މިއަދުވެސް މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން އެންމެފަހުން ހާމަކުރި މަޢުލޫމާތުގައި ވާގޮތުން މިއަދުގެ 10:00 އިން 15:00 އަށް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށްވެސް މެޓުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާނެތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް އަދި ކަނޑުތައް ގަދަ ދުވަސްވަރަކަށްވެފައި، ކަނޑުމަތީގެ އެކިއެކި ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ އެމްއެންޑީއެފް އިންވެސް ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.