ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމާއި ރޭޕްގެ ތުހުމަތުތައް ކުރެވިފައިވާ އެކްޓަރ ޖުމައްޔިލް ނިމާލާއި އޮތް ހުރިހައި ގުޅުމެއް އައިފިލްމްސް އިން ކަނޑާލާފައިފި ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ.

ޖުމައްޔިލް އާމެދު މީސްމީޑިއާގައި ވަރަށް ތަފުސީލުކޮށް ކުރެވެމުން އަންނަ ތުހުމަތުތަކަށް ބަލައި އައިފިލްމްސް އިން ޖުމައްޔިލް ހިމަނައިގެން ކުޅެފައިވާ ފިލްމު “ނީނާ” އާއި އެ ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުން ވަކިކޮށްފައިވާ ކަމަށް މިރޭ އައިފިލްމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. އެ ނޫސްބަޔާނުގައި ބުނީ ފިލްމު “ނީނާ” ޕްރޮމޯޓްކުރުމަށް ހަދާ ޕޯސްޓަރުތަކުގައިވެސް ޖުމައްޔިލް ނުހިމަނަން ނިންމާފައި ވާކަމަށެވެ.

ޖުމައްޔިލް އަކީ މިއަހަރު ފެބްރުއަރީ މަހު ޝޫޓްކޮށް ނިމި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާ އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ”ގެ މުހިންމު ކާސްޓެކެވެ.

“ފިލްމުގެ މަންޒަރުތަކުގެ ތެރެއިން ޖުމައްޔިލް ހިމެނޭ ވީހާވެސް ގިނަ މަންޒަރު އުނިކޮށްލަން ނިންމައިފިން. ކެނޑެން އޮތް އެންމެ ބޮޑަށް

ޖުމަލް ހިމެނޭ މަންޒަރުތައް ކަނޑާނެ، ޖުމަލް ނުލާ ހަމަޖެއްސެއްސެން އޮތް ވަރަކުން މަންޒަރު އުނިކުރާނަން.”

ފިލްމު “ނީނާ“ގައި ޖުމައްޔިލް ކުޅެފައިވާ މަންޒަރުތަކާމެދު އަމަލުކުރުމަށް ނިންމާފައިވާ ގޮތް މުނިއަވަސް އާ ހިއްސާކުރަމުން ޑައިރެކްޓަރ އިލްޔާސް ވަހީދު މިރޭ ބުންޏެވެ.

“އަޅުގަނޑުމެންނަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އައު ބައެއް ނަމަވެސް، ފީޗާ ފިލްމު “ނީނާ” ސްކްރީންކުރުމާއި ރިލީޒްކުރުން ބާއްވާނީ ހުރިހައި އޮޕްޝަންއަކަށް ބެލުމަށްފަހުގައެވެ.” އައިފިލްމްސްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ އަދި ރޭޕް ފަދަ ކަންކަމާއި ދެކޮޅަށް އައިފިލްމްސް އިން އަބަދުވެސް ތެދުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދޭ ކަމަށާއި މި ދެންނެވި ކަންކަމުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހައްޤުތައް ކަމާބެހޭ އެންމެހައި ފަރާތްތަކުން ރައްކާތެރިކޮށް ޖިންސީ ކަންކަމުގެ ކުށްވެރިންނަށް ޤާނުން ދެވެން އޮތް އަދަބު ދިނުމަށް ގޮވާލާކަމަށެވެ.

އައިފިލްމްސް އިން ނެރުނު ނޫސްބަޔާން

ފިލްމު ”ނީނާ“ އަކީ ކްރައިމް ތްރިލާއެކެވެ. ފިލްމުގެ ލީޑް ކުޅަފައިވަނީ ޝަރަފް އާއި ނުޒުހަތު ޝުޢާއިބްގެ އިތުރުން ޖުމައްޔިލް ނިމާލްއެވެ. ލީޑް ތަރިންގެ އިތުރުން ދިވެހި ފިލްމީ ސިނަމާގެ ވެޓަރަން އެކްޓްރެސް އައްޑޫ މަރަދޫ މަރިޔަމް ރަޝީދާ ވެސް ފިލްމުގެ މުހިންމު ރޯލަކުން، މޮޅު އެކްޓިންއެއް ދައްކާނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ ”ނީނާ”ގައި އިތުރަށް ހަރަކާތްތެރިވާނީ ޑާކްރެއިންގެ ފިލްމުތަކުން ފެންނަ އާދަމް ރިޒްވީ (ރެކްސް) އަދި ހަމްދޫން ފާރޫޤް (އައްކި)ގެ އިތުރުން ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި މަރިޔަމް ޝަކީލާ އާދަމްގެ އިތުރުން އައިޝާ އަލީ ހިމެނެއެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.