ހަވަނަ ބަޔާއި ގުޅޭ
އެވަގުތު ޒީކް ހުއްޓުވާލީ ހާވިލްގެ ފަހަތުން ވަދެގެން އައި އަންހެން ކުއްޖަކު ފެނުމާއިއެކުގައެވެ. ޒީކް ހިތާހިތުން ކިޔާލެވުނެވެ. އެއީ ކޮން އަންހެން ކުއްޖެއްބާވައެވެ. ހާވިލްއާއި އެއް ކުލައަކުން ހެދުން އަޅާލާފައި ހުރިއިރު ހާވިލްއާއި އެހާމެގުޅޭ ކުއްޖެކެވެ. ހާވިލްގެ ލޯބިވެރިޔާ ބާވައޭ ވެސް ޒީކްގެ ހިތަށް އަރަމުން ދިޔައެވެ. ނޫނީ ކޮއްކޮއެއް ބާވައެވެ. ކޮންމެ މީހަކަަށް ވިއަސް ޒީކްއަކާއި ކީންހެއްޔެވެ. ޒީކް ހިތަށްއެރިއެވެ.

“ލަސްވި ކަމަށްޓަކައި ވަރަށް ބޮޑަށް މައާފަށް އެދެން، ހިނގާފަ އަންނަަން ޖެހުނީމަ ލަސްވީ.” ޒީކްއާއި ހަމައަށް އައިސް ހާވިލް މައާފަށް އެދުނެވެ.

“ރަނގަޅު ވާނެ، އަދި އެހާ ލަހެއް ނުވެއެންނު!” ޒީކް ހިނގައިގަންނަމުން އައުމަށް އިޝާރާތް ކޮށްލިއެވެ. ޒީކްގެ ދައުވަަތު ގަބޫލުކޮށް ހާވިލްއައި ކަމަށްޓަކައިވެސް ޒީކް ޝުކުރުވެރިވެއެވެ.

ޒީކްގެ ގިނަ ރައްޓެހިންނާއި އެކު މިކަހަލަ ކެއުމެއްގައި އިށީނދެލެވުމުން ޒީކް ހުރީ ވަރަށް އުފަލުންނެވެ. ޒީކް ދިޔައީ ވަކި ވަކިން އެންމެންގެ ތައާރަފެއް ދެމުންނެވެ. އެއީ އެތަނުން ބައެއް މީހުންނަކީ އެކަކު އަނެކަކަށް އަލަަށް ދިމާވި މީހުންނަށް ވާތީއެވެ. އެހެންކަމުން ޒީކް ބޭނުންވީ ޒީކްގެ ހުރިހާ ރައްޓެހިންވެސް އެކަކު އަނެކަކަށް އެނގި ދަސްވުމަށެވެ.

އެންމެން ވާހަކައިގައި ތިބެ ކެއުމާއިގެން ކުރިއަށް ދިޔައިރު ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާވިލް ނޫނީ ދެން ތިބީ މުޅިންވެސް މާލޭގައި އުޅޭތާ ގިނަދުވަސްވެ މާލެއަށް ފަރިތަ މީހުންނެވެ. އެހެން ކަމުން އެންމެންވެސް ހާވިލްއަށް ގިނަ ސުވާލުތަކެއް އަމާޒުކުރިއެވެ.

ކައި ނިމުމާއި އެކު އެންމެންވެސް ގެއަށް ދާން ފެށިއެވެ. ހާވިލްވެސް ގެއަށް ދިއުމަށްޓަކައި ތެދުވިއެވެ. ޒީކްއަށް ޝުކުރު އަދާކުރުމަށްފަހު ހިނގައިގަތެވެ. އޭރުވެސް ޒީކްހުރީ ހާވިލް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހާވިލްއާއި އެކުގައި އެއައި އަންހެންކުއްޖަކީ ކާކުބާވައޭ ޒީކްގެ ހިތަށްއަރަމުން ދިޔައެވެ.

ޒީކްގެ ހިތުގައި އުފެދެމުންދިޔަ ސުވާލުގެ ޖަވާބު ބޭނުންވާތީއެވެ. އެއީ ކާކުތޯ ބަލަން ޒީކް ބޭނުންވެއެވެ. ހާވިލް ނިކުމެގެން ދިޔައިރުވެސް ޒީކް ބަލަހައްޓައިގެން ހުރިއެވެ. މި މަންޒަރު ބަލަން ހުރި ސަނާގެ ހިތަކަށް ކެތެއް ނުކުރެވުނެވެ.

“ކިހިނެއްވެފަ ތިހިރީ؟” ސަނާ ޒީކް ސިއްސުވާލިއެވެ. ނަމަވެސް ޒީކްގެ ހިތުގައި ހިނގަމުންދާ އެއްވެސް ކަމެއް ސަނާ ގާތުގައި ބުނާކަށް ޒީކް ބޭނުމެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އެހެންކަމުން އެއްޗެކޭ ނުބުނެ ޒީކް ކާގޭގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭރު މަންމަ މޭޒުމަތީގައިހުރި ތަށިތައް ނެގުމުގައި އުޅެއެވެ. ޒީކްވެސް މަންމައާއި އެކު ކާގޭގައި ހަރަކާތްތެރިވާން ފެށިއެވެ.

ޒީކްއަށް ކޮޓަރިއަށް ވަދެވުނުއިރު ބާރަ ޖަހައިފިއެވެ. ވެފައިހުރި ވަރުބަލިކަން ފިލުވާލުމަށްޓަކައި ފެންވަރާލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. ފޯނު ބަލާލިއިރު ނުދަންނަ ނަމްބަރަކުން ގުޅާފައި އޮތެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު ގުޅާފައި އޮތެވެ. ޒީކް ވިސްނާލިއެވެ. ޒީކް ހަދާންވީ ކުރީރޭ ސަނާއާއި އެކު ރެސްޓޯރަންޓްގައި އިންދާވެސް ގުޅީ ހަމަ އެ ނަންބަރުން ކަމެވެ. މި ޒަމާނުގައި އަންހެން ކުދިންނަށް ގުޅާ ޖެއްސުންކުރުމަކީ ވެސް ބައެއް މީހުންގެ އުފަލެކެވެ. ނަމަވެސް އެފަދަ މީހެއްގެ މަޅީގައި ޖެހޭކަށް ޒީކް ބޭނުމެއް ނުވެއެވެ. ދިރިއުޅުން ވިއްސި ވިހާލިވެ ދާން ބޭނުން ނުވާތީއެވެ. ހަޔާތުގެ ބައިވެރިއަކަށް ރަނގަޅު ހެޔޮލަފާ މީހަކު ލިބުމަށް އަބަދުވެސް ދުއާކުރެއެވެ. ޒީކް ފޯނު ސައިލެންޓްކޮށްލިއެވެ. އަދި އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.

ގެއަށްދިޔަ މަގުމަތީގައި ހާވިލްއާއި ސިފާނާ ދިޔައީ އެކިއެކި ވާހަކަތަޢް ދައްކަމުންނެވެ. ސިފާނާ އަކީ ހާވިލްގެ ބޮޑުދައިތަގެ ދޮށީ ދަރިފުޅެވެ. ހާވިލް އެކަނި އަންނަން ޖެހުމުން ހާވިލް އައީ ސިފާނާ އާއިއެކުގައެވެ. ސިފާނާ ހާވިލްއަށްވުރެ ދެތިންއަހަރު ހަގުވާނެއެވެ. އެހެންކަމުން ސިފާނާއާއި އޭނާގެ ކޮއްކޮވެސް ހާވިލްދެކެނީ ބޭބެއެއްގެ ގޮތުގައެވެ. ހާވިލްވެސް ދެކެނީ އެދެކުދިން ކޮއްކޮއިންގެ ގޮތުގައެވެ.

“އެއީތަ ޒީކް އަކީ؟” ސިފާނާ އަހާލިއެވެ.

“އާން އެއީ ޒީކް.، ހާވިލްބެމެން އޮފީހުގެ ފައިނޭންސިންގަ އުޅޭނީ. ހާވިލްބެއަށް ވަރަށް ރަނގަޅުވާނެ، ވަރަށް ގިނައިން ސަޔަށް ދާން، ކާންދާންވެސް ބުނާނެ އެކަމު ހާވިލްބެ ނުދަން.” ހާވިލް ކިޔައިދިނެވެ

“ވަރަށް މުއްސަނދި ފެމިލީއެއް އެއީ، އެ އާއިލާގަ ހުންނަ ހަމައެކަނި ކުއްޖަކީ ޒީކް.” ހާވިލް އިތުރަށް ކިޔައިދިނެވެ.

“އެހެންވީއިރު ޒީކް ކީއްވެ އަހަރެންނާއި ދިމާއަށް އެވަރަށް އެބެލީ؟.. ޒީކް ހީކުރީ އަހަރެންމީ ހާވިލްބެ ބިޓުކަމަށް ދޯ؟” ސިފާނާ ހިނިގަނޑެއް ޖަހާލިއެވެ. ހާވިލްވެސް ސިފާނާއާއި ބައިވެރިވެލިއެވެ.

އޮފީހުގެ ގޮނޑީގައި ޚިޔާލަކަށް ގެއްލިފައި ޒީކް އިނެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ޒީކްގެ ހިތުގައި ޖަހާ ރާޅުތަށް ބޮޑުވެ ގިނަވަމުންދެއެވެ. ހާވިލް އާއި ދޭތެރޭ ވިސްނޭވަރު އިތުރުވެއެވެ. ހާވިލް ދެކިލުމަށް އަބަދުވެސް ބޭނުންވެއެވެ. ނަމަވެސް މީ ކީއްވެގެންވާ ކަމެއްބާވައޭ ޒީކް ހިތަށް އަރައެވެ. އަނެއްކާ ހާވިލްދެކެ ލޯބިވެވުނީ ބާވައެވެ. އެހެންކަމުން މިވާހަކަ އާޝިޔާއާއި ހިއްސާކުރަންވީއޭ ވެސް ޒީކްގެ ހިތަށްއަރައެވެ. ނަމަވެސް އާޝިޔާ ހިތަށްއަރާނީ ކީކޭބާވައޭ ހިތަށް އަރާފައި ޖެހިލުންވަނީއެވެ. ހާވިލްއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކުމަކީ ފަހަރެއްގައި ހާވިލްވެސް ނުރުހިދާނޭ ކަމަކަށް ވެދާނެއެވެ. އަނެއްކޮޅުން ކުރީ ރޭގެ ކެއުމަށް ހާވިލް އާއިއެކު އެ އައީ ހާވިލްގެ ލޯބިވެރިޔާ ނޫންކަމެއްވެސް ޒީކްއަކަށް ނޭގެއެވެ. ހާވިލްގެ ކޮއްކޮއެއްް ނޫނީ ދައްތައެއް ހުންނަކަމެއް ނޫނީ ނުހުންނަ ކަމެއްވެސް ޒީކްއަކަށް ނޭގެއެވެ.

“ޒީކް!” އޮފީހުގައި ޖެހިގެން ހުރި މޭޒު ކައިރީގައި އިން ނަދީމާ ޒީކްއަށް ގޮވާލިއެވެ. ގަލަމުގެ އެއްކޮޅު ތުންފަތުގައި ޖައްސައިގެން އިންތަން ފެނިފައެވެ. ނަދީމާ ގޮވާލުމާއިއެކު ޒީކް ގެއްލިފައިއިން ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

“ކޮން ޚިޔާލެއްގައިތަ މިހާރަކަށް އައިސް ތިއިންނަނީ؟” ޒީކްގެ އުޅުމަށް އަންނަމުންދާ ބަދަލުތައް ނަދީމާއަށްވެސް ފާހަގަވި ކަހަލައެވެ. ނަދީމާގެ ވާހަކަތަކަށް އެއްވެސް އެއްޗެކޭ ނުބުނެ ޒީކް ތެދުވެގެން ހިނގައިގަތެވެ. އަދި އޮފީހުން ބޭރަށް ނިކުތެވެ. ހިތްހަމަ ޖައްސާލުމަށެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުމަތީގައި މީހުންތައް ހޭލަމޭލަވެ އުޅޭގޮތް ބަލާލަން މަޑުކޮށްލިއެވެ. ސައިކަލްތަކުގައި ޒުވާންފުރައިގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ދުއްވަމުންދާތަން ފެނެއެވެ. މަގުމަތީގެ ހަލަބޮލި ކަމުން ޒީކްގެ ހިތަށް ހަމަޖެހުން ލިބެމުންދެއެވެ.

އެތައް އިރެއްވަންދެން ބޭރުގައި ހުރުމަށްފަހު ޒީކް އޮފީސްތެރެއަށް ވަނެވެ. އިސްޖަހައިގެންހުރެ ސިޑިން މައްޗަށް އެރިއެވެ. އިސްއުފުލާބަލާވެސް ނުލައެވެ. މި މަންޒަރުބަލަން ހާވިލް އިނެވެ. އަދި ޒީކްއަށް މައްޗަށް އެރޭހާ އިރު ކޮށްފައި އިންޓަކޮމްއިން ހާވިލް ޒީކްއަށް ގުޅާލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.