ކޮވިޑް-19 އާއި ގުޅިގެން ކުޅިވަރުގެ ޙަރަކާތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މިއަދުން ފެށިގެން ކުޅިވަރު ކުޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އާ ޢާންމު ޙާލަތުގެ މަރުޙަލާގައި، 1 ޖުލައި 2020 އިން ފެށިގެން ކުޅިވަރު ކުޅެހެދުމުގައި ޢަމަލުކުރުމަށް ޔޫތު މިނިސްޓްރީ އާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް ޔޫތު މިނިސްޓްރީން ނެރުނު އިޢުލާނުގައި ވިދާޅުވެފައިވެއެވެ.

  • އެކުޅިވަރެއް ކުޅޭ ތަނެއްގައި، އެއްފަހަރާ ކުޅެވޭނީ ގިނަވެގެން 30 މީހުންނަށް.
  • ކުޅޭއިރު މާސްކް ނޭޅުން.
  • ކޮވިޑް-19 ގެ ޢަލާމާތެއް (ކެއްސާ ކިނބިހި އެޅުން، ހުންއައުން ފަދަ) ހުރިނަމަ،  ކުޅިވަރު  ކުޅުމުގައި ބައިވެރި ނުވުން.
  • ކުޅުންތެރިން ގެންނަ ދަބަސްފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުން.
  • އެއް ކުޅުންތެރިޔަކު ބޭނުންކުރާ ބިބްސްފަދަ ތަކެތި އަނެއް  ކުޅުންތެރިޔަކު ބޭނުން ނުކުރުން.
  • ގެއިން ނިކުތުމުގެ ކުރިންނާއި،  ކުޅެ ނިމުމަށްފަހުގައި ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
  • ތަންތަނުގައި އަތްލުމަށްފަހު، ނޭފަތާއި އަނގަޔާއި ލޮލުގައި އަތްނުލުން.
  • ކުޅެ ނިމުމުން ގެއަށް ގޮސް ފެންވެރުމާއި، ޖާޒީ ބަދަލުކުރުމާއި އެއެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުން.
  • އަމިއްލަ ފެން ފުޅި ބޭނުންކުރުން.
  • ސާފުތާހިރުކަމަށް އިސްކަންދިނުމާއި،  ކޮންމެ ކުޅުންތެރިއަކުވެސް ވަކިން ސެނިޓައިޒަރ ގެންގުޅުން.
  • ކޮވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭ ގެ އެންގުންތަކާއި، އާންމު ކުރަމުންގެންދާ އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

މިވަގުތު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ހުޅުވާލި ނަމަވެސް، ޙާލަތަށް ރިޢާޔަތްކޮށް ކޮންމެ ވަގުތަކުވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ޖެހިދާނެކަން ޔޫތު މިނިސްޓްރީން ނެރުނު އިޢުލާނުގައި ފާހަގަކުރައްވާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.