ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޅެންވެރީންގެ ހަވީރެއް ބާއްވައިފިއެވެ. މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމު ކުރިޔަށް ގެންދަވާ ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް އުނގަންނައިދޭ ޕްރޮގްރާމުގެ ދަށުން އޭނާ އިންތިޒާމު ކުރެއްވި މި ހަވީރު ޚާއްޞަ ކުރެވިފައިވަނީ ކުޅަދާނަ ޅެންވެރިޔާ އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅުގެ މައްޗަށެވެ.

“އާދަމް ނަޞީރު އިބްރާހީމްގެ އަދަބީ އުފާ” މި ނަމުގައި 23 އޮގަސްޓުގެ ރޭގަނޑު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޅެމަށް އިންސާފުކުރެއްވި ބޭފުޅުންގެ ތެރޭގައި އުތީމު އާދަމް ޢަބްދުއްރަޙްމާނު، ޑރ. އަޝްރަފު ޢަބްދުއްރަޙީމު، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ މުޙަންމަދު އާމިރު (ފަރެސް) ހިމެނެއެވެ. މީގެ އިތުރަށް ކުޅަދާނަ ބަސްވާރު ޢިޔާޒު ޖާދުﷲ ނަސީމު ވެސް މި ހަވީރުގައި ޅެންވެރިކަމުގެ މައްޗަށް ޝުޢޫރު ފާޅުކުރެއްވިއެވެ. އަދި ޅެންވެރިކަމުގައި އިހުގެ އިސް އެދުރުންނަށް ލޯބިކުރުމާއި އެބޭފުޅުންނަށް މިހާރުގެ ޅެންވެރީން ޤަދަރުކުރުމުގެ މައްޗަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ޅެންވެރިކަމުގެ ފަންނުގެ އެތައް ބޭފުޅުންނެއް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތު ތަޢާރުފު ކުރެއްވުމުގައި ޔޫސުފު މުޙަންމަދުފުޅުގެ ޙަޔާތްޕުޅުގެ މައްޗަށް އަލި އަޅުއްވައިލައްވައި އާދަމް ނަޞީރު ތަޤުރީރު ކުރެއްވިއެވެ.

“އަޅުގަނޑު ދަންނަވާނީ ޔޫސުފު މުޙަންމަދު ފުޅު ޅެން ހައްދަވައިފައިވަނީ ކޮންކޮން ދާއިރާއަކަށް ތޯ ސުވާލު ނުކުރައްވާށޭ. އޭގެ ބަދަލުގައި އަޅުގަނޑު ދަންނަވާނީ ޔޫސުފު މުޙަންމަދު ޅެން ނުހައްދަވައި އޮތީ ކޮން ދާއިރާޔަކަށް ތޯ ނިކަން ސުވާލު ކުރައްވައިބައްލަވާށޭ.” ނަޞީރު ވިދާޅުވިއެވެ. އިތުރު ތަފުޞީލު ދެއްވަމުން އޭނާ ވިދާޅުވީ އަދަބީ ނަޒަރަކުން ބަލާ ނަމަ، ޔޫސުފު މުޙަންމަދު ފުޅުގެ ޅެންވެރިކަމަކީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ފުރާނަކަމަށް ބުނަން ޖެހިލުންނުވާކަމަށެވެ. އެ ގޮތުން އޭނާ ފާގަކުރެއްވީ އަސާސީ ތަޢުލީމުގެ ލަވަތަކުން އުފެއްދެވި އުނގެނުމުގެ ރޫޙެވެ. މަސްވެރިކަމުގެ ލަވަތަކުން އުފެއްދެވި ހަކަތައެވެ. ދަނޑުވެރިކަމުގެ ލަވަތަކުން އުފެއްދެވި މަސައްކަތްކުރުމުގެ ފޯރިއެވެ. ތިމާވެށީގެ ލަވަތަކުން ދިވެހި ވެށީގެ މައްޗަށް މީހުންގެ ހިތްތަކުގައި އުފެއްދެވި ލޯތްބެވެ. ޤައުމީ ލަވަތަކުން ދިވެހީންގެ ހިތްތަކުގައި ޖެހި ވަޠަނީ ވިންދެވެ. މަދަޙަތަކުގައި ހުރި އާދަޔާ ޚިޔާފު ފުން އަސަރެވެ.

ރޭގެ ޕްރޮގްރާމަށް ގިނަބައެއްގެ ތަރުޙީބު ލިބިފައިވާތީ ޅެމުގެ މުޝާޢަރާއެއް ބޭއްވުމަށް ޑރ. އަޝްރަފު ޚިޔާލު ހުށަހެޅުއްވިއެވެ. އަދި އުތީމު އާދަމްބެއާއި ފަރެސް މުޙަންމަދު އާމިރު މި ކަމަށް ތާއީދު ކުރެއްވިއެވެ. ހަމަ އެހެންމެ އަދަބުން އުފާ ލިބިގަތުމަކީ އަދަބިއްޔާތުގެ ވަރަށް މަތިވެރި އެއް މަޤުޞަދުކަމުގައި ފަރެސް މުޙަންމަދު ޢާމިރު ފާހަގަ ކުރެއްވިއެވެ.

ބައިވެރީންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ގޭގެ ކޮޓަރި ތެރޭގައި އިނދެގެން އަދަބީ މި ފަދަ އުފަލެއް ލިބުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ. މި ހަވީރު ވަރަށް ފުރިހަމަކަމަށެވެ. އެހައި ޢިލްމުވެރި ބޭފުޅުންގެ ފަރާތްޕުޅުން އެތައް ފިލާވަޅެއް ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.