މުޙައްމަދު މާޖިދު (މެޒޯ މޯޑް)ގެ ހިޓް ލަވަތަކުން އެންމެ ފޯރިގަދަ އެއް ލަވަ ކަމަށްވާ “އަކިރިދެމޭ” އަށް އޭނާގެ ދަރިފުޅު މީރާ މުޙައްމަދު ހިމެނޭ ބޭންޑުން ގެނެސްދީފައިވާ ކަވަރ އަޑުއަހައިފިން ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް ދިވެހި މިއުޒިކަށް ލޯބީކުރާ ފަރާތްތަކަށް ކަމުދާނެ، އޮބި ލަވައަކަށް ވާނެ ލަވައެކެވެ.

‘ސްކައިރޮކް’ގެ ޔޫޓިއުބް ޗެނަލަށް ލާފައިވާ “އަކިރިދެމޭ” އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މެޒޯ ބޭންޑުގެ އެންމެ މަޤުބޫލުވި މި ލަވައަށް މިފަހަރު މި ގެނެސްދެނީ މީރާވެސް ނިސްބަތްވާ “ސްކައިރޮކް” ބޭންޑުގެ މެމްބަރުންނާއެކުގަ އެވެ.

މި ލަވައަކީ ސްކައިރޮކް ބޭންޑުގެ މަޤުބޫލުކަން އާއްމުންގެ މެދުގައި އިތުރުކުރުމަށްޓަކައި “ލޮކްޑައުން ކަވަރސް”ގެ ނަމުގައި ގެނެސްދޭން ފަށާ ލަވަ ސީރީޒްގެ ފުރަތަމަ ލަވައެވެ.

“އަސްލު މީގެ ބޭނުމަކަށްވީ ދިވެހިންގެ ތެރޭގައި ކުރިން މަޤުބޫލުވެފައި ހުރި ލަވަތަކެއް އަހަރުމެން ބޭންޑުގެ ރަހަތަކާއެކު ގެނެސްދޭން. ކަވަރ ވަރޝަންތައް ކުޅުމަކީ އާއްމުކޮށް ވަރަށް ގިނަ ބޭންޑުތަކުން ކުރާކަމެއް. އެހެންވެ އަހަރުމެން ބޮޑަށް ބެލީ، ކުރީގެ މަޝްހޫރު، އެކަމު ކަވަރގެ ގޮތުގައި އެހާބޮޑަށް އިވިފައިނުވާ ލަވަތަކެއް ގެނައުމަށް. މި ލަވަވެސް ތައްޔާރުކޮށްފައި އޭނީ އަސްލު ލަވައިގެ ފީލް އެހާ ބޮޑަށް ގެއްލުވާނުލާ، އެކަމު ބޭންޑުގެ ސްޓައިލްވެސް ހިމަނާފައި” ސްކައިރޮކް ބޭންޑުގެ މެނޭޖަރ އަދި ބޭންޑުގެ ޑްރަމަރ ފައިޒާން ޕީއެސްއެމް އަށް ބުނެފައިވެއެވެ.

މި ލަވައިގެ ސްކައިރޮކް ވަރޝަންގައި ލީޑް ވޯކަލިސްޓެއްގެ ގޮތުގައި ލަވަ ކިޔާފައިވަނީ މީރާ އެވެ. ބެކިން ވޯކަލްސްގެ ގޮތުގައި ފަފޫއާއި ޙުސެއިންގެ އަޑު އިވިގެންދެއެވެ. ލަވައިގެ މިކްސިންގ އަދި މާސްޓަރިން ހަދާފައިވަނީ ޙުސެއިންއާއި، މިރާޙެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.