މަލިކާ ގުޅޭ ގޮތުން ބަޔަކު މިހާތަނަށް ތައްޔާރުކުރި އެންމެ ތަފްސީލީ ޕްރޮގްރާމްތައް ނިންމާލެވިފައިވާ ކަމަށާ ޕްރޮގްރާމު އުފެއްދުމަށް ކުރި މަސައްކަތްތަކުގެ ޕްރޮގްރާމަކާއެކު ޖުމްލަ 24 އެޕިސޯޑް މިހާރު ބައިސްކޯފުން ބަލާލަން ލިބޭން ހުރި އިރު މިއީ ޗެލެންޖިން ބޮޑު މަސައްކަތެއް ކަމަށް، މި ޑޮކިއުމެންޓްރީ ސީރީޒްގެ އިސް މޭސްތިރި މުޙައްމަދު ޝަނޫން ބުނެފިއެވެ.

ޓެލެވިޛަން މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ޕްރެޒެންޓަރ ޝަނޫން ބުނީ ވީޑިއޯ ޕްރޮޑަކްޝަންގައި ހޭދަކުރެވުނު 12 ވަރަކަށް އަހަރަށް ބަލާނަމަ މިއީ މިހާތަނަށް 2 ވަނައަށް ކުރެވުނު އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

“އެއާއެކު ހަނދާނަށް އަންނަނީ 2011 ވަނަ އަހަރު އުފެއްދުނު “ތޯތޯ”ގެ މަތިން. އެއީ އަހަރެންގެ ހަޔާތުގައި ކުރި އެންމެ ޗެލެންޖިންގ މަސައްކަތް. ރަށްރަށާ ގުޅުވައިގެން މީހުން ހަޖުލަކަށް ހަދައިގެން ދައްކަމުން އަންނަ ވާހަކަތައް އެރަށެއްގެ ބައެއްގެ އަމިއްލަ ދުލުން އެމީހުން ލައްވާ މަންޒަރުތައް ކުޅުވައިގެން ދެއްކިދާނެކަމަށް ޤަބޫލު ނުކުރި އެތައް ބަޔަކު ތިބި. އޭގެ ތެރޭގައި އޭރު ޓީވީގެ އެންމެ އިސްވެރިންވެސް ހިމެނޭ. އެކަމަކުވެސް އެތައް ބައެއްގެ އެހީތެރިކަމާއެކު ޖުމްލަ 26 އެޕިސޯޑް ގެނެސްދީ ނިންމާލީ.” ޝަނޫން އާއްމުކުރި ސްޓޭޓަސް އެއްގައި އޭނާ ބުންޏެވެ.

“ދެން އޮތީ މަލިކު ދަތުރު. މަލިކަށްދާން އެތައް ބަޔަކު ގިނަ މަސައްކަތްތަކެއްކޮށްފި. ދެވުނީ މަދު ބަޔަކަށް. އޭގެ ތެރޭގައިވެސް ވީޑިއޯގެ މަސައްކަތެއް ކުރާ ކަހަލަ ސާމާނު ހިފައިގެން ދެވުނީ އަހަރުމެންނަށް އެކަނި ކަންނޭނގެ. އެތަނަށްގޮސް ގިނަ ގޮންޖެހުންތަކާއެކުވެސް މަލިކާ ގުޅޭ ގިނަ މަންޒަރުތަކެއް ނެގުނު. ބެލުންތެރިން ގަޔާވާ ކަހަލަ ގޮތަކަށް ގެނެސްވެސް ދެވިއްޖެ.” ކުރެވުނު ބޭނުންތެރި، ބޮޑު މަސައްކަތް ކުރުމުގެ ހެޔޮ ތަޢުފީޤުދެއްވީތ މާތްﷲ އަށް ހަމްދު ކުރަމުން ޝަނޫން އިތުރަށް ބުންޏެވެ.

ޝަނޫންގެ ޕްރޮޑަކްޝަން “ޝަނޫން އެންޑް އެސޯސިއޭޓްސް” އިން އުފެއްދި “މަލިކު ދަތުރު” ޑޮކިއުމެންޓްރީ ސީރީޒް އުފައްދައި ގެނެސްދިނުމުގައި ބައިވެރިވި ޝައްމާން ޝާކިރު، އަޙްމަދު އިކްލީލް އަދި އިބްރާހިމް މިތާޙްއަށް ވަރަށް ބޮޑަށް ޝުކުރު ހައްގުވާކަމަށް ޝަނޫން ބުންޏެވެ. ޝުކުރުގެ ލިސްޓްގައި ނެރޭޓްކޮށްދިން ރާޒީ ޢަލީ، އެނިމޭޝަން ހެދި އަލީ މާހިރު، ގްރެފިކްސް ހެދި އާމިނަތު އިޒްވީނާ އާއި އެންމެ އުނދަގޫ ދަޑިވަޅުގައި އަމިއްލަކަމެއް ކަމަށް ދެކިގެން ޕޯސްޓް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއްކޮށްދިން އަޙްމަދު މުޙައްމަދު ވެސް ޝަނޫންގެ ޝުކުރުގެ ލިސްޓުގައި ހިމެނެއެވެ.

ޝަނޫންގެ ކޮންސެޕްޓަކަށް އުފެއްދި “މަލިކު ދަތުރު”ގެ ހިތްގައިމު ސްކްރިޕްޓް ލިޔުނީ ޝަނޫން އެވެ. އެ ހިތްގައިމު ސްކްރިޕްޓަށް އިތުރު ދިރުމެއް ގެނެސްދީ ވަރަށް ޝައުޤުވެރި ގޮތަކަށް ނެރޭޓްކޮށްދީފައިވަނީ ރާޒީ ޢަލީ އެވެ.

ޝަނޫން ބުނީ މި ޕްރޮގްރާމަކީ އިލްމީ މަސައްކަތަކަށްވެ ކިޔަވާ ކުދިންނަށާއި ރިސާޗް ހަދާ ކުދިންނަށް ބޭނުންތެރި ޕްރޮގްރާމަކަށް މިވީ އެފް.ޖީ މުޙައްމަދު ފެންގެންނަގޯތި އާއި ނާޖިހު ދީދީގެ ފުރިހަމަ އެހީ ލިބިގެންކަން ޝަނޫން ފާހަގަކުރީ އެ ދެ ބޭފުޅުންނަކީ ޕްރޮގްރާމްގެ ހިތްކަމުގައި ސިފަކުރަމުންނެވެ.

“އުފެއްދުމެއް އުފެއްދިޔަސް ގެނެސްދޭނެ މަންސައެއް ނެތިއްޔާ އެއިން ކުރާނެ ފައިދާއެއް ނެތެވެ. ބައިސްކޯފުން ތަފާތު އެއްޗެތި އަހަރެންނަށްވެސް ފެނެއެވެ. އެތަނަށް ވަދެވުނީ އަލަށެވެ. އެތަނުގެ މުވައްޒަފުންނާ ދިމާވީ އަލަށެވެ. އަހަރެންގެ އިނގިލީގައި ހިފައިގެން ބައިސްކޯފާ ހަމައަށް ގޮސްދިނީ އާތީއެވެ. އެކަމަކު ފުރަތަމަ ބައްދަލުވުމުންވެސް ދިން ޔަގީންކަމަކީ ތި ޕްރޮގްރާމަށް ބައިސްކޯފް އޮތީ އެދިއެދި ކަމެވެ. އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މިރޫ އަށެވެ. އަދި މުޅި ޕްރޮގްރާމް ނިންމުން ޚާއްސަ ބޭފުޅުން ކޮޅަކާއެކު ކުލަގަދަކޮށް ފާހަގަކޮށްލުންވެސް ވެގެން ދިޔައީ މުޅި ޓީމަށް ލިބުނު ހިތްވަރަކަށެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.” ޝަނޫން އެންޑް އެސޯސިއޭޓްސް އިން އުފެއްދި ކާމިޔާބު ޑޮކިއުމެންޓްރީ ސީރީޒް ސްޓްރީމްކުރާ ބައިސްކޯފަށް ޝުކުރުވެރިވަމުން ޝަނޫން ބުންޏެވެ.

ޝަނޫން އަދި މިރޫ

މީގެ އިތުރުން ޕްރޮގްރާމަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ ތެރެއިން ޝަމޫން މުޙައްމަދު، ސުޖާޢު ހަމީދު އަދި މުނިއަވަސްގެ ޗީފް އެޑިޓަރ އަޙްމަދު ރަޝީދުގެ ނަންވެސް ޝަނޫން ފާހަގަކުރެއެވެ. މުނިއަވަސް އަކީ މި ޕްރޮގްރާމުގެ ޚަބަރު އެންމެ ފުރަތަމަ ގެނެސްދިން އޮންލައިންއެވެ.

“ދެން އޮތީ އެންމެ ބޮޑު ޝުކުރެއް ހައްގުވާ ތި ބެލުންތެރިންނެވެ. މެދުކެނޑުމެއްނެތި ދެމުން އައި ތަރުހީބެވެ. ކޮންމެ ރެއަކު އެޕިސޯޑް ބެލުމަށްފަހު ފާޅު ކުރާ ޝުއޫރުތަކެވެ. ދެމަހެއްހާ ދުވަހު ހަމަ ނިދި ނުލިބި އެގޮތުގައި އަހަރެންނަށް އެހުރެވުނީ ހަމަ ތި ބެލުންތެރިން އަބަދުވެސް އަންނަން އޮންނަ އެޕިސޯޑަށް ކުރި އިންތިޒާރުގެ ސަބަބުންނެވެ.”

ޝަނޫންގެ ދިގު ސްޓޭޓަސްގައި ފާހަގަކޮށްފައި ވާހެން އެންމެންނަކަށް މަލިކަކަށް ނުދެވޭނެއެވެ. 18 ގަޑިއިރުގެ އެ ދަތުރެއް ނުވެސް ކުރެވޭނެ އެވެ.

“ވީޑިއޯ ކުރާ ސާމާނު ހިފައިގެން އަހަރުމެން ދިޔައީ އެހެންވެއެވެ. މަލިކާ ރާއްޖެއާ ހުރި ތަފާތާއި މަލިކަކީ ކޮންބައެއްކަން ބަލާލަން ހުރިހާ ދިވެހިންވެސް ބޭނުންވާތީ އެވެ. މިއޮތީ ވަގުތު އައިސް ޖެހިފައެވެ. ބައިސްކޯފް އަޅާފައި ނެތިއްޔާ އަޅާލާށެވެ. 99 ރުފިޔާ ދައްކާލާފައި މި އެޕިސޯޑްތައް ބަލާލާށެވެ. 24 އެޕިސޯޑްގެ ޖުމްލަ ދިގުމިނަކީ 356 މިނެޓާއި 1 ސުކުންތެވެ. އަހަރެން ޔަޤީންކަން ދެމެވެ. އެއީ ހަޔާތުގައި ގެއްލިގެންދިޔަ 356 މިނެޓް ކަމަށް ޤަބޫލެއް ނުކުރާނެއެވެ. އެ އިހްސާސް ވެއްޖެނަމަ އަހަރެންނަށް މެސެޖެއްކޮށްލާށެވެ.” ޝަނޫން އެ ދިން ޔަޤީންކަމަކީ ވަރަށް ޞައްޙަ ޔަޤީންކަމެއް ކަން ޕްރޮގްރާމު ބެލި އެންމެންވެސް ފާހަގަކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.