2014 ވަނަ އަހަރު ނޮވެމްބަރު 19 ގައި އުފެދުނީއްސުރެ ފެށިގެން ކޮންމެ އަހަރަކުވެސް ރަށުފެންވަރުގައި ކުލަގަދަކޮށް ޢީދު ފާހަގަކުމަށް ކުޑަރިކިލުގައި އެތައް ޙަރަކާތްތަކެއް ހިންގަމުން އަންނަ ހިއްޗާ ބޮޑުބެރު ގުރޫޕުގެ ފުރަތަމަ އަމިއްލަ އުފެއްދުން ކަމުގައިވާ “އީދޭމީ” ލަވަ އީދު ދުވަހާ ދިމާކޮށްވަނީ ސޯޝަލް މީޑިޔާއަށް ދޫކޮށްލާފައެވެ.

މުޅިދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލިމަޑުކަމާއި ގުޅިގެން ރަށްރަށަށް މީހުންގޮސް، ކުރިން ފާހަގަ ކުރާގޮތަށް ޢީދު ފާހަގަ ނުކުރެވޭނެތީ، ހާލަތާ ގުޅޭގޮތުން ޢީދު ފާހަގަކުރެވިދާނެ ގޮތަކާއި މެދު ގުރޫޕްގެ އެގްޒެކެޓިވް ކޮމިޓީގައި މަޝްވަރާކޮށް އާއްމުންނާ ހަމައަށް ގެނެސްދީފައިވާ މިލަވައަކީ ބޮޑުބެރުގެ ހުނަރުތަކާއި ކުޑަރިކިލުގެ ހިތްގައިމު މަންޒަރުތައް ފެންނަ ފުރިހަމަ ލަވައެކެވެ. މިއީ ހިއްޗާ ބޮޑުބެރު ގުރޫޕްގެ މިފަދަ ފުރަތަމަ މަސައްކަތަށްވެފައި، ގުރޫޕްގައި އަމިއްލަ ރާގުގެ ލަވައެއް އުފެއްދުމުގެ މަސައްކަތް ކުރިން ކޮށްފައިވާ އެއްވެސް މީހަކު ނެތުމާއެކު މިކަންވީ ޗެލެންޖް ބޮޑު މަސައްކަތަކަކަށް ކަމަށް އެގުރޫޕުން ބުނެއެވެ.

އެހެންނަމަވެސް، ހުނަރުވެރިކަމާއެކު ހިއްޗާ ބޮޑުބެރުގެ މެމްބަރ ޢަބްދުﷲ މުއާޒު، ލަވައިގެ ރާގާއި ޅެން ހައްދަވައި ދެއްވާފައިވާލެއް ފުރިހަމަކަން މިލަވަ އަޑު އަހާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

މިލަވައިގެ އެންމެ ހާއްސަ ކަމަކީ، ހިއްޗާ ބޮޑުބެރު ގުރޫޕަކީ ބ. ކުޑަރިކިލަށް ނިސްބަތްވާ ގްރޫޕަކަށް ވުމާއެކު ލަވައިގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ ކުޑަރިކިލުގެ ފަންނުވެރިން ލައްވާ ކަމަށް ހިއްޗާ ބޮޑުބެރު ގުރޫޕުން މައުލޫމާތު ދެއެވެ. ލަވަކިޔާފައިވަނީ ހިއްޗާ ބޮޑުބެރުގެ ލީޑް ލަވަކިޔުންތެރިޔާ މުހައްމަދު ޒާހިރު ހުސައިން ކަމަށްވާއިރު، ރަށުގައި ސްޓޫޑިއޯ އާލާތްތައް ނެތް ނަމަވެސް، ލިބެންހުރި ވަޞީލަތްތަކުން ވަރަށް ފުރިހަމައަށް ފަޠުހުﷲ ނަޢީމް، ލަވައިގެ މިއުޒިކާއި، ރެކޯޑިންގ އަދި މިކްސިންގެ މަސައްކަތް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ލަވައިގެ ވީޑިއޯ ތައްޔާރު ކުރުމުގެ ބުރަމަސައްކަތް ކޮށްފައިވަނީ ހިއްޗާ ބޮޑުބެރު ގްރޫޕްގެ އެގްޒެކެޓިވް ކޮމިޓީގެ ވައިސް ޕްރެޒިޑެންޓް ޝާހު ޝާހިދުގެ ބެލުމުގެ ދަށުން ގުރޫޕްގެ މެމްބަރުންކަމަށްވެސް ހިއްޗާ ބޮޑުބެރު ގުރޫޕުން މައުލޫމާތު ދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.