ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫނު ދެއްވާ މެސެޖު 

މިއަދަކީ ދިވެހި ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރޭ ދުވަހެވެ. އެހެންކަމުން މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޟިލް ފައިޞަލް ނަސީމްގެ ދެކަނބަލުންނަށް އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. ވަކިން ޚާއްޞަކޮށް ކުތުބުދާރުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ކުތުބުޚާނާތައް ހިންގަވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވައި، ދިވެހިރާއްޖޭގެ ކުތުބުޚާނާ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.

އާދެ! 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފެށިންގެން މުޅި ދުނިޔެ މިދަނީ ކޮވިޑް-19 އާ ހަނގުރާމަކުރަމުންނެވެ. ޤައުމީ ކުތުބުޚާނާގެ 75 އަހަރު ފުރުމުގެ ޚާއްސަ ހަރަކާތްތަކަށް ތައްޔާރުވަމުންދަނިކޮށް މި އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އެހިސާބުން ފެށިގެން ރާއްޖޭގެ އެކި ރަށްތަށް ވަނީ ފުރަބަންދު ކުރެވިފައެވެ.

މި ޙާލަތަކީ އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމަށް ކުރިން ޚިޔާލުވެސް ކުރެވިފައި އޮތް ޙާލަތަކަށް ނުވާއިރު، ކުތުބުޚާނާގެ ޚިދުމަތަކީ މުޖުތަމަޢުއަށް ކޮންމެހެން ލިބެންޖެހޭ ޚިދުމަތެއްކަމުން، އެންމެ ފުރިހަމައަށް ނޫނަސް ކުތުބުޚާނާގެ ޚިދުމަތްތައް އޮންލައިންކޮށް ދޭން ފަށައި، އެ ޚިދުމަތްތައް މިހާރު ވަނީ ވަރަށް ފުރިހަމައަށް، ވަރަށް ބޮޑަށް ފުޅާ ކުރެވިފައެވެ.

1940 ވަނަ އަހަރު ޝައިޙް ޙުސައިން ސަލާޙުއްދީންގެ ބަލަހައްޓަވަމުން ގެންދެވި ފޮތް ކަބަޑަކާއި، “ނާދީތަމައްދުން”ގައި އައްނަބީލް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ގެންގުޅުއްވި ފޮތް ކަލެކްޝަންއެއް އެއްވެގެން އުފެދިގެން އައި ކުތުބުޙާނާއަކީ މިހާރު މިފެންނަ ޤައުމީ ކުތުބުޙާނާގެ ފެށުންކަމުގައި ދެންނެވިދާނެއެވެ. ދައުލަތުގެ ކުތުބުޚާނާގެ ނަމުގައި އަދި މަޖީދީ ކުތުބުޚާނާގެ ނަމުގައި މިތަން ހިންގަވަމުން ގެންދަވާފައިވަނީވެސް އަންނަބީލް މުޙައްމަދު އަމީންގެ މޭސްތިރިކަމުގެ ދަށުންނެވެ.

1980 ވަނަ އަހަރުން ފެށިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ލައިބްރަރީތައް ތަރައްޤީ ކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައި ޔުނެސްކޯގެ އެހީތެރިކަމާއިއެކު ޕަބްލިކް ލައިބްރަރީ އަދި ނެޝަނަލް ލައިބްރަރީގެ ތަފާތާއި މެދު ކަމާއިބެހޭ ފަރާތްތަކާއި، ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުތުބުދާރުކަމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުނެވެ. އަދި އޭގެ ފަހުން 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު މަޖީދީ ކުތުބުޚާނާގެ ނަން ‘ޤައުމީ ކުތުބުޚާނާ’ގެ ނަމަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ކުތުބުޚާނާއިން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށި ފަހުން ކުތުބުޚާނާގެ ޚިދުމަތްތަކަށް ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިފައިއެވެ.

އޭގެ ފަހުން 2010 ވަނަ އަހަރު، ރައީސް މުޙައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން، ޤައުމީ ކުތުބުޚާނާގެ ބައެއް ވަޞީލަތްތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރެވިގެންދިޔައެވެ. އަދި ހަަމަ އެއާއިއެކު ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ކުތުބުޚާނާގައި ބޭރު ބަސް ކިޔަވައިދިނުމުގެ މަސައްކަތްތަކެއްވެސް އެދުވަސްވަރު ކާމިޔާބުކަމާއިއެކު ކުރެވުނެވެ.

ފޮތް ކިޔުމަކީ މަޢުލޫމާތު މުއްސަނދިކޮށް، އުނގެނުމުގެ އަސާސީ މަސްދަރެއް ކަމުގައިވާއިރު، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ޒުވާން ޖީލު މި މުހިއްމު އާދައާއި ކޮންމެވެސް މިންވަރަކަށް ދުރުވެފައިވާކަމީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފެންނަމުންދާ ޙަޤީޤަތެކެވެ. އެހެންކަމުން ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިންނާއި ސްކޫލް މަދަރުސާގައިވެސް ފޮތް ކިޔުމަށް ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގިނަ ބަޔަކު ނަފްސާނީ އެކިއެކި މައްސަލަތަކާއި ކުރިމަތިލަމުންދާއިރު، ފޮތް ކިޔުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީވެދޭ ކަމެއްކަން މިއަދުގެ ހޯދުންތަކުން ދަނީ ހާމަވަމުންނެވެ. އެހެންކަމުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައިވެސް ފޮތް ކިޔުމުގެ ޝައުޤު އުފެއްދުމަކީ މުހިއްމު ކަމެކެވެ.

ފޮތް ކިޔުމަށް ޝައުޤުވެރިން އުފެއްދުމަށް މަސައްކަތްކުރާއިރު، ފޮތް ކިޔުމާއި ދަރިވަރުން ތަޢުލީމު އުނގެނުމުގައި ކުތުބުޚާނާތަކުން މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރަންޖެހެއެވެ. ޚާއްސަކޮށް ދިވެހި މުޖުތަމަޢުފަދަ މުޖުތަމަޢުއެއްގައި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެކިއެކި އަޑުތަކާއި އުނދަގޫތަކާއި ނުލައި ގޭގައި ފޮތް ކިޔައި ފިލާވަޅު ދަސްކުރުމަށް އެންމެ އެކަށޭނަ މާހައުލެއް ފަހިވެފައިވަނީ ވަރަށް މަދު ދަރިވަރަކަށެވެ. އެހެންކަމުން، ކުތުބުޚާނާތައް ވެގެން ގޮސްފައިވަނީ މަޢުލޫމާތުގެ މުއްސަނދި ޚާޒާނާއެއްގެ އިތުރުން ފިލާވަޅު ދަސްކުރުމަށާއި، ދިރާސާކޮށް ކަންކަމާއި ވިސްނާ ފިކުރު ކުރުމަށް އެންމެ އެކަށޭނަ، ހަމަހިމޭން ޖާގައަކަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުތުބުޚާނާ ވަގުތީގޮތުން ބަންދުކޮށް، ކުތުބުޚާނާގެ ގިނަ ޚިދުމަތްތައްވަނީ ހުއްޓިފައެވެ. މި އާލަމީ ވަބާ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިން އެއް ކަމަކީ ޤައުމީ ކުތުބުޚާނާ ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވެމުންދިޔައީ ރަނގަޅު މިސްރާބަށް ކަމެވެ. ބަވަނަ ވެފައިވާ ސުމޭކު ދުނިޔޭގައި މަޢުލޫމާތު ހޯދުމަކީ ފަޅި ސިކުންތެއްގެ މަސައްކަތަކަށް ވެފައިވާއިރު، މި އާލަމީ ވަބާ ކުރިމަތިވިއިރު އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، ކުތުބުޚާނާގައި ހުރި އާސާރީ ލިޔުންތައް ސުމޭކުކޮށް އާންމުން ބޭނުން ކުރުމަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ތަޢާރަފްކުރުމަށެވެ. އެ ޚިދުމަތް ފެށުމަށް މިހާތަނަށް ވަނީ ވަރަށް ގިނަގުނަ މަސައްކަތްތައްވެސް ކުރެވިފައެވެ.

ހަމައެހެންމެ، ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއިން ކުރިއަށްގެންދާ ހޮނިހިރު ދުވަހުގެ ހަރަކާތްތައް ވަރަށް ކާމިޔާބުކަމާއި އެކު މިހާރު އޮންލައިންކޮށް ކުރިއަށްގެންދެވޭކަން ފާހަގަކުރަމެވެ. ކުޑަކުދިންގެ ލައިބްރަރީގެ ފޭސްބުކް ޕޭޖްގައި ހޮނިހިރުން ހޮނިހިރަށް ކުރިއަށް ދާ މިހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވަމުން ގެންދެއެވެ.

ޤައުމީ ކުތުބުޚާނާގެ އީ-ރިސޯސްތައް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އެކްސެސް ލިބޭނެ ގޮތަށް މިއަހަރު ކުރީ ކޮޅު ވަނީ އީފޯޓަލް “ރިމޯޓްއެކްސްއެސް” ލޯންޗުކުރެވިފައެވެ. މަހުންމަހަށް ފައިސާ ދައްކައިގެން ހޯދާ ތަކެތީގެ އިތުރުން އައިފަލް މެދުވެރިކޮށް ލިބޭ ތަކެތި އަދި މުޅިން ހިލޭ ލިބެތަކެތި މި ވެބް ޕޯޓަލްއިން ބޭނުންކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ޤައުމީ ކުތުބުޚާނާގެ އިމާރާތުގެ ތެރޭގައި މިވަގުތު ހުރި މަޢުލޫމާތު ރައްޔިތުންނަށް ނުލިބުންކަމުގައި ވީނަމަވެސް ވެބްސައިޓުން ހިލޭ ލިބެން ހުރި އީ-ރިސޯސްތަކާއި ކުތުބުޚާނާގެ މެންބަރުންނަށް ޚާއްސަ އީ-ރިސޯސަސްތައް މި މިހާރުވެސް ރައްޔިތުންނަށް ފުރިހަމައަށް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ އެކިއެކި މަޢުލޫމާތު ލިބޭނެ އެކިއެކި މަންސަތަކުގެ ތަފްޞީލު ކުތުބުޚާނާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ހުރިހާ މަސައްކަތަކާއި އެކު އަޅުގަނޑާއި، ޤައުމީ ކުތުބުޚާނާގެ އިސް ވެރިންނާއި މުވައްޒަފުން އަމާޒު ހިފާފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއަކީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ މިއަދުގެ ދުނިޔެއާއި ރައްޓެހި ކުތުބުޚާނާއަކަށް ހެދުމަށެވެ.

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ އަޅުގަނޑުމެންގެ ކުތުބުޚާނަތައް ތަރައްޤީވެ ދުނިޔޭގެ ފެންވަރުގެ ކުރިއެރުންތައްލިބި ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާވެ، މަޢުލޫމާތު ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދިއުމެވެ. ކީރިތި ﷲ އަޅުގަނޑުމެންގެ މި ދުޢާ އިޖާބާކުރައްވާށި! އާމީން.

__________________

12 ޖުލައި 2020

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.