ދީނީ އިލްމުވެރިންގެ ގުޅުމާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިލްމުވެރިންގެ ގުޅުމުން ފާހަގަކުރެއްވި ކަންކަން އަޑުއައްސަވައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމް.ޑީ.އެން) އާ ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެއްވާފައެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ހުރިހާ ދީނީ އިލްމުވެރިން ގައުމީ އެއްބައިވަންތަކަން އިސްކުރައްވައި، ކަންކަމުގައި ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު ދިވެހި ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރުމުގައި ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން ކުރަންޖެހޭ ކަންކަން އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އެރުއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރެއިން އިލްމުވެރިންނާއި ގުޅިގެން ކުރެވޭކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވި އިލްމުވެރިންވަނީ އެބޭފުޅުން ސާފުކުރަން އެދުނު މައުލޫމާތުތައް ސާފުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންގެ އިތުރުން އިލްމުވެރިންގެ ފަރާތުން ފަސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.