“ގަލީ ބޯއީ”ގައި އެމްސީ ޝޭރްގެ ރޯލު ކުޅެގެން ބޮޑު މަޤުބޫލުކަމެއް ހޯދި ބޮލީވުޑް އެކްޓަރު ސިދާންތު ޗަތުރްވެޑީ، ލޮކްޑައުންގެ މިދުވަސްވަރު ހޭދަކުރަނީ ޢާއިލާއާއިއެކު ގޭގައެވެ. ހުސްވަގުތުގެ ބޮޑު ބައެއް ޢާއިލާއާއިއެކު ހޭދަކުރަމުންދާއިރު، ޅެން ލިޔެގެން ރީތި ފޮޓޯތަކާއިއެކު އެކި ފަރާތްތަކަށް ހަދިޔާކުރަމުން މީސްމީޑިއާގައި އޭނާގެ ފޭނުން މުނިފޫހިފިލުވުމުގައި އޭނާ އުޅެނީ ވަރަށް އަވަދިނެތިއެވެ.

“ގަލީ ބޯއީ” އަދި “ބަންޓީ އޯރް ބަބްލީ 2” އަށްފަހު ސިދާންތު މިހާރު ވަނީ ދީޕިކާ ޕަޑުކޯންއާއި އަނަންނިޔާ ޕާންޑޭއާއެކު ޝަކުން ބަޓްރާގެ ކުރިއަށް އޮތް އަދި ނަން ހާމަނުކުރާ ފިލްމެއްގައި ހަރަކާތްތެރިވާން ނިންމާފައެވެ. މިދިޔަ އޭޕްރިލް މަހު ސްރީލަންކާގައި ޝޫޓިންގ ފެށުމަށް ނިންމާފައި ވަނިކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެ ފިލްމުގެ މަސައްކަތް އޮތީ މަޑުޖައްސާލާފައެވެ.

އަނަންނިޔާ ޕާންޑޭ (ކ)، ސިދާންތު ޗަތުރްވެޑީ (މ)، ދީޕިކާ ޕަޑުކޯން (ވ)

ދީޕިކާއާއެކު މަސައްކަތްކުރުމާއި ބެހޭގޮތުން ފިލްމުފެއަރ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިދާންތު ބުނެފައިވެއެވެ.

“ދީޕިކާއަކީ އަހަރެންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަންހެނާ، އޮން-ސްކްރީން އަދި އޮފް-ސްކްރީންގައިވެސް. އޭނައާއެކު މަސައްކަތް ކޮށްލުމަކީ އަހަރެން ދުށް ހުވަފެނެއް އަދި އަބަދުވެސް ދެކޭނެ ހުވަފެނެއް. އެ ހުވަފެން ޙަޤީޤަތަކަށް ވަނީކަން އަހަރެންނަށް އަދިވެސް ޤަބޫލުކުރަން ދަތި.”

ދާދިފަހުން ފިލްމްފެއަރ އަށް ދިން އިންޓަވިއުއެއްގައި ސިދާންތު ވަނީ ދީޕިކާއާއި ބެހޭގޮތުން ވަރަށް ޝައުޤުވެރި ވާހަކައެއް ހިއްސާކޮށްފައެވެ.

“އަހަރެމެން މަސައްކަތް ކުރާއިރު އަހަރެން އަމިއްލަ ނަފްސު މަތިން ހަނދާން ނެތޭ. އިމްޕްރޫވް ކުރަންޖެހޭ އެތައް ކަމެއް އޮވޭ. ދީޕިކާ އިންނާނީ ފަންސުރާއި މާކަރާއި އެއްޗެހި ހިފައިގެން. އޭނަ އެކަން މެނޭޖުކޮށްލަނީ ސްކޫލުގައި ކިޔަވާ ކުޑަކުއްޖެއްހެން. އޭނަ ގެންގުޅޭ ފަތިގަނޑެއްވެސް. ދެން ސްކްރިޕްޓް ކިޔަމުން ދަށުރޮނގުވެސް ދަމާ. އަހަރެންނަށް އެކަން ވީ ވަރަށް މަޖާ ކަމަކަށް، އެހާ ސީނިއަރ އެކްޓަރަކު ކުޑަކުއްޖެއްހެން މަސައްކަތްކުރާތީ.”

ދީޕިކާ މިހާރު ދަނީ އެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްކްރިޕްޓް ކިޔުމާއި ޔޯގާ ކްލާސްތަކެއްވެސް ނަގަމުންދެއެވެ. ލޮކްޑައުން ނިމުނުހާ އަވަހަށް ފިލްމުގެ ޝޫޓިންގ ފެށުމަށް ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.