ދިވެހި ބަހުގެ ބޯދާ ބުނުންތަކުގެ ތެރޭގައި ހިމެނޭ މުސްކުޅި ބަސްތަކާއި މިސާލުބަސްތައް ގުޅިފައި ހުންނަނީ ހަޤީޤަތުގައިވެސް ހިނގާފައިވާ ހާދިސާތަކާއެވެ. ބައެއް ހާދިސާތައް ހިނގައިދިޔަ ގޮތް މާޒީގެ ތެރެއަށް ގެއްލިގެން ދިޔަކަމުގައިވިޔަސް އެހާދިސާއަށް ނިސްބަތްކުރެވޭ ބަސް ދެމިއޮވެއެވެ. އެފަދަ އެއް މުސްކުޅި ބަހަކީ ހައްދުންމަތީގައި ހިނގައި ދިޔަ ހާދިސާއަކަށް ނިސްބަތްކުރެވޭ “އަތޮޅުވެރީންނަސް ހިއްޕެވޭނީ ވަލުގައޭ” ބުނެވޭ މުސްކުޅި ބަހެވެ. ދިވެހިބަސްފޮތުގައި އޮންނަގޮތުން މިބަހަކީ “އިސްކޮށްހުންނަ މީހަކަށް ކުރެވޭނީ އަމުރެވެ. ކަމެއް ފުރިހަމަ ކުރެވޭނީ، އެކަމަކަށް އަމަލީ ސިފަ ގެންނަން ތިބި ބަޔަކަށް އެއްބާރުލެވިގެންނޭ ބުނުމަށް ބުނެއުޅޭ ބަހެކެވެ.”
މިހައިރުގެ ޖީލުތަކުގެ ދޫތަކުން މިވާހަކަ ދައްކާން ނުވެސް އެނގެއެވެ. މިހައިރަށް ތިބި މުސްކުޅީންނަށް މިހާދިސާ ބުނެދޭކަށެއް ވެސް ނުއެނގެއެވެ. މިހާދިސާ ހިނގި ގޮތް ދިވެހިބަހާއި އަދަބަށާއި ދީނީ ތަޢުލީމަށާއި އެތައް އެތައް ރޮނގަކުން ދިވެހިޤައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޟީލަތުއްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާހުއްދީންގެ ޢިބާރާތުން ކިޔައިލައްވާށެވެ. ލިޔުއްވާފައި އޮތީ ދިވެހީންގެ ވާހަކައިގައި ސުރުޚީއަކަށް “ތަކުރުފާނުގެ ގަދަފަދަކަމުން އަހުރެންގެ އަތުން ބާރުލައްވާނީ ކިހިނެއްހޭ؟” ޖައްސަވާފައިއެވެ.
“ހައްދުންމަތީ ރަށަކަށް ފުރެއްދެ އޮޑިޔެއް އެހެލީ ދުވަހަކު ގަމު ނެވީންގެ ޢަލީފުޅު މިއޮޑި އެހެލާތާކަށް ނައޭ. މިކަމާ އަތޮޅުވެރީން ރުޅިދުރުވެގެން ބަލައި ފޮނުއްވާގެނެސްފައި ބުނުއްވައިފިޔޭ ބަލަގަ ކަލޭގެ މިއޮޑި އެހެލާން ނުނިކުތީ ކިޔެއްވެހޭ.
ޢަލީފުޅު: އަޅުގަނޑު ބަލިވެއުޅޭތީ ގޭގައި ހުރީޔޭ.
އަތޮޅުވެރީން: ތިޔަހެން ހަދައިގެން ނުވާނޭ ވަލުގައިހިފާށޭ.
ޢަލީފުޅު އަޅައިނުލައި ހުއްޓާ އަތޮޅުވެރީން ބުނުއްވައިގެން އޭނާ ލައްވައި އެހެން މީހުން ވަލުގައި ހިއްޕައިފިޔޭ.
ޢަލީފުޅު: ތަކުރުފާނުންގެ ބާރުގަދަ ކަމުން ވަލުގައި ހިއްޕައިފީމުތާޔޭ. މަގައިގާ ހުރި ބާރު މަގޭ އަތަށް ތަކުރުފާނުންގެ ގަދަފަދަ ކަމުން ލައްވާނީ ކިހިނެއްބާވަޔޭ.
އަތޮޅުވެރީން: ނާ ތިޔަވާ ދޮގެއް ނޫނޭ. ދެން ދޫކޮށްލާފައި އައިތަނަކަށް ހިނގައިދާށޭ.
(މިހެން ބުނުއްވުމުން) ޢަލީފުޅު މަޑުމަޑުން ގެޔަށް ހިނގައްޖޭ.”
ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވާއިރު މިވާހަކައިގާ ބަޔާންކުރާ ގަމު ނެވީންގެ ޢަލިފުޅަކީ ގަމު ނެވިޢަލީބޭ އޭ ކިޔުނު މީހެކެވެ. މި ނެވި ޢަލިބޭގެ ދޮންއިބުރޭމު (ދޮން އިބްރާހިމް) ތަކުރުފާނުގެ ޢަލިމަނިކުފާނުގެ ބޮޑު ދަރިކޮޅެއް ހައްދުންމަތީގައި އެބައޮތެވެ.
މިލިޔުމާއިގުޅިގެން ޖަހާފައިވާ ފޮޓޯއަކީ ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައި ފައްތާލާފައިވާ، އައްޑުއަތޮޅުގެ މަޝްހޫރު ފުރެއްދެއޮޑިއެއް ކަމުގައިވާ ޔާހުންބަރާސް (ފަޠުހުލް މުބާރިކް) ބޭލުމުގެ މަސައްކަތްކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯނެގިކަމަށްވަނީ ޑަބްލިޔު މެނަރ އެވެ. މިލިޔުމަށް ފޮޓޯ ހޯދީ ޓޫތައުސަންޑްއައިލްސް.ކޮމް އިން ނެވެ.
މަސްދަރުތައް:
ޙުސައިން ޞަލާހުއްދީން، ދިވެހީންގެ ވާހަކަ
އިދުރީސް ޙުސައިންދީދީ، ގުލްފާމުވާދީ، ލ.ގަން
ދިވެހިބަހުގެ އެކަޑަމީ، ބަސްފޮތް
ލިޔުންތެރިޔާގެ ފުރަމަލަ
- ތާރީޚީ ހޯދުުންތައް ހޯދައި ތާރީޚް ލިޔުމާއި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތުގެ ލިޔުންތަކަކީ ޠާހާ ގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 ސެޕްޓެމްބަރ 2023ރިޕޯޓްހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން
- 18 ޖެނުއަރީ 2022އަދަބިއްޔާތުދިވެހީން “ހިތާވާގޮތް” – 1
- 1 ޖެނުއަރީ 2022ރިޕޯޓްއެންމެ ކުޑަ އުޖޫރަ
- 5 އޮކްޓޯބަރ 2020ރިޕޯޓްކަށިކޮލުތަ ނުވަތަ ކަށިކޮލިތަ؟