‘ގޯޕީ ބަހޫ’ގެ ގޮތުގައި މަޤްބޫލުވި ހިންދީ ސިލްސިލާ ފިލްމީ ތަރި ޑެވޮލީނާ ބަޓަޗަރްޖީ ވެސް “ނާގިން 5″ގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެކަމާމެދު ޑެވޮލީނާ ބުނަނީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.

“ނާގިން 5″ގައި ހިމެނޭނީ ކޮންކޮން ފަންނާނުންނެއްތޯ ބަލައިލުމަށް ކެތްމަދުވެފައި ތިބި، މި ސީރީޒްގެ ފޭނުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ. އާނއެކެވެ. ޑެވޮލީނާއަށް ވަނީ “ނާގިން5” ގެ މިހުންމު، އެހެނަސް ކުޑަ ރޯލެއް ހުށައަޅާފައެވެ. ‘ބިގް ބޮސް13’ އިން އެންމެ ފަހުން ފެނިފައިވާ ޑެވޮލީނާއަށް ލިބުނު ހުށައެޅުން ޤަބޫލުކުރާނަންތޯ ނުވަތަ ނޫންތޯ އަހައިލުމުން އޭނާ ބުނީ އެކަމާމެދު އޭނާ ވިސްނަމުން އަންނަ ކަމަށެވެ. އެހެންކަމުން ޑެވޮލީނާއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ނާގިން ވަރުގެ ކާމިޔާބު ފްރެންޗައިޒް ޝޯއެއްގެ ބައެއް ކުޅުމަށް އޭނާ ބޭނުންވެއެވެ. އެ ސީރީޒް އަކީ އޭނާއަށްވެސް މަޤްބޫލު ސީރީޒަކަށް ވާއިރު، އެކްތާ ކަޕޫރާއި އެކުގައި މަސައްކަތް ކޮށްލުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ.

ކޮންމެ ގެއެއްގެ ބޮޑުކޮޓަރީގައި ޑެވޮލީނާގެ ނަން ހަރުލާފައިވަނީ ސްޓާ ޕްލަސް އިން ދެއްކި މަޤްބޫލު ސީރީޒް ‘ސާތު ނިބާނާ ސާތިޔާ’ގައި އޭނާ ކުޅުނު ގޯޕީ ބަހޫގެ ރޯލުންނެވެ. އޭނާ އެ ރޯލުކުޅުނީ މުޙައްމަދު ނާޒިމް (އެހެމް މޯދީ) އާއި އެކުގައެވެ. ސަލްމާން ޚާން ހުށައަޅައިދޭ ބިގް ބޮސް13 އިން ޑެވޮލީނާ ވަކިވާން ޖެހުނީ ބުރަކަށްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

“ނާގިން5” ގެ ވާހަކަ ދައްކާ އިރު، މިމަހު 09ވާ އާދީއްތަ ދުވަހު އެ ސީރީޒް ދައްކަން ފެށުމަށް ވަނީ ނިންމާފައެވެ. ހީނާ ޚާން، ދީރަޖް ދޫޕަރް އަދި މޯހިތު މަލްހޯތުރާ ފެނިގެންދިޔަ އެ ސީރީޒްގެ ފަސްޓު ލުކާއި އެކު އިންޓަނެޓަށް ގުގުމެއް އައި ކަހަލައެވެ.

ޑެވޮލީނާއަށް ލިބިފައިވާ ހުށައެޅުމަށް އާނއެކޭ ބުނުމަކީ ހަމަ ގައިމުވެސް އޭނާގެ ފޭނުން އުފަލުން ފޮޅޭނެ ކަމެކެވެ. ސީރީޒް ބަލާނެ ފޭނުންތަކެއްވެސް އިތުރުވެގެން ދާނެ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.