ބ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށް އޮރެންޖު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ 10:18 ގައި ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގަޑިއަކު 34 މޭލާއި 40 މޭޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު60 މޭލަށް ވައިގަދަވެ، ވަރަށް ބޮޑަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.

އޮރެންޖު ސަމާލު ނެރެފައިވަނީ މިރޭ 2230 ން 06 ސެޕްޓެމްބަރުގެ 0230ގެ ނިޔަލަށެވެ.

ރާއްޖެއަށް ގަދަ ވިއްސާރަކޮށް ވައިގަދަވެ ކަނޑުތައް ގަދަވެފައިވާއިރު، މިރޭ 08:00 އިންް މާދަމާރޭ 08:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް ބުނެއެވެ.

ބޯކޮށް ވާރޭވެހި، ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

މޫސުމާބެހޭ އިދާރާއިން މިރޭ ނެރުނު މޫސުމާބެހޭ ޚަބަރެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެ، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 27 މޭލާ ދެމެދުގެ
ބާރުމިނުގައެވެ. ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.