ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ 26 އެޕިސޯޑްގެ ލޯބީގެ ސީރީޒް “ހުވާކޮށްފާ ބުނަން” މިއީ ގޮޅާ އައްޔަގެ ޚާއްޞަ މަސައްކަތެއް ކަމަށް ބުނެލުމުން ނޭނގިދާނެއެވެ. މި ފިލްމުގެ ކެމެރާ ކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އޭ ބުންޏަސް އެކަންވެސް އެހާ ޚާއްޞަ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން “ހުވާކޮށްފާ ބުނަން” މި ސީރީޒަކީ ގޮޅާ އައްޔަގެ ޚާއްޞަ މަސައްކަތަކަށްވީ ކީއްވެގެންތޯ މުނިއަވަސްއިން ބަލައިލީމެވެ.

ގޮޅާ އައްޔަގެ ފިލްމީ ދަތުރުގައި “ހުވާކޮށްފާ ބުނަން” ޚާއްޞަވި ގޮތް ފަށަން މި ޖެހެނީ “އެ ދަތުރު” ފިލްމާއި ހިސާބުންނެވެ. “އެ ދަތުރު” ފެށެނީ ރާއްޖޭގެ އެންމެ ފުންނާބު އުސް، އެކްޓަރ، އެޓިޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި އެކުގައެވެ.

“ޔޫއްޕެ ޑައިރެކްޓްކުރި ފުރަތަމަ ފިލްމަކީ ފިލްމު ‘އެ ދަތުރު’. އޭގެ ކެމެރާކުރީ އަޅުގަނޑު. އެޑިޓްކުރީ އަޅުގަނޑާ ޔޫއްޕެއާ ދެމީހުން. ދެން ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ ސީރީޒް “ހުވާކޮށްފާ ބުނަން” ކެމެރާކުރަން ވެސް ހަމަ އަޅުގަނޑަށް މި ލިބުނީ. އެޑިޓިން މަސައްކަތްވެސް އަޅުގަނޑު މި ކުރަނީ. އެހެންވީމަ ވަރަށް ބޮޑު އިއްތިފާގެއް ޔޫއްޕެއާ އެއްކޮށް މަސައްކަތްކޮށްލަން ލިބުމަކީ.” ޔޫއްޕެ މިހާރު އުފައްދަމުން އަންނަ ސީރީޒް “ހުވާކޮށްފާ ބުނަން” ގޮޅާ އައްޔައަށް ޚާއްޞަވި ސަބަބު ހާމަކުރަމުން ކިޔައިދިނެވެ.

ޔޫސުފް ޝަފީޢު (ޔޫއްޕެ) – ފޮޓޯ: ޔޫއްޕެ އިންސްޓަގްރާމް

“އައްޔަ އަކީ އަސްލުގަ އަހަރެން މި ދާާއިރާއަށް ނުކުތުމުގަ ވަރަށް ބޮޑު ހިއްސާއެއް އަދާކުރި ފަރާތެއް. ވަރަށް ގިނަ މަސައްކަތްތަކެއް އެއްކޮށް ކުރެވިފަ، ގާތްކޮށް މަސައްކަތް ކުރެވިފަ ހުރީ. ދެން އައްޔަގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު. އެގޮތުން އަޅުގަނޑުގެ ފުރަތަމަ ޑައިރެކްޝަން ފިލްމު “އެ ދަތުރު” ކެމެރާކުރުމުގެ ފުރުޞަތު އައްޔައަށް ލިބިގެން ދިޔައީވެސް އަސްލުގަ އައްޔައަކީ ވަރަށް ސީނިއަރ ފަރާތެއް އޭރުވެސް، މިހާރުވެސް. އެހެންވީމަ ފުރަތަމަ ޑައިރެކްޝަންގަ އައްޔަ ކެމެރާކޮށްދިނުމަށް އެއްބަސްވިކަން އެއީ ހަމަ ގައިމުވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ދެން އެގޮތުން އައްޔަގެ ވަރަށް ބޮޑު އެހީތެރިކަމެއް މުޅި ފިލްމުގަ ލިބިގެން ދިޔަ މަސައްކަތްކުރުމުގަ.”

ޔޫއްޕެ އިތުރަށް ބުނީ އެ ފިލްމަކީ ޔޫއްޕެގެ ފުރަތަމަ ޑައިރެކްޝަނަށް ވެފައި ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވި ކަމަށާއި އައްޔަ އަކީ ތަޖުރިބާކާރު، ހުރިހާ ގޮތަކުންވެސް، ޓެކްނިކަލް މަސައްކަތާއި ކެމެރާއަށް ވެސް ތަޖްރިބާހުރި ފަރާތެއް ކަމަށާއި ގިނަ ބަޔަކާއެކު މަސައްކަތްކޮށްވެސް ގިނަ ތަޖްރިބާތަކެއް ލިބިފައިވާ ފަރާތެއް ކަމަށެވެ.

“އެކްޓިންގެ ދާއިރާގަވެސް އައްޔަ އަށް ހަމަ ވަރަށް ގިނަ ކަންތައްތަކެއް އެނގޭ، އެހެންވީމަ އެއީ ވަރަށް ބޮޑު އެހީތެރިކަމަކާ ހިތްވަރެއް ލިބިގެން ދިޔަ ކަމެއް ‘އެ ދަތުރު’ގަ އައްޔަ ކެމެރާ ކުރުން. ދެން ހަގީގަތުގަ އަނެއްކާވެސް ބުނެވޭނީ މިއީ ވަރަށް ބޮޑު އިއްތިފާގެކޭ، އެތައް ޒަމާންތަކަކަށް ފަހު ޕްރޮޑަކްޝަނުން (ޔޫއްޕެ ޕްރޮޑަކްޝަނުން) ހެދޭ ފުރަތަމަ ސީރީޒްގަ ހަމަ އަނެއްކާވެސް އައްޔަ ލައްވާ ކެމެރާކުރުމުގެ ފުރުޞަތު ލިބިގެން ދިޔަކަމީ ހަމަ ނަސީބެއް އެއްގޮތަކުން، އަނެއް ގޮތަކުން ބުނަންޏާމުން ވަރަށް ބޮޑު އިއްތިފާގެއް.” މިކަން އިއްތިފާގަކަށް ވީ ޔޫއްޕެ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު ކެމެރާ ކުރެވުމާއި ޔޫއްޕެ ޕްރޮޑަކްޝަންގެ ފުރަތަމަ ސީރީޒް ކެމެރާ ކުރުވުންކަން ޔޫއްޕެ ތަކުރާރުކޮށް ފާހަގަކުރިއެވެ.

އައްޔަަ އަކީ ކެމެރާ ކުރުމާއި ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްތަކުގައި ތަޖްރިބާކާރު ފަންނާނެއް – ފޮޓޯ: އައްޔަ

“ކެމެރާ ކުރުމުގެ އިތުރުން މިފަހަރުވެސް ހަމަ އައްޔަގެ ވަރަށް ބޮޑު އެހީތެރިކަމެއް ޓެކްނިކަލް ގޮތުންނާ މި މަސައްކަތް އުފެދިގެން ދާއިރު ހަމަ ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ވެދެމުން ދަނީ، ދެން އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ އައްޔައަކީ ހަމަ ވަރަށް ފަރުވާތެރިކޮށް ވަރަށް ވަގުތަށް ކަމޭހިތައިގެން އަދި ޖެހުނު ހަމަ ކޮންމެ ކަމެއްހެން ކުރުމަށް ފަސްނުޖެހި މަސައްކަތްކުރާ ފަރާތެއް.” ޔޫއްޕެ ފާހަގަކުރިއެވެ.

އިތުރަށް ޔޫއްޕެ ބުނީ ދާއިރާގައި ތިމާ ވަކި ކަމެއް ކުރާތީވެ ދެން ހުންނަ ކަންކަން ނުކުރާ ބައެއް ފަަރާތްތައް އުޅޭކަމަށާ ނަމަވެސް އައްޔަ އަކީ އެއާ ޚިލާފަށް ހުރިހާކަމެއްވެސް ކުރުމުގެ ޝައުގުވެރިކަން ހުރެ ހުރިހާ ކަމަކަށްވެސް އެހީތެރިކަން ދޭ ފަރާތެއް ކަމަށާއި އެއީ އައްޔަގެ ހުރި ވަރަށް ރަނގަޅު ސިފައެއްކަން ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ.

“އައްޔަ އަކީ ތަޖްރިބާކާރު، އަހަރެންގެ ވެސް ހަމަ ސީނިއަރެއް ކޮންމެ ގޮތެއްވިޔަސް، އެހެންވީމަ އެ އިހްތިރާމު އައްޔައަށް އޮންނާނެ، ދެން ހަމަ ވަރަށް ބޮޑު އުފަލެކޭ ބުނެވޭނީ އައްޔަ ލައްވާާ މިވަރު ބޮޑު މަސައްކަތެއް ކޮށްލަން ފުރުޞަތު ލިބުމަކީ.” ޔޫއްޕެ ފާހަގަކުރިއެވެ.

ޢަލީ ރަޝީދު (ގޮޅާ އައްޔަ) އަކީ ޔޫއްޕެ އާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން މިހާތަނަށް ރިލީޒްނުވެ އޮތް ޔޫއްޕެގެ ފުރަތަމަ ފިލްމުގައި މަސައްކަތްކުރުމުގެ އިތުރުން، ޔޫއްޕެ ލީޑްކުޅެ ރިލީޒްވި ފުރަތަމަ ފިލްމު “ގުރުބާނީ” ގައިވެސް ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ އައްޔަ އެވެ. އޭގެ އިތުރުން ޔޫއްޕެ ލީޑް ކުޅުނު “މަޖުބޫރު ލޯބި”، “ހިތް ހަލާކު”، “އަންބެއްގެ ލޯބި، ފިރިއެއްގެ ވާޖިބު” ފަދަ ފިލްމުތައްވެސް ކެމެރާކޮށްފައިވަނީ އައްޔައެވެ.

ލަންކާއަށް އައްޔަގެ ދިރިއުޅުން ބަދަލުކުރުމުގެ ކުރިން ޔޫއްޕެގެ މަސައްކަތަކަށް އެންމެ ފަހުން ކުރީ “އެ ދަތުރު”ގެ މަސައްކަތެވެ. އެ މަސައްކަތްކޮށްލަން ލިބުމަކީ އައްޔައަށް ލިބުނު ވަރަށް އުފާވެރި ފުރުޞަތެއްކަން ފާހަގަކުރިއެވެ. ލަންކާގައި 13 އަހަރު ދިރިއުޅުމަށް ފަހު މާލެއަށް ބަދަލުވުމާއެކު އަނެއްކާވެސް އައްޔައަށް މިވަނީ ޔޫއްޕެގެ ވަރަށް ޚާއްޞަ މަސައްކަތެއްގައި ޚާއްްޞަ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބިފައެވެ. “ހުވާކޮށްފާ ބުނަން” ކެމެރާކޮށް ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީވެސް އައްޔައެވެ. ޔޫއްޕެ އާއި އެއްކޮށް މި މަސަައްކަތްކޮށްލަން ލިބުމަކީ އައްޔައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއް ކަމަށް އޭނާ ފާހަގަކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.