ރ. ވާދުއަކީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މާލޭގެ އުތުރުން 120 މޭލު ދުރުގައި އޮންނަ ވާދުއަކީ 44 ހެކްޓަރުގެ ރަށެކެވެ. ފަޅު ބޮޑު މިރަށުގެ ފަޅުގެ ބޮޑުމިނުގައި 600 ހެކްޓަރު ހުރެއެވެ. ފަޅުގެ ދިގު މިނުގައި 3.41 މޭލު ހުރެއެވެ.
މީގެ އަށެއްކަ އަހަރު ކުރިއަށް ބަލާ ނަމަ، ފަތުރުވެރިންނަށް ރ. ވާދޫ މާ ހާއްސައެއް ނޫނެވެ. އެކަމަކު އެ ރަށުގެ ގޮނޑުދޮށުގައި ރެދަން ލައި، ނޫކުލައިން ވިދާ ބަބުޅަނިކޮށް 2013 ގައި، ބޭރުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއަކުން ދުނިޔޭގެ އެތައް ބައެއްގެ ޝައުގުވެރިކަން އެ ރަށަށް ހުއްޓުނެވެ. ދުނިޔޭގައި މަދުން ފެންނަ، ގުދުރަތީ މި އަޖައިބު ދެކިލުމަށް އޭރުއްސުރެ ވާދުއަށް މީހުން ދިޔައީ ފާރަލަމުންނެވެ. މީގެ ތެރެއިން ވެސް ޖަޕާނުގެ މީހުން ފާހަގަކޮށްލެވެއެވެ. އެ ގައުމުގެ ޓޫރިސްޓުންނާއި ސައިންޓިސްޓުން ވާދުއަށް ގަވައިދުން ޒިޔާރަތްކޮށް، މިކަން ތަޖުރިބާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރެނދަނުގެ ރީތި މަންޒަރުތައް އަތުޖެހޭތޯ ޖަޕާނުގެ ޓީވީ ސްޓޭޝަނަކާއި އިތުރު ރިސާޗަރުންތަކެއް އެރަށަށް ދިޔަ އެވެ.
ރެދަން ލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ކަޅުފޮއި ރޭރޭ ދޯނި ފަހަރު ދުއްވާފައި ދާއިރު ކަނޑުމަތިން ވެސް މި މަންޒަރު ފެނެ އެވެ. އެކަމަކު ކަނޑުން ފެންނަ ރެދަން ލުމާ ވާދޫ ގޮނޑުދޮށުގައި ލާފައި މިވާ ރެދަނާ ތަފާތެވެ. މި ދެ ކަމަކީ ވެސް ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޯލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުން ދިމާވާ ކަމެކެވެ. އާއްމު ގޮތެއްގައި ކަނޑުމަތީގައި ލާ ރެދަން ދިއްލި ފައި ހުންނަނީ މަދު ސިކުންތު ކޮޅަކަށެވެ. އެކަމަކު ވާދޫގެ ގޮނޑުދޮށުން މި ފެންނަ ރެދަން ދެ މިނިޓެއްހާއިރު ދިއްލިފައި ހުރެ އެވެ. އެހެންވެ، އެތައް މިލިޔަން ސޫފިތަކުގެ ސަބަބުން އަބަދުވެސް، ރާޅުޖަހާ ފަށް އޮންނަނީ ނޫ ކުލައިން ދިއްލާލައިފަ އެވެ. ވާދޫގެ މި މަންޒަރު އެހާ ހާއްސަ ވެގެން މިއުޅެނީ އެހެން ވެގެންނެވެ.
ވާދޫ އަކީ ވެލާ ކަހަނބު އެންމެ ގިނައިން އަރާ އެއް ރަށެވެ. މިރަށް ފާހާގަ ކުރެވެނީ ވަރަށް ރީތި ރަށެއްގެ ގޮތުގައެވެ. އެންމެ ހާއްސަ ކަމަކަށް ފާހަގަކުރެވެނީ ރީތި ދޮންވެލި ދެ ތުނޑި އާއި ރަށާ ގާތުގައި އޮންނަ “ވާދޫ ފިނޮޅެވެ”.
ދެން ނުދައްކާ ދޫކޮށްލެވޭނެ ވާހަކައަކީ، ރ. ވާދޫ ގޮނޑުދޮށުގައި އަހަރަކު އެއް ފަހަރުހެން ލަމުން އަންނަ ރެދަނުގެ ހިތްގައިމު ވާހަކައެވެ. ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ.
ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމަކަށް މޫދުގައި ގިނަވާ ސުއިއްޕެކެވެ.
ވާދޫގެ އުތުރު އަދި ދެކުނުގައި ދެ ތުނޑިއެއް އޮވެއެވެ. ހިމުން ދޮންވެލީގެ ދާނެއް ފަދަ އެ ދެތުނޑިއަކީ ފަތުރުވެރިންގެ އިތުރުން، ރަށަށް ޒިޔާރާތްކުރާ ފަރާތަކުގެ ލޯ އެންމެ ބޮޑަށް އަމާޒުވާ ތަންތަނެވެ. ވާދޫ އަކީ ވެލާ ކަހަނބު އެންމެ ގިނައިން އަރާ އެއްރަށެވެ. މިރަށް ފާހާގަ ކުރެވެނީ ވަރަށް ރީތި ރަށެއްގެ ގޮތުގައެވެ. ރަށުގެ ހިތްގައިމު ތުނޑީގައި މޫދަށް އެރި މަޖާ ކޮށްލުމަށް ކައިރި ރަށްރަށުން ވެސް މީހުން އާދެއެވެ. ވާދޫ އާއި ވަރަށް ގާތުގައި ދޮންވެލި ފިނޮޅެއް އޮވެއެވެ.
ރ.އަތޮޅު ވާދޫ އަކީ އެރަށުގެ ރީތިކަމާއި ސާފުތާހިރު ކަމަށް މަޝްހޫރުވެފައިވާ ރަށެކެވެ. އަހަރުގެ ފަހުކޮޅު އެރަށުގެ އަތިރިމަތިން ފެންނަ ރެދަންތަކުގެ ސަބަބުން އެތައް ބަޔަކު އެރަށަށް ޒިޔާރަތް ކޮށްލުމަށް ބޭނުންވެއެވެ.
ގުދުރަތުން ވާދުއަށް ދެއްވާފައިވާ ރީތިކަމަކީ އެރަށަށް ގޮސްގެން ނޫނީ ތަޖުރިބާ ނުކުރެވޭނެ ކަމަކެވެ.
އެކަމަކު، އެ ރަށުގެ މަންޒަރުތައް ފޮޓޯ އަދި ވީޑިއޯގެ ޒަރިއްޔާއިން ދައްކައިލާ ހާއްސަ މަންސައެއް މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ. “ވާދޫ ޓުއާރސް“ގެ ނަމުގައި ފޭސްބުކް އަދި ޓްވިޓާރގައި ވާދޫ އިސްތިހާރުކުރުމުގެ މަސައްކަތް ވާދޫ ޓުއާރސްގެ ޓީމުން ދަނީ ކުރަމުންނެވެ.
މިހާރު އެ ޓީމުން ވަނީ ވާދޫ އިޝްތިހާރުކުރުމަށް ބޭނުންކުރާނެ ރީތި ލަވައެއް ވެސް ނެރެފައެވެ. ފެހިފެހި އާޒާދީގެ ހިތްގައިމު ރާގަށް ހަދާފައި މި ލަވައިގެ ޅެން ލިޔުނީ ވާދުއަށް ނިސްބަތްވާ ޒުވާން ލިޔުންތެރިޔާ ޒިދާން މުޙައްމަދެވެ. ލަވަ ކިޔާފައިވަނީ ހަސަން މަޢުމޫނުގެ ހިތްގައިމު އަޑުންނެވެ. ވޯކަލް އަޅައި ލަވަ އެހާމެ ފުރިހަމަކޮށް ރެކޯޑްކޮށްފައިވަނީ “މިރޯ ރެކޯޑްސް”އިންނެވެ.
ވާދޫ ޓުއާރސްގެ ލަވައެއް: “ކާކުހެ ނާންނާނީ ނަލަނަލަ ވާދޫ މީ!”
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ
ނަލަނަލަ ލަވައެއް. ތަހުނިޔާ ޒިދާން