ވާހަކަ ދެއްކުމުގެ މަތީފެންވަރުގެ ހުނަރުތައް އުނގަންނައިދިނުމަށް ‘ޒާދު އެކެޑަމީން’ ހިނގާ އަދަބީ ޕްރޮގްރާމުގެ ދަރަޖަ 1 ގެ 2ވަނަ ބެޗް ދަސްވެނިވެއްޖެއެވެ. މި ރަސްމިއްޔާތު ކުރިޔަށް ގެންދެވިފައިވަނީ ހުސްވި ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑުއެވެ. ނިސްމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

އާދަމް ނަޞީރު އިބްރާހީމްގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލައި ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމަކީ އޮންލައިންކޮށް އުނގަންނައިދެވޭ އަދަބީ ޕްރޮގްރާމެކެވެ. ކޯހުގެ މުދައްރިސަކީ ވެސް އޭނާއެވެ. މި ފަހަރުގެ ކޯހުގައި ގެސްޓް ލެކްޗަރަރ އެއްގެ ގޮތުން ކްރިޓިކަލްތިންގގެ ގަަޑި ނަންގަވައިދެއްވީ ލެފްޓިނެންޓް ކަރނަލް ޙަސަން ޢާމިރެވެ.

މި ފަހަރުގެ ޕްރޮގްރާމު 45 ބޭފުޅަކު ފުރިހަމަ ކުރެއްވިއެވެ. 30 ބޭފުޅަކު ތަޤުރީރު ތައްޔާރުކުރައްވައި ތަޤުރީރު ކުރެއްވިއެވެ.

އުމުރުން 16 އަހަރުން ފެށިގެން 50 އަހަރުން މަތީގެ ބޭފުޅުން ވެސް ކާމިޔާބު ކަމާއެއެކު ކޯހުގެ މަސައްކަތްތައް ފުރިހަމަ ކޮށްފައިވާ މި ޕްރޮގްރާމުގައި ކިޔެވުން ކުރިޔަށް ގެންދިޔައީ 15 ދުވަސް ވަންދެން ކޮންމެ ރެޔަކު 10:00 އިން 12:00 އަށެވެ. ކޯސް ރާވާލެވިފައިވަނީ ކޯހުގެ މަސައްކަތަށް ކޮންމެ ބައިވެރިޔަކު ވެސް ގާތްގަނޑަކަށް 50 ގަޑި އިރާއި 60ގަޑި އިރާއި ދެމެދުގެ ވަގުތު ހޭދަކުރަން ޖެހޭ ގޮތަށެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރީންގެ ތަޤުރީރުކުރުމުގެ ހުނަރު ދައްކާލެވޭ ވީޑިޔޯ ރިޕޯޓެއް ގެނެވުނެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ބޭނުންތެރިކަމާއި އޭގެ އުކުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. ހަމަ އެހެންމެ އދ. އާއި އަދި އެ ނޫން ވެސް މަތީފެންވަރުގެ އެކި މުއައްސަސާތަކުގައި އެމަނިކުފާނު މަސައްކަތްކުރެއްވި އިރު މި ދާއިރާއިން ކުރެއްވިފައިވާ ބައެއް ތަޖުރިބާތައް ބައިވެރީންނާ ހިއްސާކުރެއްވިއެވެ.

“ގިނައިން ފޮތް ކިޔަންވާނެ. މަޢުލޫމާތު ހުންނަންވާނެ. އެތައް ފަހަރަކު ފަރިތަކުރަންވާނެ. ބިރުކެނޑެންދެން އަމިއްލަ ނަފުސަށް އަޑު އިއްވައިގެން ބާރަށް ފަރިތަކުރަންވާނެ.” ޝަމީމު ވިދާޅުވިއެވެ. ހަމަ އެހެންމެ ކޯހުގައި ކިޔަވައިދެއްވި ބައިތަކުގެ އޮއްޓަރާއި މުދައްރިސްގެ  ހުނަރުވެރިކަމުގެ މައްޗަށް ފުރިހަމައަށް އިތުބާރުކުރައްވާކަމަށް ވިދާޅުވެ ތާރީފުކުރެއްވިއެވެ.

މި ޖަލްސާގައި ބައިވެރީންގެ ފަރާތުން ވާހަކަ ދެއްކި ދަރިވަރު ހާމަކުރި ގޮތުގައި ބައިވެރީން ކޯހާ މެދު ހިތްހަމަ ޖެހޭ ގިނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ގަޑިޔަށް ފެށުމާއި ގަޑިޔަށް ނިންމުމެވެ. ބޭކާރު އެއްވެސް ވަގުތެއް ނޯންނަ ގޮތަށް މުޅި ކޯހުގެ ހުރިހައި ވަގުތެއް ކޮންމެ ގަޑިޔެއްގައި ރާވާލެވިފައި އޮތުމެވެ. ހަމަ އެހެންމެ ވަރަށް ތަރުތީބުން ވަރަށް ފަރުވާތެރިކަމާއެކު މުޅިން އާ ބަހަވީ އަދި ފަންނީ ހުނަރުތަކެއް ދަސްކޮށްދެއްވިކަން އޭނާ ފާހަގަ ކުރިއެވެ. މީގެ އިތުރަށް ކޯހުގެ ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ވެސް ބައިވެރީންނަށް ލިބުނު އެހީތެރިކަން އޭނާ  ފާހަގަކުރިއެވެ.

“އެންމެ ހިތް ހަމަ ޖެހެނީ ވަރަށް އާ ވަރަށް ޢިލްމީ މަޢުލޫމާތުތަކެއް ލިބުނީތީ. އަދި ތަޤުރީރު ތައްޔާރު ކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ކޮންމެ ދަރިވަރަކަށް ވަކިވަކިން އެތައް ފަހަރަކު އުސްތާޛު ވަގުތު ދެއްވީތީ.” އެހެން ދަރިވަރަކު ފާހަގަ ކުރިއެވެ.

ޒާދު އެކެޑެމީގެ ފަރާތުން މަސްއޫލުވެރިޔާ ޢަލީ އިބްރާހީމް ދީދީ ދެއްކެވި ވާހަކަފުޅުގައި ޝަރަފުވެރިމެހުމާނަށާއި ކޯހުގެ މުދައްރިސް އާދަމް ނަޞީރު އިބްރާހީމަށް ޝުކުރުއަދާކުރެއްވިއެވެ. އާދަމް ނަޞީރު އިބްރާހީމްގެ ވާހަކަފުޅުގައި ވެސް ޝަރަފުވެރި މެހުމާނު ޑރ. ޢަލީ ޝަމީމަށާއި ޒާދު އެކެޑެމީއަށާއި އަދި ކްރިޓިކަލް ތިންކިންގ ގެ ގަޑި އިންތިޒާމު ވެގެން އައި ގޮތް ފާހަގަކުރައްވައި ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ލެފްޓިނެންޓް ކަރނަލް ޙަސަން ޢާމިރަށް ޝުކުރު އަދާކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.