ކަރީނާ ކަޕޫރް ޚާންއަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި، އެންމެ މަޝްހޫރު އެއް ބަތަލާއެވެ. މަޝްހޫރު ކަޕޫރު ޢާއިލާގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުތް މި ބަތަލާ ބޮލީވުޑްގައި މަސައްކަތް ކުރާތާ 20 އަހަރު ވީއެވެ.

ކަރީނާގެ 20 އަހަރުވީ ދިގު ފިލްމީ ދަތުރުގައިވެސް އެތައް އުސްގަނޑުތަކަކާއި އަޑިގަނޑުތަކެއް ކަޑައްތުކޮށްފައިވާއިރު، އެ ދިގު ދަތުރުގައި ފާހަގަކޮށްލެވޭ ގިނަ ކެރެކްޓާތަކެއް ދައްކައިދީފައިވެއެވެ. އޭގެ ތެރޭގައި “ކަބީ ޚުޝީ ކަބީ ޣަމް”ގައި ކުޅުނު “ޕޫ”ގެ ރޯލު ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން “އަސޯކާ”، “ޗަމޭލީ”، “ދޭވް”، “އޭތުރާޒް”، “ޗުޕް ޗުޕް ކޭ”، “އޯމްކާރާ”، “ޖަބް ވީ މެޓް”، “3 އީޑިއަޓްސް” އަދި “ހީރޮއިން” ފަދަ ފިލްމުތަކުގައި ކުޅުނު ރޯލުތައް ފާހަގަކޮށްލެވެއެވެ.

ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކޮށް ކަރީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައެވެ. އޭނާގެ ފުރަތަމަ ފިލްމު “ރެފިއުޖީ”ގައި ކަރީނާގެ ފުރަތަމަ މަންޒަރުގެ ފޮޓޯއެއް ހިއްސާކުރަމުން ލިޔެފައިވެއެވެ.

“އަހަރެންގެ ފުރަތަމަ މަންޒަރު ނެގީ ފަތިހު 4 ޖެހިއިރު. އަހަރެން މިއަދު ފަތިހު 4 ޖެހިއިރު ހޭލާފައި ލޯގަނޑަށް ބަލަން ހުރެ އަމިއްލަ ނަފްސަށް ބުނިން، އެއީ އަހަރެންނަށް ނެގުނު އެންމެ ރަނގަޅު ޑިޒިޝަންއޭ. 20 އަހަރު ދުވަހު ކުރި ބުރަ މަސައްކަތާއި ޑެޑިކޭޝަންއާއި އަމިއްލަ ނަފްސަށް އޮތް އިތުބާރު. އަހަރެންގެ ހުރިހާ ފޭނުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން އެ ދިން ލޯތްބާއި ސަޕޯޓާއި ހިތްވަރަށް. އަދި ޖޭޕީ ދައްތާއަށްވެސް ޝުކުރު އަދާކުރަން އަހަރެންގެ ފިލްމީ ޙަޔާތް ފަށައިދިނީތީ އެންމެ ސުވީޓް ކޯ-ސްޓާރަށް ވީތީ އަބީޝެކަށްވެސް، އަދި މި ފިލްމުގެ މަސައްކަތުގައި ބައިވެރިވި ކޮންމެ މީހަކަށް ޝުކުރު އަދާކުރަން. އެދުވަސްތަކަށް އެނބުރި ދާން ބޭނުން.”

ކަރީނާ އެންމެ ފަހުން ފެނުނީ އޭޕްރިލް މަހު ނިޔާވި އެކްޓަރ އިރްފާން ޚާންއާއެކު “އަނގްރޭޒީ މީޑިއަމް” އިންނެވެ. ކުރިއަށްވެސް ކަރީނާގެ ޝައުޤުވެރި އިތުރު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އާމިރު ޚާންއާއެކު ކުޅޭ “ލާލް ސިންގ ޗައްޑާ” އަދި ކަރަން ޖޯހަރްގެ “ތަޚްތު” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.