ގަލަމީ ތަސްވީރު
ނޯޓް: މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އިންސާނުންގެ ތަފާތު ގޮތްގޮތަށް މީހުން މޮޔަ ހައްދައެވެ. އަޅާ ހެދުމުންނެވެ. އުޅޭ އުޅުމުންނެވެ. ބަސްމޮށުންތެރިކަން ހުންނަ ގޮތުންނެވެ. މިޒާޖުގެ ގޮތުންނެވެ. ބައެއް ފަހަރު އިންސާނާ ދިރިއުޅެމުންދާ ގޮތުން އޭނާ ދިރިއުޅެމުންދާ ނަވުގައި މޮޔަ ކަމުގެ ސިއްކަ ޖަހާފައިވެސް ހުރެއެވެ. ބައެއް އިންސާނުންނަށް ހަޤީޤީ މޮޔައިންނަކީ ކޮބައިކަން ނޭގި ފަަންޖިފްޓި ގަނޑުގައި ބޯހިޔަވަހި ކަމެއް ނެތި ފަޤީރުކަމުގައި އުޅޭ މީހާއަށްވެސް މޮޔައިންގެ ނަމުން ނަންކިޔާ އުޅެއެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ހަޤީޤީ މޮޔައިންނަކީީ ސިކުނޑި ހަމަނުޖެހޭ މީހުންނޭ ބުނެއުޅެއެވެ.

ކޮންމެއަކަސް ދިވެހިންގެ ތެރޭގައި މޮޔައިންގެ ލިސްޓު ވަރަށް ދިގެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ މޮޔައިންގެ ލިސްޓު ގަލަމީ ތަސްވީރަކުން ބަޔާންކޮށްދޭކަށެއް ނޫނެވެ. ނުވަތަ މޮޔައިންގެ ފަރިއްސެއް ކިޔައިގެން ތިޔައިން ބޭފުޅަކު ހެއްވާލާކަށެއްވެސް ނޫނެވެ. ފަޤީރު ގޮތަކަށް ދިރިއުޅުނު މޮޔަ މީހެއްގެ ވާހަކަ އަޑުއިވުމާއެކު އެންމެ ފުރަތަމަ ޚިޔާލަށް އަންނަ މީހެއްގެ ސިފަ ގަލަމީ ތަސްވީރަކުން ބަޔާންކޮށްލެވޭތޯއެވެ. އުޅޭ އުޅުމުން މޮޔައެކޭ ބުންޏަސް އެއީ ހިތްހެޔޮ ސާދާ މިޒާޖެއްގެ މީހެކެވެ.

އަޅުގަނޑު އެންމެ ކުޑައިރުއްސުރެވެސް ދަންނަ އަދި އެމީހަކު ފެނުމުން އޭރު އެންމެ ބިރުގަންނަ ކުއްޅަފުށި ދަލޭކަ (އަސްލު ނަމެއް ނޫން) މަޝްހޫރު ނަމުންނަމަ ”މޮޔަ ދަލޭކަ” އަކީ މިދެންނެވި ގޮތުގެ ލާމަސީލް މިސާލެކެވެ.  ރަށުގެ ރައްވެހިންގެ މެދުގައި ދަލޭކަ އަކީ މޮޔަ އެކެވެ. ބޮޑު މޮޔަ އެކެވެ. ނަމަވެސް އޭނާގެ މޮޔަކަން އޭނާއަކަށް އިހްސާސެއް ނުކުރެވެއެވެ. އޭނާ ދެކޭގޮތުގައި އޭނާ ހުންނަ ގޮތުން ބައެއް މީހުން ބިރު ގަންނަނީ އެވެ.

އެހެންކަމުން، ކުޑަގޮތަކަށްނަމަވެސް ދަލޭކަ ގެ ސިފަ ތަޢާރުފްކޮށްދޭން ޖެހިއްޖެއެވެ. އާދައިގެ އިސްކޮޅެކެވެ. އަވަސް ހިނގުމެކެވެ. ބަލާ ބެލުމަށް ހަށިގަނޑު މުސްކުޅި ކަމުގެ އަސަރު ފެނެއެވެ. ނަމަވެސް އެއީ މުސްކުޅި ކަމުގެ ފޮނެއް ނޫނެވެ. ނުތާހިރުކަމުގެ އަސަރެވެ. ކުލަ ފަނޑުނަމަވެސް ރީތި ވަށް މޫނެކެވެ. ހެއުވަރުގެ ހަށިގަނޑެކެވެ. ބޯ ހުންނަނީ ހިކިފައިވާ ފަނެއް ކުރުއްސާލީމާ ވިހުރެގެންގޮސް ހޭވިފައި ހުންނަގޮތަށް ހޭވިފައެވެ.  ފެންވަރާނެ ގޮތެއް ނެތިގެން، ފެންވަރާ އުޅެނީ މަހަކު އެއްފަހަރު މޫދަށް އެރިގެންނެވެ. ހެދުމަށް ބަލައިލާއިރު ލާއުޅެނީ ގޭގެއިން ބާވެގެން އުކާލާފައި ހުންނަ ބައު ހެދުމެވެ. އެއިރަކު ލިބެން އޮތް ހެދުމެކެވެ. މާ އަލެއްވެސް ނޫނެވެ. މާ ބަލެއްވެސް ނޫނެވެ. ގަޔަށް ހެއުވަރު ވަރަށްވުރެން ތަނަވަހެވެ. ފުޅަލެވެ. ދިގެވެ. ވަކި މިވެނިކުލައެއް އެނގޭވަރަށްވުރެން ދައުވެފައިވެއެވެ.  ހައްދަވައިގެން ފައިވާނަކަށް ނާރާނެއެވެ. ގިނައިން އުޅޭނީ ރަށުގެ އިރުމަތީ ފަރާތު އަތިރިމަތީގައެވެ. ނަމަވެސް މީހަކު ފެނިއްޖެނަމަ ހީލައެވެ. އަބަދުވެސް ހުންނާނީ ހެވިފައެވެ. މާމޮޅު ބަސްމޮށުންތެރިކަމެއް ނެތް ނަމަވެސް އާދައިގެ ގޮތަކަށް ވާހަކަ ދައްކާ އުޅެއެވެ. ވާހަކަ ދެއްކުމުގައިވެސް ރަށުގެ އެހެން މީހުންނާއި ތަފާތު ގޮތެއް ހުރެއެވެ.

އާދެ! މިއީ މޮޔަ ދަލޭކަ އެވެ. ދަލޭކަ އަކީ ރަށުގެ ފަޤީރެކެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދެބެން ތިބެއެވެ. އޭގެތެރެއިން އަލީ އަކީވެސް ރަށުގެ މީހުން ދެކޭގޮތުގައި މޮޔަ އެކެވެ. އޭނާއަށް އެރަށު މީހުން ކިޔާ އުޅެނީ ”މޮޔަ އަލީ ” އެވެ. ނަމަވެސް އަޅުގަނޑު ހިތަށް އަރަނީ އެމީހުން މޮޔަވީ ކިހިނެއްބާވައެވެ. ބަޔަކު މޮޔަ ކުރުވީ ބާވައެވެ. ހަޤީޤަތުގައިވެސް އެއީ މޮޔަ މީހުން ބާވައެވެ.

ކޮންމެއަކަސް އެވާހަކަ ބާއްވާށެވެ. އަޅުގަނޑު ކުޑައިރު މޮޔަ ދަލޭކަގެ ނަން އަޑު އިވުނަސް އަޅުގަނޑު ބިރުން ތުރުތުރު އަޅައެވެ. އެއްރެއަކު އެރަށުގެ ގެއެއްގައި ކުދިންތަކެއް ނުކާންވެގެން ރޮނީ އެވެ. އެކުދިން ނުކެއުމުން އެކުދިންގެ މަންމަ ރުޅިގަދަވިއެވެ. އޭރު އެކުދިންގެ މަންމައަކަށް އެގޭގެ ބޭރު ފަރާތު ޖޯލީގައި ދަލޭކަ އިށީއިދެގެން އިންކަމެއް ނޭގެއެވެ. ކުދިންގެ ރުއިން ހުއްޓާނުލުމުން އެކުދިންގެ މަންމަ ބުންޏެވެ. މިރޭ ނުކައިފިއްޔާ މޮޔަ ދަލޭކަ އާ ހަވާލުކުރާނަމެވެ. މިހެން ބުނެ ދަލޭކަ އަންނާށޭ ކިޔާ ގޮވަން ފެށިއެވެ. އެވަގުތު ދަލޭކައަށް އެއަޑު އިވިގެން ހެވި ދަތްތައް ދިލުވައިގެން ހުރެ އެގޭތެރެއަށް ވަދެއްޖެއެވެ. ވަނުމާއެކު ރޮއެރޮއެ ތިބި ކުދިންތައް ބިރުން ކުއްލިއަކަށް ރުއިން ހުއްޓާލިއެވެ. އަދި ބިރުން ތުރުތުރު އަޅައަޅަން ފެށުމުން އެކުދިންގެ މަންމަ ދަލޭކަ އާއި ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. އަދި ބުންޏެވެ. ދަލޭކަ ކީއްކުރަން ތިޔައީ. ދާންއުޅޭ. މިހެން ބުނުމުން ދަލޭކަ ބުންޏެވެ. އަންނާށޭ ބުނީމައޭ މިއައީ.. އެކުދިންގެ މަންމަ މިކަމާއި ހައިރާންވެގެން ހުރެ ބުންޏެވެ. ދަލޭކަ ތިހާ އަވަހަށް އަންނާނެކަމެއް ނޭގެއެވެ. އެއީ ކުދިން ހުއްޓާނުލީމަ ހުއްޓާލަންވަން ދަލޭކަ އަށް ގޮވާލިއްޔޭ. ދަލޭކައަށް ކިހިނެއް އެގުނީ ގޮވިކަން. މިހެން ބުނުމުން ދަލޭކަ ހީލާފައި އެގެއިން ނިކުމެގެން ދިޔައީއެވެ. ނަމަވެސް މިއަދު ދަލޭކަ އަކީ އެރަށުގައި ރޯ ކުދިން ހަމަ މަގަށް އެޅުވުމުގައިވެސް މޮޅު ބޭހަކަށް ވެއްޖެއެވެ. ނުކާ ކުދިންނަށް ފަރުވާއަކަށް ވެއްޖެއެވެ.

ދަލޭކަގެ ދިރިއުޅުމަށް ބަލާއިރު، އޭނާ ކައިބޮއެ އުޅެނީ ބައެއް ގޭގެއިން ކައިފައި ބާކީ ހުންނަ އެތިކޮޅު އެމީހުން ދަލޭކައަށް ދިނުމުންނެވެ. ބައެއް ފަހަރު ބައެއް ގޭގޭގައި ދަލޭކައަށް ކާންދޭން ހާއްޞަކުރެވިފައިވަ ތައްޓެއް ހުރެއެވެ. މިހެން ހަދަނީ ދަލޭކަ ފެންނުވަރާ ގޮނޑުކޮށް ހުންނާތީއެެވެ. އޭނަގެ ގައިން ނުބައިވަސް ދުވާތީއެވެ. އާއެކެވެ. މިއީ ދަލޭކަގެ ހާލެވެ. ބައެއް މީހުން ދަލޭކަ ފެންވަރުވަންވެސް އުޅެއެވެ. ނަމަވެސް ދަލޭކަ އަކީ އެގޮތަށް ހޭނިފައި ހުންނަ މީހަކަށްވުމުން ގިނަ ފަހަރަށް ދަލޭކަ ފެންވަރަންވެސް ޖެހިލުން ވަނީއެވެ. އޭނާ ގިނައިން ނިދާ ހަދަނީ ބައެއް ގޭދޮށުގައި ހުންނަ ޖޯލިފަތީގައާއި ބައެއް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ފެންޑާ ނުވަތަ އައްޓެއް މަތީގައެވެ. ވިއްސާރަ ދުވަސްވަރެއް ނަމަ ބައެއް ގޭގޭގައި ހިޔާކޮށްފައި ހުންނަ ޖިފުޑިގަޑުގެ ތެރޭގައިވެސް ނިދާ އުޅެއެވެ. އުޅޭކަށް ރަށުގެ ވަކި ތަނެއް ހާއްޞަ ކުރެވިފައެއް ނުވެއެވެ. ވަންނާނެ އަމިއްލަ ގޯއްޗެއް ނުހުރެއެވެ. މިއީ އެފަކީރުގެ ހާލެވެ.

ރަށުގެ ލާނެއް ފުރައިގެ ފިރިހެން ކުދިންނާއި ރަށުން ބޭރުން އަރާ ފިރިހެނުން ދަލޭކަ އާއި ދިމާކޮށް ފުރައްސާރަކޮށްވެސް ހަދައެވެ. އެމީހުން ދަލޭކަ އާއި ފޮށެ އުޅެނީ ދަލޭކަ މޮޔައަކަށް ހަދައިގެންނެވެ. ބައެއް ފަހަރު މީހުން ނިދާ ހިލަބުވާ ވަގުތު ބަލާފައި ލޯބިވެތި ގޮތަކަށް ދަލޭކަ އާއިއެކު އެކަހެރިކޮށް އުޅޭ ލާނެއް ފުރައިގެ ފިރިހެން ކުދިންވެސް ވަކި މަދެއް ނޫނެވެ. މިގޮތަށް މިކަން ހިނގާކަން އެގެނީ ދުވަސް ދުވަސް ކޮޅުން ދަލޭކަ ބަލިވެ އިންނަކަން ރަށުގެ ހަރުފުރައިގެ މީހުންނަށް އެގޭތީއެވެ. ނަމަވެސް ބަލިވެ އިންނަ ކޮންމެ ފަހަރަކު ދަލޭކަ ވިހަނީ އެކަނި އޮވެއެވެ. ފޫޅު މަޔަކީވެސް ދަލޭކަ އެވެ. ޢާއްމުކޮށް ވިހާ ދަރިފުޅުގެ ފޫޅު ދަލޭކަ ދަތުން ބުރިކޮށްލައެވެ. އަދި ވިހާ ކުއްޖާ މަރާލާ ވަޅުލާކަމަށްވެސް ރަށުތެރޭގައި ވާހަކަ ފެތުރެމުން ދެއެވެ. އެކަމާ ދަލޭކަ ދެކެ އިންތިހާއަށް މީހުން ރުޅި އާދެއެވެ. ނަމަވެސް ދަލޭކަ އަކީ މޮޔަ މީހެކޭ ބުނެ އެވާހަކަ ދެއްކުން ހުއްޓާލައެވެ.

އަޅެ ހައިރާނެއް ނުވާނެ ހެއްޔެވެ. ރަށުގެ ބައެއް ރައްޔިތުންނަށް ދަލޭކަ އަކީ ޖިންނި މޮޔަވާ މީހެއްކަމަށް ސިފަވާން ފަށައިފިއެވެ. ހަނދުބޮޑުވާ މޫސުމަށް ގިނައިން ދަލޭކަ ފެންނާނި ރަށުގެ އިރުމަތީ ފަރާތުގައި ހުއްޓައެވެ. ގޮޑުދޮށުގައި ހިނގާލަ ހިނގާލާ ހުއްޓައެވެ. އެފަދަ ރޭރޭ ދަލޭކަ ފެންނަ ކޮންމެ މީހެއްގެ ދުލުންވެސް ދަލޭކަ އަކީ ހަނދުބޮޑުވާ މީހެކޭ ބުނެ އުޅެއެެވެ. އަސްލުވެސް ދަލޭކަ ޖިންނި މޮޔަވޭ ހެއްޔެވެ. ބަލާބެލުމަށް އެފަދަ ރޭރޭ ދަލޭކަގެ އުޅުން ހުންނަ ގޮތުން އެއީ ޖިންނި މޮޔަވާ މީހެއްނޫން ކަމަށްވެސް ބައެއް މީހުން ދެކެއެވެ. ނަމަވެސް ދަލޭކަ ބޭނުންވަނީ އެހެން މީހުންގެ ލޯމައްޗަށް ދަލޭކަ އަކީ ޖިންނި މޮޔަވާ މީހެއްކަން ސިފަކޮށްދޭށެވެ. އެހެންނަމަވެސް އެކަމުގެ އަސްލެއް އެކަކަށްވެސް ނޭގެއެވެ.

މޮޔަ ދަލޭކަގެ މިހުރިހާ ހަޤީޤަތެއް ފާޅުވެގެން ދިޔައިރު ، އޭނާއަކީ ، ދިރިއުޅުމުގެ މަންޒިލު މަޤުޞޫދެއްކަމުގައި މޮޔައެއް ކަމުގައި ބަލައިގެން ދަތުރުކުރަމުންދިޔަ ، އެކަނިވެރި އިންސާނެކެވެ. މޮޔަކަމާއި ފަޤީރުކަން އެއްކިބައިގައި އޮތް ނަމަވެސް އޭނާއާއިމެދު އެހެންމީހުންގެ ހިތުގައި މިއަދު ވަނީ،  ބުނަން ނޭގޭފަދަ ލޯތްބެކެވެ. ހަމްދަރުދީއެވެ.

…………………..

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.