މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން ޓްވީޓެއް ކުރިޔަސް ނުވާނެ ކަމަށާއި، އެމްއެފްއޭގެ މެންބަރެއްގެ މިފަދަ މައްސަލައެއް ހިނގަމުން ދަންޏާ ބެސްޓް ޕްރެކްޓިސް އުސޫލުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ މެންބަރަކު ސަސްޕެންޑްކުރަންވާނެ ކަމަށް ފިލްމީ ދާއިރާގެ ތަޖްރިބާކާރު އެކްޓަރު އަޙްމަދު ސަޢީދު ބުނެފިއެވެ.

ފިލްމީ ދާއިރާގައި 23 އަށް ވުރެން ވެސް ގިނަ އަހަރު ހޭދަކުރަމުން އަންނަ ސަޢީދު މިހެން ބުނީ އެކްޓަރ ޖުމައްޔިލް ނިމާލާއި މެދު މީސްމީޑިއާގެ ވަޞީލަތްތަކުގައި ކުރެވެމުން އަންނަ ރޭޕްގެ ތުހުމަތާއި ގުޅިގެން ދިވެހި ފިލްމު އެސޯސިއޭޝަނުން ރޭ ކޮށްފައިވާ ޓްވީޓެއްގެ ސްކްރީން ޝޮޓެއް ހިއްސާކުރަމުން އެ ޓްވީޓަށް އިޝާރާތްކޮށެވެ.

“އޭރުން ބުނެވޭނީ ފިޔަވަޅެއް އެޅީޔޭ. މިވާހަކަތައް ހުރިހާ އޮންލައިން ނޫސްތަކުގައި އައި ސޯޝަލް މީޑިއާގައި އޮތް އިރު އެމްއެފްއޭ ބޯޑަށް އެނގުނީ ޓްވީޓެއް ކޮށްލަން. ގޮތެއް ނުނިންމުނު އަދި ފިޔަވަޅެއް ނޭޅުނު… އެމްއެފްއޭ ބޯޑު ފެއިލް ވެއްޖެ.” ސައީދުގެ ފޭސްބްކްގައި މިއަދު ޖެހި ސްޓޭޓަސްގައި އިތުރަށް ބުނެފައިވެއެވެ.

ސަޢީދުގެ ފޭސްބްކް ސްޓޭޓަސް

ސަޢީދުގެ ސްޓޭޓަސް ހިއްސާކޮށްފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އެކްޒެކިއުޓިވް ބޯޑުގެ ޗެއަރ ޝިވާޒް (މާސްކޭ) އާއި ވައިސް ޗެއާރ ނިޢުމާ މުޙައްމަދަށް ޓެގްކޮށްފައެވެ. އެހެންކަމުން މިކަމާމެދު އެސޯސިއޭޝަން ޗެއާމަންގެ ބަހެއް ހޯދައިލީމެވެ.

މާސްކޭ ބުނީ ފިލްމު އެސޯސިއޭޝަނުން ބުނަންވާ އެތި ބުނެފައިވާކަމަށާ އެކަމާމެދު (ޖުމައްޔިލްގެ މައްސަލައިގައި) އިތުރަށް ފިޔަވަޅެއް އެޅޭނީ ކޯޓުތަކުން ނުވަތަ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އެކަމާމެދު ގޮތެއް ނިންމުމުން ކަމަށެވެ. ޝިވާޒު ބުނީ ފިލްމު އެސޯސިއޭޝަނަކީ ސަރުކާރުން މިފަދަ މައްސަލަތައް ބަލާ މުއައްސަސާ ނޫންކަމަށެވެ.

“އަހަރެމެންގެ މީހެއްވީމަ (ދާއިރާގެ މީހެއް ވީމަ) ކޮންމެ ގޮތެއްވިޔަސް އެއީ ވެފަ އޮތް ކަމަކަށް ވެއްޖެއްޔާ އޭނަ (ޖުމައްޔިލް) ބަންދެއް އެއްޗެއް ކޮށްފިއްޔާ އަހަރުމެން އެހިސާބުން ސަސްޕެންޑުކުރާނަން.” މާސްކޭ ބުންޏެވެ.

މި މައްސަލައިގައި މުނިއަވަސް އާ ވާހަކަދައްކަމުން ސަޢީދު ބުނީ މިއީ ވަކި މީހެއް ވީމަ ދައްކާ ވާހަކައެއް ނޫންކަމަށާ ފިލްމީ ދާއިރާގެ ޙައްޤުގައި ދައްކާ ވާހަކައެއް ކަމަށެވެ. ސަޢީދު ބުނީ އެއްމެ މީހެއް ނުވަތަ ވަކި ބަޔަކު ކުރާ ކަމަކުން މުޅި ފިލްމީ ދާއިރާގެ ނަން ކިލަނބުވެގެން ދިއުމަކީ އެއްވެސް އިންސާފެއް ނޫންކަމަށާ މިފަދަ ކަންކަމާމެދު ފިޔަވަޅު އަޅައިގެން ނޫނީ ދާއިރާއަށް ލިބޭ ހުތުރު ނަމުން އަރައި ނުގަނެވޭނެ ކަމަށެވެ.

ސަޢީދުގެ މި ވާހަކައަށް ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ތާއިދުކުރާކަމަށް މުނިއަވަސް އިން ގުޅާލުމުން ބުނެފައިވެއެވެ. މުނިއަވަސް އިން ގުޅި ބައެއް އެކްޓަރުންގެ ތެރެއިން އެކަކު ބުނީ ފިލްމީ ދާއިރާގައި ކުރިން އުޅުނު ބައެއް ފަންނާނުންގެ ފަރާތުން ބަދުއަޚްލާޤީ އަދި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ކަންކަމަށް ހުށައެޅުނު އެކްޓަރުންނާއެކު ފިލްމީ ދާއިރާގެ ފަރާތްތަކުން މަސައްކަތްކުރުން ހުއްޓައިލިކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ދާއިރާގެ ނަން އިތުރަށް ޚަރާބުވެގެން ނުދިއުމަށް ބާރު އެޅުނު ކަމަށެވެ.

“ނަމަވެސް މިހެން ކަންކަން ދަންޏާ އެބަޖެހޭ އެއަށް އެކްޝަންއެއް ނަގަން.” އެ އެކްޓަރު ފާހަގަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.