަ މީހުން ބަކުން ތައްޔާރުކޮށް ދިނުމަށް އެދެމުން ދިޔުމަކީ “ހޯމް މޭޑް ބޭބީ ސީރިއަލް” ފޭސްބުކް ޕޭޖެއް ހަދައި، ޚިދުމަތެއްގެ ގޮތުގައި މިކަން ކުރަން ފެށުނު ސަބަބެވެ.

“ދުވާލަކު 15 ވަރަކަށް މަންމައިން މެސެޖުކުރޭ، ދަރިފުޅު ބަރުދަން އިތުރު ނުވެގެން، ނުކާތީ”

ނުޒޫ ބުންޏެވެ.

ނުޒޫގެ މި މަސައްކަތަކީ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤުސަދުގައި ކުރާ މަސައްކަތެއް ނޫނެވެ. މިކަމަކީ އެތައް މައެއްގެ އެތައް ދުވަހެއްގެ ކަންބޮޑުވުމަކަށް ލުޔެއް ހޯދައި ދިނުމަށް ކުރާ ކަމެއް ކަމުގައި ނުޒޫ ބުންޏެވެ. ހަމަ އެހެންމެ ނުޒޫ މައިންނަށް ވަރަށް މުހިންމު މެސެޖެއްވެސް ދޭން ބޭނުންވެއެވެ.

“ހުރިހާ މަންމައިންނަށްވެސް ބުނެލަން ބޭނުންވަނީ ދަރިފުޅުގެ އުމުރާ އެއްވަރަށް ބަރުދަން  އިތުރުނުވާނަމަ، އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކާށޭ. ދަރިފުޅުގެ އެއްވެސް ސިއްޙީ މައްސަލައެއް ހުރިތޯ ނުވަތަ ނޫންތޯ ޔަގީން ކުރައްވާށޭ. ސިއްޙީ މައްސަލެއް ނެތްނަމަ، ނުޒޫގެ މި އުފެއްދުމުގެ އަޖުމަ ބައްލަވާލާށޭ. ރަށްރަށުގެ ތިބި މައިންނަށްވެސް ދަރިފުޅަށް ދޭނެ ތަފާތު ކާނާ ހޯދުމަށް ދަތިވާނެތީ އެ މައިންގެ ހައްޤުގައި ތުއްތު ފުރާނަތަކުގެ ސިއްޙަތަށް ހެޔޮ ބަދަލެއް، ފައިދާ ހުރި ކާނާއިން ގެނެސްދިނުމަށް ޓަކައި، ނުޒޫ ނުކުމެ މިހުރީ.”

ނުޒޫގެ ހުރިހާ އުފެއްދުމަކީ ވެސް ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ތަކެތި ކަމަށް ނުޒޫ ބުންޏެވެ. އަދި ނުޒޫ އެދެެނީ އޭނާ އަކީ ޑޮކްޓަރެއް ނުވަތަ ސިއްޙީ މާހިރެއްގެ ގޮތުގައި ނުދެކުމަށެވެ. ނުޒޫ އަކީ ޑޮކަޓަރުންނާއި ސިއްޙީ މާހިރުންދޭ ލަފަޔާއި އެއްގޮތަށް  ކާނާ ތައްޔާރު ކޮށްދިނުމަށް ޓަކައި، އެހީތެރިވެދޭ މީހެއްކަމަށް އޭނާ ބުންޏެވެ.

އެގޮތުން ނުޒޫ މިވަނީ އާންމުކޮށް ހުރިހާކުދިންވެސް ކާން ބޭނުންވާ އެއްޗިސް ހިމަނައިގެން “ސީރިއަލް ކޮމްބޯ ޕެކް” ތައްޔާރުކޮށްފައެވެ. މި ޕެކޭޖުގައި 9 ވައްތަރެއްގެ ބަކުން ހިމެނޭނެ ކަމަށް ނުޒޫ ބުންޏެވެ. އަދި ނުޒޫގެ “ހޯމް މޭޑް ބޭބީ ސީރިއަލް” ޕޭޖްގައި -/3000 ރުފިޔާގެ އަގުހުރި “ކޮމްބޯ ޕެކް” ހަދިޔާއެއްގެ ގޮތުގައި ލިބޭ ޕްރޮމޯޝަނެއެއްވެސް މިހާރު ވަނީ ފަށާފައެވެ.

ނުޒޫ އެދެނީ އޭނާގެ މިއުފެއްދުންތަކުގެ ސަބަބުން ކޮންމެ ކުއްޖެއްގެ ސިއްޙަތަށްވެސް ހެޔޮ ބަދަލެއް އައުމާއެކު މައިންގެ ސިކުނޑިއަށް ލުޔެއް، ފިނިކަމެއް ލިބުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.