ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީ އާއި، ޔޫތު މިނިސްޓްރީން އިންތިޚާބު މަޑުޖައްސާލުމަށް އެދިފައި ވަނިކޮށް ދާދި ދެންމެއަކު، އެފްއޭއެމް ގެ އިންތިޚާބު ބާއްވައި ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ހޮވައިފިއެވެ.

އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެނަމަ، ވޯޓަކާ ނުލާ އިންތިޚާބު ވާގޮތަށް ބައިވެރިވި ހުރިހާ މެމްބަރު ކުލަބުތަކުގެ އިއްތިފާގުން މިއަދުގެ ކޮންގްރެސްގައި އެފްއޭއެމްގެ އަސާސީ ގަވާއިދު ވަނީ އިސްލާޙު ކޮށްފައެވެ. އެހެންކަމުން، ބައްސާމާއި، އެ ބޭފުޅާ ހުށަހެޅުއްވި އެގްޒެކެޓިވް ކޮމިޓީ ވަނީ ވޯޓަކާ ނުލާ ހޮވިފައެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ:

ރައީސް: ބައްސާމް އަދީލް ޖަލީލް
ސީނިއާ ނައިބް ރައީސް: އަލީ އުމަރު
ނައިބް ރައީސް: ހުސެއިން ޝާފިއު (ކޮއްކީ)
އެގްޒެކެޓިވް ކޮމިޓީގެ އާންމު މެމްބަރުން: އަހުމަދު ޝަކީބް (ޑޮކް)، އަހުމަދު ނަޝީދު (ޑޭވް)، މުފާވިޒް ހާޝިމް (މުފާ)، މުއާވިޔަތު ހަލީލް، އައިމިނަތު ޝާނީޒް (ޝާނީ) އަދި، މުހައްމަދު ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ. ފީފާ އިން ބުނެފައި ވަނީ، އެ ފެޑެރޭޝަނުގެ އަސާސީ ގަވާއިދާ އެއްގޮތަށް އެއްވެސް ނުފޫޒެއް ނެތި، މިނިވަން ކަމާއެކު، އެފްއޭއެމް ހިންގުމުގެ ފުރުސަތު އޮޮންނަންވާނެ ކަމަށާއި، އެކަމަށް ހުރަސް އެޅުމަށް ތިން ވަނަ ފަރާތަކުން އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފުޓުބޯޅައިގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.