އަހަރެން މާލޭގެ ގެއަކަށް ކިޔަވަން  އައިތާ މާގިނަ ދުވަހެއް ނުވެއެވެ. އޭރު އެގޭގައި އިތުރު ދެ ކުއްޖަކުވެސް ކުއްޔަށް އުޅެއެވެ. ދެން އުޅެނީ މުސްކުޅި ފުރައިގެ އަންހެނެކެވެ. އެއީ ގޭގެ ވެރިމީހާއެވެ. އަންހެން މީހާއަކީ ގޭގައި މަދުފަހަރެއްގައިނޫނީ ކައްކާ ކައިބޮއެހަދާ  އުޅޭ މީހެއް ނޫނެވެ. ކާތަކެތި ގެންނާނީ ގެ ކައިރީގައި ހުންނަ ހޮޓަލަކުންނެވެ. އެއްދުވަހަކު ގޭގައި ކުއްޔަށް އުޅޭ އަލީ (އަސްލުނަމެއް ނޫން) އެދައްތަ ކުރާ މޮޅު ކަމެއްގެ ކިޔައިދިނެވެ.

އެއީ ރަމަޟާން މަހެކެވެ. އޭނާ އާއި ފަހީމް މިގޭގައި އުޅެނިކޮށް ދައްތަ އެއްދުވަހަކު ކަރައެއް ގެނެސްފިއެވެ. އަދި ކަރާ ދެފަޅިއަށް ފަޅާލައި އެއްފަޅި އަލީ މެންނަށް ދީގެން ކައިފިއެވެ. އަދި ކަރައިގެ އަނެއްބައި ދައްތަ  ގެންގޮސް ނިދާ ކޮޓަރިއަށް ލައިފިއެވެ. ދޭތެރެ ދޭތެރެއިން އެ ދައްތަ މިކަހަލަ މޭވާތައް ގެއަށް ގެނެސް އަހަރެމެންނަށްވެސް ކާންދެއެވެ. ދައްތަގެ ދަރިއެއް ނެތުމާއެކުު އަޅުގަނޑުމެން އެގޭގައި ކުއްޔަށް އުޅުނު ނަމަވެސް ދައްތަ އަޅުގަނޑުމެންނާއި ދޭތެރޭ ދެކެނީ އަމިއްލަ ދަރިން ފަދައިންނެވެ.

އެގޭގައި ކުއްޔަށް އުޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ދައްތަގެ އާދަކާދަ ހުންނަގޮތުން ކޮންމެ ރަމަޟާން މަހަކުވެސް ރޯދަ ވީއްލަން އެއްޗެހި ހަދަނީ އަޅުގަނޑުމެންނާއެކީގައެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ރޯދަވީއްލަނީ ދައްތަ ދޭ ކަރާފޮތި ނޫނީ ފޭރުފަނި ފަދަ ފޮނިއެއްޗަކުންނެވެ. ދައްތަ ކުޑަ މިނީބާ ފުރިޖެއް ބަދިގޭގައި ގެންގުޅެއެވެ. ނަމަވެސް ކަރަންޓް ޚަރަދު ބޮޑުވާތީ ވަރަށް މަދު ފަހަރެއްގައި މަދުވަގުތުކޮޅަކަށް ނޫނީ ނުޖައްސައެވެ. އެއްދުވަހަކު ދައްތަ ގަނެގެން ގެނައި ކަރާ އެދުވަހަށް ވާވަރަށް ހެދުމަށްފަހު އޭގެ އަނެއްބަގައި ދައްތަގެ ކޮޓަރިއަށް ލައިފިއެވެ. އޭގެ ދެދުވަސްފަހުން އެކަރާފަޅި ދައްތަގެ ކޮޓަރިން ނެރުނުތަން ޢަލީއަށް ފެނިއްޖެއެވެ. ދައްތަގެ އަތުގައި އޮތް ކަރާ ފީވެ ކުނިވާން ކައިރިވެފައިވާކަން އަލީއަށް އެނގެއެވެ. ޢަލީ ހިތުގައި ބައިވަރު ސުވާލުތައް އުފެދި ދައްތައާއި ސުވާލުކުރިއެވެ.

އަލީ: ދައްތާ ކޮންތާކު ތި ކަރާފަޅި ބޭއްވި. ކޮޓަރީގަ މިހާރު އައިސްއަލަމާރިއެއް ހުރޭތަ؟

ދައްތަ: ނޫނޭ ފާޚާނާ އެހެރީނު. އެއީ ހަމަ ފުރިޖެއް ކަހަލަ ތަނެއް. ފާޚާނާގައި އަބަދު ފެން ބޭނުންކުރާތީ ވަރަށް ފިނިވާނެ. އެހެންވެ އެތާގަ ބޭއްވި. ކިހިނެއްވީ!

އެވަގުތު އަލީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ފާޚާނާއަކީ ވަރަށް ނަޖިސް ތަނަކަށްވެފައި ދައްތަ އަކީ ވަރަށް ގޮނޑުކޮށް އުޅޭ މީހަކަށް ވާތީއެވެ. އަދި ދައްތަގެ ފާޚާނާގެ މުޑުދާރުކަން ޢަލީއަށްވެސް އެނގިފައިވާތީ އޯކާ ދެމުންނެވެ. ދައްތަ އާއި ދިމާލަށް އެއްޗެކޭ ބުނަން ހިތައް އެރި ނަމަވެސް ރަމަޟަންމަހެއްގައި އެފަދަ ވާހަކައެއް ދައްކާ ޒުވާބުކޮށް ހެދުމަކީ ގޭގެ ވެރިމީހާވެސް ހިތްހަމަ ނުޖެހޭ ކަމަކަށްވާތީ އެއްޗެކޭ ނުބުނެ ޢަލީ ދިޔައީ ކޮޓަރިއަށެވެ. އަދި ޢަލީއާއެކު އެއްކޮޓަރީގައުޅޭ ފަހީމް އާއިވެސް މިވާހަކަ ހިއްސާކުރިއެވެ.

ފަހީމް: ޢަލީ! އެހެންވެއްޖިއްޔާ މިއޮށް ހުރިހާ ދުވަހު އަހުރެމެންނަށް ދައްތަ ކޮޓަރިން ނެރެގެން ކާންދިން އެއްޗިއްސަކީ ތި ފާޚާނާ ފުރިޖުން ފިނިކޮށްގެން ތައްޔާރުކޮށްފަ ދިން ކާ އެއްޗެހި. އައްޗީޑި…! މަށެއް ދެނެއް ދައްތަ ދިން އެއްޗަކުން ރޯދައެއް ނުވީއްލާނަން.

މިހެން ބުނެފައި ފަހީމް ބޭރަށް ނުކުމުގެން ހިގައްޖެއެވެ. އިރުކޮޅަކުން ޢަލީވެސް އަވަށްޓެރި ފިހާރައަކަށް ގޮސް ކޯކް ފުޅިއަކާއި ބިސްކޯދު ގަނެގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އިރުކޮޅަކުން ދޮރުގައި މީހަކު ޓަކި ޖެހުމުން ދޮރުހުޅުވާލިއިރު އެއްކަލަ ކަރާއިން ކަރާފަނި ހަދާފައި ދެ ތަށި ކަރާފަނި ހިފައިގެން ދައްތަ ދޮރު ކައިރީގައި ހުއްޓެވެ. ޢަލީ އެކައްޗެކޭވެސް ނުބުނެ ކަރާފަނި ތަށި ދައްތަގެ އަތުން ނެގުމަށްފަހު މޭޒުމަތީގައި ބަހައްޓާފައި ދޮރުލެއްޕިއެވެ. އޭރު އިރުއޮއްސޭން ކައިރިވެއްޖެއެވެ. ބަންގި ދިނުމުން ޢަލީ ގަނެފައިވާ ކޯކް ފުޅިއާއި ބިސްކޯދު ހިފައިގެން ގޮސް ގޭގެ ތާނގީ ބިއްދޮށުގައި ހުރެ ރޯދަ ވީއްލުމަށްފަހު ޢަލީވެސް ދިޔައީ މިސްކިތަށެވެ.

މަޣްރިބު ނަމާދަށް ޢަލީ ދިއުމުން ދައްތަގެ އާދަކާދައިގެ މަތިން ޢަލީމެން އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލީ ހުސް ތަށި ބަލައެވެ. ނަމަވެސް މިއަދު ދައްތައަށް ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ދައްތަ ދިން ދެ ކަރާފަނި ތަށިވެސް ހުރިގޮތަށް ހުރީއެވެ. ޢަލީއާއި ފަހީމް މިސްކިތުން އައުމުން ދައްތަ ސުވާލު ކުރިއެވެ.

ދައްތަ: ޢަލީ ކީއްވެ ފަނިތަށި ނުބޮއި ބަހައްޓާފައިހުރީ.

ޢަލީ: އެ ބޯން އަޅުގަނޑުމެންނަށް ނުފެނުނީމަ ނުބޮއި ބަހައްޓާފައި އެހެރީ.

ޢަލީ މިހެން ބުނުމުން ދައްތަ ވަރަށް ދެރަވިއެވެ. މިފަދަ ހެޔޮކަމުން ފުރިގެންވާ މައްސަރެއްގައި ހެޔޮހިތުން އެކަކު އަނެކަކަށް ދޭ އެެއްޗެހީގައިހިފުމުގެ މުހިއްމުކަމާއި ބެހޭގޮތުން ނަސޭހަތް ދިނުމަށްފަހު އެކަރާފަތިތަށިތައް ހިފައިގެން ދައްތަ ހިގައްޖެއެވެ. އޭގެ ފަހުން ދައްތަގެ 5 ފޫޓް 4 ފޫޓެއްހާ ކުޑަ ފާޚާނާ ފުރިޖަށް ލުމަށްފަހު ފިނިކޮށްގެން ނެރޭ ދުފުމަށް ބޭނުންކުރާ ބިލެތާއި މޭވާއާއި ތަރުކާރީފަދަ އެއްޗެއްސާއި އެއްޗެހިން ހަދާފައިހުންނަ ތަކެތި ކެއުމާއި ބުއިން ޢަލީއާއި ފަހީމް ހުއްޓާލައިފިއެވެ. އެއީ ސިއްޙީގޮތުން ރަނގަޅު ކަމަކަށް ނުވާތީއެވެ. ނަމަވެސް ކުރިން ޢަލީއާއި ފަހީމްއަށް އެފަދަ އެއްޗެހި ކެވިފައިވާތީ އެހަނދާން އާވާ ކޮންމެ ފަހަރަކު އޯކަށް ދެމެއެވެ. ވާނީވެސް އެހެންތާއެވެ.

……………..

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.