ޑުރާމާއަށް ފާޑުކިޔުމަކީ މޮޅު ޑުރާމާއެއް އުފެއްދުމަށް އިތުރަށް މަޤުފަހިވެގެންދާނެ ކަމެކެވެ. ޑުރާމާއަށް ފާޑުކިޔުމުގައި ބަލަންޖެހޭ ކަންތައްތަކެއްވެއެވެ. މީގެތެރޭގެ ޑުރާމާގެ ސްޓްރަކްޗަރ، ޑައިލޮގް، ސްޓޭޖު ޑައިރެކްޝަންފަދަ މުހިންމު ބައިތައް ހިމެނެއެވެ.
އެހެންކަމުން މި މަޒުމޫނުގައި ސައިކުރާ އިބްރާހިމް ނަޢީމް ލިޔުއްވާފައިވާ ” ކިހާ ހިތާމަހުރިކަމެއްތޯ؟” މި ޑުރާމާއަކީ މޮޅު ނުވަތަ ބަލިކަށި ޑުރާމާއެއްތޯ ދެނެގަތުމަށް މި ޑުރާމާއަށް ފާޑުކިޔުމަށް މަސައްކަތްކޮށްލާނަމެވެ. މިގޮތުން މި ޑުރާމާއަށް ފާޑުކިޔުމުގައި ޑުރާމާގެ ބައިތަކާއި، ޑްރެމެޓިކް ސްޓްރަކްޗަރ، ޑައިލޮޖް އަދި މި ޑުރާމައިގެ ސްޓޭޖް ޑއިރެކްޝަނަށް ބަލާލެވިފައިވާނެއެވެ.
ޑުރާމައިގެ ބައިތައް
ޑުރާމާގައި އޮންނަނީ މައިގަނޑު ދެބައިކަމަށް އަޒީޒާ އަފީފު (2017) އާއި ޢަލީ އިސްމާއިލް (2006) ވިދާޅުވެއެވެ. އެދެ ބަޔަކީ ޓްރެޖެޑީ އާއި ކޮމެޑީ އެވެ. ޓްރެޖެޑީއަކީ މުހިންމު އިޖުތިމާޢީ، ދީނީ ނުވަތަ މީހެއްގެ ދިރިއުޅުމުގެ މައްސަލައަކަށް ބިނާކޮށް ފައި ހުންނަ ސީރިޔަސް ޑުރާމާއެއްކަމަށާއި، މި ވައްތަރުގެ ޑުރާމާގައި އޮންނަނީ ހިތާމަވެރި ނިމުމެއްކަމަށް އަޒީޒާ އަފީފު ( 2017 ) ވިދާޅުވެއެވެ.
ކޮމެޑީއަކީ މާބޮޑަށް ސީރިއަސް ނުވަތަ ހިތާމަވެރިކޮށް ނިމޭ ޑުރާމާތަކެއް ނޫނެވެ. އޭގައި އެއްވެސް ސީރިއަސްކަމެއް ނުހުންނާނެއެވެ. މި ވައްތަރުގެ ޑުރާމާގެ ނިމުން މަޖާވެފައި އުފާވެރިވާނެކަމަށް ޢަލީ އިސްމާއިލް (2006) ހާމަކުރައްވާފައިވާއިރު، މިކަހަލަ ޕްލޭ ހަދާފައިވަނީ އާއްމުހާލަތެއްގައި މީހުންނަށް ދިރިއުޅުމުގައި ވެދާނެ ކަންތައްތަކަށް ބަލާފައިކަމަށް ނޯހްވޮސް2 (2012) ހާމަކުރައްވައެވެ. ހަމަ އެހެންމެ މެލޯޑްރާމާއަކީ ކެރެކްޓަރ ދައްކައިދޭންޖެހޭ އިހްސާސްތައް ދައްކަންޖެހޭ ވަރެއްވުރެން ބޮޑުކުރުންކަމަށާއި، އެއީ އެ ކެރެކްޓަރާއި ޕްލޮޓް އޮޑިއަންސްއަށް ރީތިކޮށްދިނުމުގެ ގޮތުން ބޭނުންކުރާ ޓެކްނިކެއްކަމަށް ސަބްޓާކީ ސެންގުޕްޓާ (2016) ހާމަކުރައްވައެވެ. މިގޮތުން ސައިކުރާ އިބްރާހިމް ނަޢީމް (1980) ލިޔުއްވާފައިވާ ” ކިހާ ހިތާމަހުރިކަމެއްތޯ” މި ޑުރާމާއަށްބަލާއިރު، މިސާލަކަށް؛ ” އަލީ ހުސޭނު: މި ފުށްގަނޑު ހީވަނީ މިހާރު ފިރުޢާއުނު މުދާގަނޑެއްހެން” މިހެން ބުނުމުން މި ޑުރާމާ ބަލަން ތިބޭ ބަޔަކަށް މި ޑުރާމާއަކީ މީހުން ހެއްވާލާފަދަ މަޖާ ޑުރާމާއެއްކަން ދޭހަވެއެވެ. އެހެނީ ފުށްގަނޑު އެއްފަދަ ކޮށްފައި އެވަނީ ފިރުޢައުނުގެ މުދާ ގަނޑަކާއެވެ. މިހެން ބުނެފައި މިވަނީ ފުށްގަނޑު ދިޔާކުރުމަށް ގިނައިން ފެން އެޅުމުގެ މާނައިގައެވެ. ހަމައެހެންމެ މިޑުރާމާގެ އެހެން ޑައިލޮގު ކޮޅަކަށް ބަލާއިރު، އުފަލުންގޮސް އަލީ ބުނެއެވެ. ” އަލީ: ނަގުލަންދާއްޓާ! މިއޮތޯ ޝަހީދު! މިހިރީ ފުށް ޑަބިޔާއެއް! ” މިހެން ބުނުމުންވެސް ބަލަން ތިބޭ ބަޔަކަށް މި ޑުރާމާގެ މަޖާކަން އިހްސާސް ކުރެވޭނެއެވެ. ސަބަބަކީ ހިކިފުށްކޮޅެއް ނެތިގެން ހޯދަމުން ދަނިކޮށް ފުށްޑަިބިޔަލެއް ފެނުމުން ކުރެވޭ އިޙްސާސްގައި މަޖާ ގޮތަކަށް ތަފާތު ބަސްކޮށާރެއް ހިމަނައިގެން ބުނެފައިވާތީއެވެ. އިތުރު މިސާލަކަށް ބަލާއިރު، ”އަލީ: މަގޭ ރޮށި މިކާލަނީ ކުޑަމަންޖެ ހަނދާންކޮށްފައި ތިޔަވަރަށް ހިތާވާން މަފަށާނީ އުކުނޑި ކޮށްޓަން ކަންނޭގެ” މިހެން ބުނުމުންވެސް މި ޑުރާމާގެ މަޖާކަން އިހްސާސް ކުރެވެއެވެ.
މީގެއިތުރުން މި ޑުރާމާ ނިމިގެން ދަނީ ވަރަށް ހިތާމަވެރިކޮށެވެ. ފުށްކަމަށް ހީކޮށް ކޮކަޑިފަދަ ވިހަ މާއްދާއެްކައިގެން ދެ މީހުން މަރުވާ ހިސާބުންނެވެ. މިސާލަކަށް، ” ކުޑަހަސަނު: އިންނާ ލިއްލާހި މިދެކޮއިފުޅު މިތިބީ މަރުވެފަ” އަދި އަލީ ހުސޭނު: (ހޮޑުލާލާފައި) ކުޑަހަސަނާ! އަހަރެމެން ތިޔަނެގީ ވަގަށްކަމަށް ހީނުކުރާތި. ހިކިފުށްކޮޅެއްލާންގެން ނެގުނީ! މިފަދަ އިބާރާތްތަކާއި، އަދި ”އަލީ ހުސޭނު: ކުޑަހަސަނާ ދެލޯފުޅާ ރަންކޮޅާ. އަހަރެމެންގެ ތެރެޔަކު ތިޔަތާނައެއް އަރަތްބެއް ލިޔަންކިޔަން ދަންނަ މީހަކު ނެތޭ. ލިޔަން ކިޔަން އެނގޭހާލުގައި ތިބިނަމަ އިރުކޮއްތަށް ފޮނިފުށް ހިލާލައިގެން އެކާލައިގެން ފަޅުރަށްރަށަށް ދަރުކޮށަން އުޅޭކަން ނުޖެހުނީހޭ” މިފަދަ އިބާރާތުން ޑައިލޮގުތައް ހުރުމުން އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެން ދެއެވެ. އަދި މިފަދަ އިބާރާތްތަކުން އަންގައިދެނީ އަސާސީ ފެންވަރަށް ލިޔަން ކިޔަން ނޭގުމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ދަތިއުދަގޫތަކެވެ. އަދި މިފަދަ ކަންކަމުން ހިތާމަޔާއި ކުރިމަތިލާން ޖެހިފައިވާކަމެވެ. އެހެންކަމުން މި ޑުރާމާއަކީ ޓްރެޖީކޮމެޑީ ޑުރާމާއެކެވެ. ޑުރެޖީކޮމެޑީ ޑުރާމާއަކީ އޭގައި އުފަލާއި ހިތާމަ އެކުލެވިގެންވާ ޑުރާމާތަކެއްކަމަށް އަޒީޒާ އަފީފު (2017) ވިދާޅުވެއެވެ. އަދި މިފަދަ ޑުރާމާތަކަކީ ދަށް ފެންވަރުގެ ޑުރާމާތަކެއްކަމަށްވެސް އަޒީޒާ އަފީފު (2017) ވިދާޅުވެއެވެ.
ޑްރެމެޓިކް ސްޓްރަކްޗަރ
އެރިސްޓޯލް ލިޔުއް ފުރަތަމަ ޑުރާމާއައި ބެހޭގޮތުން ބޮސްޓަން.އެމްއޭ ( އަހަރު ނެތް) ހާމަކުރައްވާގޮތުގައި ޑްރާމާއެއްގައި ހިމެނެނީ ފެށުން، މައިގަނޑު، އަދި ނިންމުންކަމަށެވެ. މިއީ ޑްރާމާގެ އޮނިގަނޑެވެ. ޑުރާމާއެއްގެ އޮނިގަނޑުގައި ވާހަކައެއްގެ ޕްލޮޓެކޭ އެއްގޮތަށް ޑުރާމާއެއްގައިވެސް ކަރެކްޓަރުންނަށް ދިމާވާ މައްސަލަތައް ނުވަތަ ކޮންފްލިކްޓް ހިމެނޭކަމަށް އަޒީޒާ އަފީފު (2017) ވިދާޅުވެއެވެ.
ޑްރާމާއެއްގެ ޕްލޮޓްގެ ބައްޓަމާއި އަނގަބަހުން ބުނެފައިވައި އެއްޗެކައި ތަފާތެއް ނޯންނަކަމަށް ހީތާ ކެރޮލް ( އަހަރު ނެތް) ހާމަކުރައްވައެވެ. މިގޮތުން ކޮންމެ ޑްރާމްއެއްވެސް ފައްޓަނީ އެޑްރާމާގައި ހިނގާ ދުނިޔެ ކިޔައިދިނުމާއި، ޑްރާމައިގައި އުޅޭ ކެރެކްޓަރސްތައް ކިޔައިދިނުމުން (އެކްސްޕޮސިޝިއަން) ނެވެ. އެއައް ފަހު ޑްރާމައިގައި ހިނގާ ހާދިސާތައް (ރައިސިންގް އެކްޝަން)، އަދި ކްލައިމެކްސް، ހާދިސާގެ ނިމުން(ފޯލިންގ އެކްޝިއަން) އަދި އެންމެފަހުން ރިސޮލިއުޝަންކަމަށްވެސް ހީތާ ކެރޮލް ( އަހަރު ނެތް) ހާމަކުރައްވައެވެ.
”ކިހާ ހިތާމަހުރިކަމެއްތޯ” މި ޑުރާމާގެ ޕުލޮޓް ރާވާލާފައިވަނީ މި ޑުރާމާ ލިޔެފައިވާ ދުވަސްވަރާއި ގުޅުވައިގެންނެވެ. އެ ދުވަސްވަރަކީ އަސާސީ ތައުލީމުގެ މަޝްރޫޢު ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ހިނގަމުން އައި ދުވަސްވަރުކަމަށްވެފައި ލިޔަން ކިޔަން ނޭގުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާއެއްގެ މައްޗަށެވެ. މިގޮތުން ޕްލޮޓް ލައިޓް ފެށިގެން އައިސްފައިވަނީ ކުޑަހަސަނު ރަންދެލީގެ ރަށްވެރިގޭތެރޭގައި ކާސިމު ގޮވައިގެން ވަލަށްދާން ތައްޔާރުވާ ހިސާބުންނެވެ. އަދި ފުރޯ، ގޯނި ނަގައި ތައްޔާރުކޮށްގެން އިތުރު 4 މީހަކާއެކު ވަލަށް ވަދެ ދަރުހޮވަން އުޅުމުގެ ތެރޭގައި ބަނޑުހައިވެގެން ކާނެ އެއްޗެއް ނެތިގެން ކުޑަހަސަނު ނެތިސް އޭނާ މީދާ މަރަން ގެނައި ކޮކަޑި ޑަބިޔާ ފެނިފައި އުފަލުން އޭގައި ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭގި އޭގައި ރޮށި ފިހެގެން ކައިގެން އެތަނުން 2 މީހަކު މަރުވެ ދިމާވާ ހާދިސާއެއްގެ މައްޗަށެވެ. އަދި މިކަން ކުޑަަހަސަނަށް އެނގުމުން ޑުރާމާ ނިންމާލަމުން ދޭ މެސެޖަކުންނެވެ.
”ކުޑަހަސަނު: ބަލަ ހުސޭނާ އެހެންވީމަޔޭ ދީނުގެ ފަރަތުން ކިޔަވަން އަންގަވަނީ. ސަރުކާރުގެ ފަރާތުންވެސް ކިޔަވަން އަންގަވަނީ. މަނިކާރޯއްޖާ ލިޔަންކިޔަން ނުދަނެ ފުދޭ ތަޢުލީމެއް ނުލބި އުޅެން ހަދައިގެން ލިބިފައިހުރީ ތިޔައްވުރެ ބޮޑެތި ގެއްލުން. ހުސޭނާ ބުނާކަށް މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލުމު އުގެނެން އަންވަނީ ވަކިބަޔަކަށް ނޫން. ހަމަ އެއްމެނަށް.”
މި ޑައިލޮގުންވެސް ދޭހަކޮށްދެނީ މި ޑުރާމާގެ ޕްލޮޓަކީ އިޖުތިމާޢީ މައްސަލައަކާއި ގުޅިގެން ލިޔެފައިވާ ވަރަށް ފުރިހަމަ އަދި އެއިން ވަރަށް އިބްރަތްތެރި ފިލާވަޅުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލޮޓެއްކަމެވެ. އެހެންކަމުން މި ސްޓޭޖް ޑުރާމާގެ ޕޮލޮޓަކީ ވަރަށް ހަމަޖެހޭ ފެށުނީއްސުރެ ނިމެންދެންވެސް ބަލާލަން ތިބެވޭގޮތަށް ރާވާލެވިފައިވާ ޕްލޮޓެއްކަމެވެ.
ކޮންފްލިކްޓަކީ އިދިކޮޅު ކެރެކްޓަރ ނުވަތަ އިދިކޮޅު ބާރާދެމެދު އުފެދޭ ކްލޭޝް އަރާރުން ނުވަތަ ދިމާވާ މައްސަލަ ނުވަތަ ތަޙައްމަލް ކުރާ އުނދަގޫތަކެވެ. މި ޑުރާމާގައި ކޮންފްލިކްޓް އުފެދޭ ހިސާބަކީ ލިޔަން ކިޔަން ނޭގޭ ބަޔަކު ކުޑަހަސަނު ގެންގުޅޭ ކާޑުފޮށީގެ ބޭރުގައި ޖަހާފައިހުރު ލިޔުންކޮޅުތައް ކިޔަން ނޭގި އެ ފޮށީގައި ހުރި ފުށްޑަބިޔާ ފެނިފައި އެ އިން ރޮށި ފިހެގެން ކެއުމުން ގޮތެއްވެ ހޮޑުލާފައި ދެ މީހަކު މަރުވި ހިސާބުންނެވެ. ” އަލީ: ކަލޯ ޔޫސުބާށް މަށަވެސް އެބަގޮތެއްވޭ ” މިހެން ބުނެ އަލީ ހުސޭނު ފަދައިން އަލީވެސް ހޮޑުލައި އެންމެ ފަހުން ކުޑަހަސަނަށް އާދެވުނު އިރު އެދެ މީހުން މަރުވެފައި ތިބޭ ހިސާބުންނެވެ. އަދި އާދަނު: އެހެރީ މޮޅުފުށް މޮޅުފުށް ” މިހެން ބުނުމުން ޑަބިޔާ ކުޑަހުސޭނަށް ފެންނަ ހިސާބުން ނެވެ. އަދި ޑައިބިޔަލުގައި ލިޔެފައިވާ ލިޔުންތައް އާދަނު މެންނަށް ކިޔަން ނޭގޭކަން ކުޑަހަސަނަށް އެގި އޭގައި އެހުރީ ކޮކަޑިކަން ކުޑަހަސަނު ބުނާ ހިސާބުންނެވެ. ”ކުޑަހަސަނު: މިއޮތީއެއް ނޫންތަ މީ ކޮކަޑިއޭ. މީވިހައޭ. މިއާ ކައިރނުވާށޭ! ” މިހެން ބުނާ ހިސާބުންނެވެ. އަދި އެގެ ރަށްދުގައި އޭގައި ލިޔެފައިވާ އެއްޗެއް އާދަނަކަށްވާ ކިޔާކަށް ނޭގެއޭ ބުނެ އާދަނުގެ ހިތުގައި އުފެދޭ ކެތްކުރަން ދަތި ބޭނުންތަކާއި ލިޔަންކިޔަން ނޭގުމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.
ޑައިލޮގް
ޑައިލޮގަކީ ޑްރާމާގައި ވާގޮތް ކިޔައިދީ ވާހަކައިގެ ޕްލޮޓް ކުރިއަށް ގެންދިއުމަށް ބޭނުންކޮއްފައިޥާ ބަސްތަކާއި ޖުމްލަތައްކަމަށް ހީތާ ކެރޮލް ( އަހަރު ނެތް) ހާމަކުރައްވައެވެ. ޑައިލޮގު ހުށަހަޅައިދިނުމުގައި މައިގަނޑު ހަތަރު ބޭނުމެއް ވެއެވެ. އެއީ ކެރެކްޓަރ ހުށަހަޅައިދިނުމާއި، ވާހަކަ ކުރިއަށް ގެންދިއުމާއި، ފޮރުވިފައިވާ ނުވަތަ ދެވަނަ މާނައެއް އެކުލެވިގެންވާ ވާހަކަތައް ހާމަކޮށްދިނުމުގެ އިތުރުން އޯޑިއެންސް ފޫހިފިލުވައިދީ ޝައުޤުވެރިކުރުވުންކަމަށް އަޒީޒާ އަފީފު (2017) ހާމަކުރައްވައެވެ.
ކެރެކްޓަރ ހުށަހަޅައިދިނުމުގައި ކޮންމެ ކެރެކްޓަރެއްގެ ޑައިލޮގުވެސް އެ ކެރެކްޓަރަކާއި ގުޅެން ވާނެކަމަށާއި، އަދި ޑައިލޮގުން ކެރެކްޓަރ ފާޅުވާން ވާނެކަމަށްވެސް އަޒީޒާ އަފީފު (2017) ހާމަކުރައްވައެވެ. މިސާލަކަށް؛ ”ކުޑަހަސަނު: މިއޮތީ މައް ދިވެހި ތާނަ އަކަުރަކުން ނޫންތަ ލިެފައި!” މިހެން ބުނުމުން ކުޑަހަސަނު ކެރެކްޓަރ އަކީ ލިޔަންކިޔަން އެނގޭ މީހެއްކަން ދޭހަވެއެވެ. އަދި އެހެން މީހުންނަށް ކަންކަން އަންގައިދޭން މަސައްކަތްކުރާ ރަނގަޅު ކެރެކްޓަރއެއްކަން ހާމަވެއެވެ.
މިސާލަކަށް؛ ” ކާސިމް: ކީކޭތަ ތިޔަ ސިޓީގައި އޮތީ!
ޢަލީ: މަށަކަށް މިއަކުއޮތް އެއްޗެއް ނޭގެ.
ކުޑަހަސަނު: ( ސިޓީކިޔާފައި) އާނ. މީގައި ހަސަންމަނިކު އަންގަވާފައި މިއޮތީ ކަލޭމެންނަށް ދަރުދޫކުރާށޭ.
މި ޑައިލޮގުކޮޅަށް ވިސްނާލުމުންވެސް އެނގެނީ ކުޑަހުސޭނަކީ ލިޔަންކިޔަން އެނގޭ ތަންދޮރު ދަންނަ މީހުންނަށް ކަންކަން އޮޅުން ފިލުވައިދޭން މަސައްކަތްކުރާ މީހެއްކަމެވެ. ނަމަވެސް ޢަލީ ގެ ކެރެކްޓަރ އިން ހަމަވަނީ އޭނާއަކީ ލިޔަން ކިޔަން އެއްގޮތަކަށްވެސް ނޭގެ މީހެއްކަމެވެ. އަދި ކާސިމްގެ ޑައިލޮގުންވެސް މިކަން ދޭހަވެއެވެ. އެހެންކަމުން މި ޑުރާމާގައި ކޮންމެ ކެރެކްޓަރެެއްގެ ޑައިލޮގުވެސް އެކެރެކްޓަރާއި ގުޅޭގޮތުން ގެނެސްދީފައިވާކަން ހާމަވެއެވެ. މިސާލަކަށް؛ އާދަނު: ކޮކަޑިއަކަސް ދައްގޫމަކަސް އަލިފާން އާތްވަކަސް ކައިރިނުވާން އެނގޭނީ އަހަރެމެންނަށް ތިޔައިގައި އޮތް އެއްޗެއް އެނގެންޏަކާ ނޫންތަ؟ ” މި ޑައިލޮގުކޮޅަށް ބަލާއިރު މި ކެރެކްޓަރުގެ ތަޢުލީމީ ފެންވަރާއި ވިސްނުން ހުރިގޮތް ހާމަވެއެވެ. ” ކާސިމް: މަށަށް ހީވަނީ އަހަރެމެންނަށް މިދެވެނީ ސެންޓަރުގައި ހުންނަ ޑަކުތަރު ބޭހެއްހެން” މިހެން ބުނުމުން އެދުވަސްވަރުގެ ރަށްފުށުގެ ދިރިއުޅުން ހާމަވެގެން ދެއެވެ. އެހެންކަމުން މި ޑުރާމާގެ ކޮންމެ ކެރެކްޓަރެއްގެ މިޒާޖަށް ބެލިޔަސް އެއީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަމާއި، އެމީހަކު ދުނިޔެއާއި މެދު ދެކޭގޮތް އަދި ތަޢުލީމީ ފެންވަރާއި ވިސްނުންހުރީ ކިހިނެއްކަންވެސް މި ޑުރާމާގެ ކެރެކްޓަރުންގެ ޑައިލޮގުތަކުން ހާމަވެއެވެ. ވީމާ މިއީ ރަނގަޅު ސިފައެކެވެ.
ވާހަކަ ކުރިއަށް ގެންދިއުމުގައި ކެރެކްޓަރުން ހާމަކުރާ ކަންކަމާއި، ކުރާ ސުވާލުތަކާއި، ނިންމާ ނިންމުންތަކުގެ ސަބަބުން ވާހަކަ އަބަދުވެސް ހިނގަހިނގާ ހުންނަކަން މި ޑުރާމާއިން ހާމަވެއެވެ. މިސާކަލަށް: ” ކުޑަހަސަނު: އޭ! ކަލޭމެން ކޮންދަތުރަކުތަ ތިޔައައީ!” އޭގެ ރައްދުގައި ” އަލީ: މިއައީ ހަސަންމަނިކު ދެއްވި ސިޓީއެއް ހިފައިގެން! މިއޮތީ ސިޓީ!” މި ޑައިލޮގުކޮޅުންވެސް މިކަން ސާބިތުވެއެވެ. މީގެއިތުރުން ފުންކޮށް ވިސްނުމަށްފަހު ، ހާދިސާ ރާވައި ކުރިއަށް ގެންގޮސްފައިވަނީ ޑައިލޮގުގެ އެހީގައިކަން ފާހަގަކުރެވެއެވެ. މިސާލަކަށް، އެއްޗެއް ރޯފިލުވާއިރުވެސް ޑައިލޮގުގެ އެހީގައި ބުނެފައިވާކަން ފާހަގަވެއެވެ. ” ހުސޭނު: ކޮންެއްޗެއްތަ ރޯފިލުވަނީ. ރޯފިލުވިއަސް ރޮލަށް ކެޔަސް އޮތީ މިއޮއް ފުށްބޮނޑި. މަށަށް ދެން ނުހުރެވޭނެ.” މިފަދަ އިބާރާތްކުރުންތަނުންނެވެ.
މީގެއިތުރުން ދެމާނަ އެކުލެވިގެންވާ ވާހަކަތައް ހާމަކުރުމުގައި ސަބް ޓެކްސްޓް ނުވަތަ ދެ މާނަ އެކުލެވިފައިވާ ވައްބަސް ފަދަ ބަހުރުވަ ބޭނުންކުރަން ވާނެކަމަށާއި، ނަމަވެސް މިފަދަ ވާހަކަތަކުގެ މާނަ ދޭހަވާނީ މަންޒަރުތަކާއި ގުޅުނީމަައިކަމަށް އަޒީޒާ އަފީފު (2017) ހާމަކުރައްވައެވެ. މިސާލަކަށް: ”އަލީ : މިހާރު ގޮހޮރުވަޔާ ތަޅަނީ. ” މިހެން ބުނުމުން ބަނޑުހައިކަމުގެ އިހްސާސް ކުރެވެއެެވެ. އަދި ”ހުސް ގޮހޮރާ ހުރުން” މި މާނަވެސް ނެގެއެވެ. ނަމަވެސް މިއިން ކޮންމެ ގޮތަކަށް ބުނި ނަމަވެސް ދޭހަވާނީ އެއް މާނައެކެވެ. ” އަލީ: ނަގުލަންދާއްޓާ! މިއޮތީ ޝަހީދު” މިހެން ބުނުމުން ބިރުވެރިކަމުގެ އިހްސާސް ކުރެވެއެވެ. ޝަހީދޭ ބުނުމުން ޤާއުމުގެ ހައްޤުގައި މީހެއްގެ ފުރާނަ ދުއްވާލުން ނުވަތަ ފުރާނަ ޤުރުބާންވުން ފަދަ މަނަތައް ނެގެއެވެ. ނަމަވެސް މި ޑުރާމާގައި ޝަހީދު މާނަކުރަނީ އުފާވެރިކަމެވެ. ހައިހޫނުކަން ފިލުވާނެ އެއްޗެއް ލިބުމުންނެވެ.
އޯޑިއަންސް ފޫހިފިލުވައިދީ ޝައުޤުވެރި ކުރުމުގައި ޑައިލޮގުން އޯޑިއަންސްގެ ސަމާލުކަން ހޯދަން ވާނެއެވެ. މި ޑުރާމާގެ ޑައިލޮގުގެ ކޮންމެ ޖުމުލައަކީ ބެލުންތެރިނަށް މުހިންމު ޖުމުލައަކަށް ވެއެވެ. ހެއްވާ މަޖާ ޑައިލޮގާއި، ހިތާމަ، ޝައްކު އުފެއްދުންފަދަ ތަފާތު އިޙްސާސްތަކާއެކު ޑްރާމާގެ ތެރެއަށް އޯޑިއަންސްގެ ބައިވެރިވުން ވައްދައެވެ. މިސާކަށް: ”އަލީ: ތިޔައީ އަނބިމޮޔަވާ މީހުންގެ ފާޑޭ” މިހެން ބުނުމުން އޯޑިއަންސް ހިނި އަންނާނެއެވެ. އަދި ތަކުރާރުކޮށް ބައެއް ލަފުޒުތައް ކިޔުމުންވެސް އޯޑިއަންސް ހެއްވާލައެވެ. މިސާލަކަށް: ” އާދަނު: ރޮއްޓަށް ރޮއްޓަށ! ހޮޑަށް ހޮޑަށް! ހިކިފުށް. ކާޑުފޮށިން. ” މިފަދަ ޑައިލޮގްތަކުންނެވެ. މީގެއިތުރުން ހިތާމަވެރި ޑައިލޮގުތައްވެސް ހިމެނޭކަމީ މި ޑައިލޮގުތަކުން އޯޑިއަންސް ސަމާލުކަން ހޯދާނެ މިންވަރު އެނގޭކަމެކެވެ. މިސާލަކަށް: ” ކުޑަހަސަނު: އިންނާލިއްލާހި މިދެކޮއިފުޅު މިތިބީ މަރުވެފައި” މިފަދަ ޑައިލޮގުތަކުންނެވެ.
ޑައިލޮގުގެ ރަނގަޅު ސިފަތަކުގެ އިތުރުން ބައެއް އުނިސިފަތައްވެސް މި ޑުރާމާއިން ފާހަގަކުރެވުނެވެ. މިސާލަކަށް: ” ޔޫސުބް: ދެންކެވޭނީ ބީޗްކުރިސެންޓުން އައިސްކިރިމި” މި ޖުމުލައިން ބޯދާ ނުވަތަ ޒަމާނާއި ނުގުޅޭ ތަޢުބީރު ހަމަވެއެވެ. އަދި ”ބީޗް ކުރި ސެންޓާއި އައިސްކުރީމް ގުޅުވާފައި އޮތުމުން ޖުމުލައިގައި ބުނާ އެއްޗެއްއ ދޭހަނުވެއެވެ. އަދި މޮނޮލޮގު ނުވަތަ އަމިއްލަ ނަފްސާއި މެދު ދައްކާ ވާހަކަތައް އެއްގޮތަކަށްވެސް މި ޑުރާމާއިން ފެންނަން ނެތުމުން މުޅި ޑުރާމާއިންވެސް މި ރަހަ ގެއްލިފައިވާކަން ފާހަގަކުރެވެއެވެ.
އުނިސިފަތައް މަދުން ފެންނަން ހުރި ނަމަވެސް މި ޑުރާމާއައި ގިނައީ ރަނގަޅު ސިފަތަކެވެ. ފާހަގަ ކުރެވޭ ފަދަ ދިގު ޖުމުލަތަކެއް ނެތެވެ. އުނދަގޫ ލަފުޒުތައް މަދުވެފައި، ނަސޭހަތްދޭގޮތަށް ޑައިލޮގުތައް ނެތްކަން ފާހަގަ ކުރެވުނެވެ.
ސްޓޭޖު ޑައިރެކްޝަން
ސްޓޭޖު ޑައިރެކްޝަނަކީ ޞަފްހާގެ މެދުގައި ލިޔާ އެއްޗެކެވެ. ބައެއް ލިޔުންތެރިން ކަރެޓަރުންގެ ނައްތައް ލިޔާ ޞަފްހާގައި ކަރެކްޓަރުގެ ނަންތައް ލިޔުމަށްފަހު، ވަރަށް ކުރުކޮށް މަންޒަރު ބަޔާން ކުރާކަމަށް އަޒީޒާ އަފީފު (2017) ހާމަކުރައްވައެވެ. ނަމަވެސް ސްޓޭޖް ޑައިރެކްޝަން އެކި މަޤްޞަދު ތަކަކަށް ބޭނުންކުރާކަމަށާއި، އެއްގޮތަކީ ސްޓޭޖުން އަރާފައި ސްޓޭޖުން ފައިބަން ޖެހެނީ ކޮން ވަގުތަކުތޯ، ކާކުތޯ އަދި ކޮންތާކުންތޯ އެނގުންކަމަށް ނޯހްވޮސް2 (2012) ހާމަކުރައްވައެވެ. ޑައިލޮގު ލިޔާއިރު ސްޓޭޖް ޑައިރެކްޝަން ލިޔާ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ޑައިލޮގު ލިޔާއިރު ގަނޑުގެ މެދުގައި ލިޔުންކަމަށާއި، ދެވަނަ ގޮތަކީ ޞަފްހާގެ މެދުގައި ނުލިޔެ ޑައިލޮގު ދާގޮތް ޑައިލޮގު ނިންމާފައި އޭގެ ފަހުން އެ ލައިނުގައި ލިޔުންކަމަށް އަޒީޒާ އަފީފު (2017) ހާމަ ކުރައްވައެވެ. ސައިކުރާ އިބްރާހިމް ނައީމް (1980) ލިޔުއްވާފައިވާ ” ކިހާހިތާމަހުރިކަމެއްތޯ؟ ” މި ޑުރާމާއަށް ބަލާއިރު ސްޓޭޖުގައި ކަންކުރަންވީގޮތް ބަޔާންކޮށްދީފައިވާލެއް މަދުކަން ފާހަގަކުރެވެއެވެ. އަދި ކެރެކްޓަރުން މަންޒަރު ބަޔާންކޮށްދިނުމުގައި ކަރެކްޓަރުންގެ ބައެއް ޑައިރެކްޝަންތައް ބްރެކެޓެއްގެ ތެރެއަށް ނުލައި ލިޔެފައި ހުރުމުން ޑައިލޮގާއި ޑައިރެކްޝަނާއި އޮޅޭގޮތް ވެއެވެ. މިސާލަކަށް: ” އާދަނު: ފެނެއްވެސް ނެތް! އެކައްޗެއްވެސް ނެތް! އަހަރެން އަންނާނަން ކުޑަހަސަނުމެންގޮވައިގެން.” މިހެން ޑައިލޮގު ލިޔެގައި ޖެހިގެން އޮންނަ ފޮޅުވަތުގައި ބުރެކެޓަކަށް ނުލައި ” އާދަނު ދުވެފައި ހިނގައްޖެއެވެ. ތިންމީހުން ހޮޑުލަނީއެވެ” މިގޮތަށް ސްޓޭޖް ޑައިރެކްޝަން ވާނުވާެއްގެ ތެރޭގައި އޮތުމުން އެކުޓަރުންނަށްވެސް އޮޅޭގޮތްވާނެއެވެ. އެހެންނަމަވެސް ސްޓޭޖުގައި ކަން ކުރަންވީގޮތް ކިޔާދީފައި ހުރިކަން ފާހަގަކުރެވެއެވެ. މިސާލަކަށް: ” ކުޑަހަސަނު: ( ސިޓީ ކިޔާލާފައި) އާނ…” މިފަދައިން އެބަ ހުއްޓެވެ. އަދި ” (ރައްވެހިގޭން ނުކުންނަށް ހިނގައިގަތްތަނާ ވަޅި، ފުރޯ ހިފައިގެން 4 މީހަކު ވަދެއްޖެ)” މިހެން އޮތުމުން ވަޅި ފުރޯ ހިފައިގެން އެ 4 މީހުން ވަނީ ކޮންތަނަކަށް ކަމެއް ނޭގެއެވެ. މިކަން އެނގޭނީ ސްޓޭޖުގައި ހުށަހަޅަމުންދާއިރު ފެންނަ މަންޒަރުތަކުންނެވެ. އެހެންކަމުން މި ޑުރާމާގައި ސްޓޭޖު ޑައިރެކްޝަން އެންމެ ފުރިހަމައަށް ކިޔައިދީފައި ނުވާކަން ފާހަގަ ކުރެވުނެވެ.
ރިފަރެންސް
ހީތާ ކެރޮލް. (އަހަރު ނެތް). ލެޝަން ޓްރާންސްކްރިޕްޓް. ނެގީ:http://study.com/academy/lesson/elements-of- ން.
ނޯހްވޮސް2.(2012، ފެބުރުއަރީ، 24). ވައި ޔޫސް އަ ސްޓޭޖް ޑައިރެކްޝަން އޮފް ޑުރާމާ. ނެގީ: https://www.enotes.com/homework-help/why-use-stage-direction-drama-317737 ން.
ބޮސްޓަން،އެމްއޭ.( އަހަރު ނެތް). ސްޓްރަކްޗަރ އޮފް ޕްލޭ. ނެގީ: https://www.zazzle.com/storyboardthat/about ން.
އަޒީޒާ އަފީފު.(2017). ޑުރާމާ. ލެކްޗަރ ނޯޓް. މާލެ: ފެކަލްޓީ އޮފް އާރޓްސް: ދިވެހިބަހުގެ ޑިގުރީ ކޯސް.
ޢަލީ އިސްމާއިލް.( 2006، ނޮވެމްބަރ 19). އިސްޓޭޖް ޑުރާމާ: ނެގީ: 2017 މާރިޗް 9 ގައި، http://kavaasaa.com/adhab/fannu/stage-drama.html ން.
ސަބްޓާކީ ސެންގުޕްޓާ. (2016، މާރިޗު 15). ދަ ޑިފަރެންޓް ޓައިޕް އޮފް ޑުރާމާ ދެޓް އެވްރީވަން ޝުލްޑް ނޯ އެބައުޓް. ނެގީ:http://www.buzzle.com/articles/types-of-drama.html ން.
ލިޔުންތެރިޔާގެ ފުރަމަލަ
- ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 ޖެނުއަރީ 2024ރިޕޯޓްދަރަވަންދޫ ނާޝިދު – ޅެންވެރިކަމުގެ ގުލްޒާރުން ވިދާ ބަބުޅަމުން އަންނަ މަޝްހޫރު ޝާޢިރެއް!
- 26 ޑިސެމްބަރ 2023ރިޕޯޓްސުނާމީ ކާރިސާގެ ބިރުވެރި ހަނދާން
- 6 ފެބްރުއަރީ 2021ރިޕޯޓްފޮނެޓިކްސް ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީ ކޮބާ؟
- 6 ފެބްރުއަރީ 2021ވާހަކަކައިވެނީގެ ހުޅުކޮޅު