ހާޖަރާގެ އަބްދުﷲ ލުތުފީ އިސްވެ ހުރެ، ދިވެހިންގެ ތެރެއިން މަދު ބަޔަކާ ތަމަޅަ ޓައިގަރުންގެ ޓެރަރިސްޓް ޖަމަޢަތަކާއެކު، 03 ނޮވެމްބަރު 1988 ގައި ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާގައި އިންޑިޔާ ސިފައިން ހިންގި “އޮޕަރޭޝަން ކެކްޓަސް” އަށް ބިނާކޮށް ފިލްމެއް ހެދުމަށް ނިންމައިފިއެވެ.

އިންޑިޔާއިން ރާއްޖެއަށް އެހީވާން ހިންގި “އޮޕަރޭޝަން ކެކްޓަސް” ދައްކުވައިދޭ މި ފިލްމަކީ ކަރަން ޖޯހަރުގެ ފިލްމެކެވެ. މި ފިލްމުގައި ޝާހިދު ކަޕޫރު ފެނިގެންދާނީ އާމީ ބްރިގޭޑިއާއެއްގެ ގޮތުގައެވެ.

ފިލްމުގެ ނަން މިހައިތަނަށް ނިންމާފައިނުވާ މި ފިލްމުގައި ދައްކުވައިދޭނީ ތަމަޅަ ޓައިގަރުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއިން ރައްޖެ ސަލާމަތްކުރުމަށް އިންޑިއާ ސިފައިން ހިންގި މިލިޓަރީ އޮޕަރޭޝަނެވެ. މި ބަޣާވާތަކީ ރާއްޖޭގެ ވިޔަފާރިވެރިއެއް ކަމަށްވާ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓަމިލް އީލާން (ޕްލޯޓް) ގުޅިގެން އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަން ވައްޓާލަން ދިން ހަމަލާއެކެވެ.

މި ފިލްމުގައި ޝާހިދު ކަޕޫރު ކުޅޭނީ ބްރިގޭޑިއާ ފަރޫކް ބުލްސަރާގެ ރޯލުކަމަށް ރިޕޯޓްތައް ބުނެއެވެ. ފަރޫކް ބުލްސަރާ އަކީ އިންޑިޔާ އާމީގެ ވައިކުޑަ ފައުޖު (ޕެރަޓްރޫޕާސް)ގައި އިސްކޮށް ހުރި ކޮމާންދަރެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ވިޝާލް ބަދުރްވާޖާއި އަދިތިޔާ ނިމްބަލްކަރް އެވެ. މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާއިރު، މި އަހަރު މެދުތެރޭގައި ފިލްމުގެ މަސައްކަތް ފަށާނެއެވެ. މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން މިލިޓަރީ ޚާއްޞަ ފިޒިކަލް ތަމްރީނުތަކެއް ޝާހިދު ހަދާނެއެވެ.

ބޮޑު ބަޖެޓަކުން ތައްޔާރު ކުރާ މިފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނެޓްފްލިކްސް ގުޅިގެން ހަދާ ފިލްމެކެވެ. މި ފިލްމަކީ ބޮލީވުޑްގައި ހިޓް ފިލްމަކަށް ނުވިޔަސް ހަމަ ގައިމުވެސް ދިވެހިންގެ މެދުގައި ހިޓް ފިލްމަކަށް ވާނެ ފިލްމެއް ކަމަށް ގަބޫލުކުރެެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.