ބައިވެރިޔާ ދެކެ ފޫހިވެ، ރުޅިއަރުއަރުވައިލަން ބޭނުންނަމަ ބުނެ އުޅޭ ބައެއް ޢިބާރާތްތައް ހުރެއެވެ. އެފަދަ ޢިބާރާތްތަކުން ދެވެނީ ބައިވެެރިޔާގެ ބޮލަށް ކަންކަން ކަނޑައިލައި، އެހެން ބުނާ މީހާ ‘ކަމުން ރެކެން’ އުޅޭކަމުގެ ސާފު މެސެޖެކެވެ. މިފަދަ ބައެއް ޢިބާރާތްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

ތިބާ ކޮންޓްރޯލްކޮށް، ތިބާ އަށް ނުފޫޒު ފޯރުވައި ކަންކަމަށް މާބޮޑަށް ޕްރެޝަރުކުރާ ކަމުގެ އިހްސާސް ކުރެވޭ ހާލަތާއި ކުރިމަތިލާން ޖެހޭ ހެއްޔެވެ؟ އެފަދަ ޕްރެޝަރުގެ ސަބަބުން ތިބާ ކުރަން ބޭނުން ނުވާ އެތަކެއް ކަމެއް ކުރަން ޖެހޭ ހާލަތާއި ކުރިމަތިލާން ޖެހޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ ‘އާނއެކޭ’ ނަމަ، ތިބާ ތިޔަ ވަނީ ބައިވެރިޔާގެ ނުފޫޒުގައި ޖެހިފައެވެ. އެއީ އެހާ ބޮޑު މައްސަލައެއް ކަމަށް ހީނުވެދާނެއެވެ. ނަމަވެސް އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެކަމުގެ ސަބަބުން ތިމާއަކީ ތިމާގެ އަމިއްލަ ނަފުސަށް، ތިމާގެ އިހްސާސްތަަކަށް، ތިމާގެ ޖަޒުބާތުތަކަށް އަދި ތިމާގެ ޢަމަލުތަކަށް އެއްވެސް ކޮންޓްރޯލެއް ނެތް މީހެއްގެ ގޮތުގައި އަމިއްލައަށް އިހްސާސްކުރެވޭ ވަރަށް ނަފުސު ހިނގައިދާނެ އެވެ.

ތިބާ އަށް މިފަދަ ހާލަތެއް ކުރިމަތިވާ ގޮތް މެދުވެރިވުން އެއީ ތިބާާގެ ކުށެއް ނޫނެވެ. ‘ވިހަ ޒަވާޖީ ޙަޔާތެއްގައި ނުވަތަ ލޯބީގެ ގުލްޝަނުގެ މާފޮޅުވާ ހަޔާތެއްގައި’ އުޅެވޭކަން ނޭނގިވެސް އޮވެދާނެއެވެ. ނަމަވެސް، މި ކިޔައިދޭ ބައެއް ކަންކަމަކީ އެފަދަ ހަޔާތެއްގައިވާ މީހަކު ނަމަ ވިސްނައިލުން ބުއްދިވެރި ކަންތައްތަކެކެވެ.

“ކަލޭޭ އެހާ އިމޯޝަނަލް އީ ކީއްވެގެން ހެއްޔެވެ؟”

ލޯބީގެ ގުޅުމެއްގައި އުޅޭ ބައެއް ނަމަ، އެއްވެސް ފަސްޖެހުމެއް، ބިރެއް ނެތި، ކަމަކާމެދު ތިމާ ދެކޭ ގޮތް، ބައިވެރިޔާ ކައިރީގައި ބުނަން ޖެހިލުންވެގެން ނުވާނެވެ. ނަމަވެސް ‘ވިހަ ގުޅުމެއްގައި’ އުޅޭ ނަމަ، ތިމާ ކުރާ ކޮންމެ ކަމެއް ތިމާގެ ބޮލުގައި އަޅުވައި ކުށްވެރިކުރާނެއެވެ. އެފަދަ ވިހަ ގުޅުމެއް އޮތްކަން “ކަލޭޭ އެހާ އިމޯޝަނަލް އީ ކީއްވެގެން ހެއްޔެވެ؟” މި ޢިބަރާތްތަކޮޅުން އެކަނިވެސް ވަރަށް ސާފެވެ.

“މަށެއް ދުވަަހަކުވެސް ތިހެެންނެއް ނުބުނަން.”

ތިބާގެ ބޮލަށް ކަންކަން ކަނޑައިލަން އުޅޭ ބައިވެރިއެއް ނަމަ، ދުވަހަކުވެސް އޭނާގެ އަމިއްލަ ކުށެއް އޮތްކަމަށް ޤަބޫލެއް ނުކުރާނެއެވެ. ޒުވާބެއްގައި ބުނާ އެއްޗެއް، އެއީ ބުނި އެއްޗެއް ކަމަށް ފަހުން ޤަބޫލެއް ނުކުރާނެއެވެ. އެހެން ބުނީ ވެސް ތިބާ ކަމަށް ބުނެ އެކަމުންވެސް ރެކިގަންނާނެއެވެ. އެހެން ކަމުން ވިހަ ގުޅުމެއް އޮތްކަން “މަށެއް ދުވަަހަކުވެސް ތިހެެންނެއް ނުބުނަން.” މި ޢިބަރާތްތަކޮޅުން އެކަނިވެސް ވަރަށް ސާފެވެ.

“ކަލޭ އަޅެ މަށަށް ކުޑަކޮށްވެސް އިތުބާރު ކުރަންތަ؟”

ބަދަހިކަމާއެކު ގުޅުމެއް ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު އެއް ކަމަކީ ‘އިތުބާރު’ ކަމާމެދު ދެބަސްވެ، ބަހުސެއް ނެއްހައި ސާފު، އެހެން ނޫންތޯއެވެ. ބައިވެރިޔާގެ ފަރާތުން އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެޔޮތީ ހަމަ ގައިމުވެސް ގުޅުން ވަރަށް ގޯސްވެފައެވެ. ނަމަވެސް ބައިވެރިޔާ، އޭނާގެ އެއްވެސް ކުށެއް އޮތްކަން ޤަބޫލުނުކޮށް، އިތުބާރު ނުކުރުންވެސް ތިބާގެ ބޮލަށް ކަނޑަައިލާނަމަ، އެފަދަ ގުޅުމަކާމެދު ދެން ބުނާނެ މާގިނަ އެއްޗެއް ނެތެވެ.

“އެކަން އެހެންވީ ކަލެޔާ ހެދި!”

ބައިވެރިޔާގެ ފަރާތުން ބޭވަފާތެރިކަމުގެ ކަމެއް ފެންނަ ހިނދު، އެވާހަކަ ދައްކައިލުމުން އެކަންވެެސް ތިބާގެ ބޮލަށް ކަނޑައިލާ ފަހަރުވެސް ‘ވިހަ ގުޅުމެއް’ އޮންނަ ހަޔާތެއްގައި އަންނާނެއެވެ. ރަނގަޅެވެ. ކޮންމެ މީހަކަށްވެސް ކުށް ކުރެވެއެވެ. ނަމަވެސް އެ ހުރިހައި ކަމެއްގެ ޒިންމާ އަޅަން ޖެހެނީ ހަމަ އެކަނި އެއްމެ ބައިވެރިއެއް ހެއްޔެވެ؟ ކުށް ކޮށްފައި “އެކަން އެހެންވީ ކަލެޔާ ހެދި!” އޭ ބައިވެރިޔާ ބުނާ ނަމަ، އެޔޮތީ ގުޅުން ގޯސްވެފައެވެ.

“ތިކަހަލަ މީހަކާ އެއްކޮށް އަހަރެން އުޅޭކަށް ބޭނުމެއްވެސް ނޫން…”

ޒުވާާބުކޮށް، ދެބަސްވާާ ކޮންމެ ފަހަރަަކު ތިބާާއަށް ފަހުގެ އިންޒާރު ދިނުމަށް ބައިވެރިޔާގެ ފަރާތުން “ތިކަހަލަ މީހަކާ އެއްކޮށް އަހަރެން އުޅޭކަށް ބޭނުމެއްވެސް ނޫން…” މިހެން ބުނާ އަޑު އިވޭ ހެއްޔެވެ؟ މިހެން ބުނާ ނަމަ، އެ ބުނެވެނީ ކުރިމަތިވާ ހުރިހައި މައްސަލަ ތަކެއްގެ ހުރިހައިވެސް ޒިންމާއެއް ނަގަން ޖެހެނީ ތިމާ ކަމަށެވެ. ކުށްވެރި އަކީ އެހެން ބުނާ މީހާ ނަމަވެސް، އެ ބުނެވެނީ ތިބާގެ ކިބައިގައި އެއްވެސް ހިތްހަމަ ޖެހޭ ސިފައެއް ނެތް ވާހަކަ ކަަމަށް މާނަ ނުކުރެވޭ ހެއްޔްވެ؟

މި ބަޔާން ކުރެވުނު ފަދަ ކަމެއް އާއްމުކޮށް ކުރިމަތިވާ ނަމަ، އެއީ ޙަޔާތުގެ ނައު ދަތުރުކުރާ ގޮތާ މެދު ސީރިއަސްކޮށް ވިސްނަން ޖެހޭ ހިސާބަށް ކަންކަން ދިޔައީ ކަމަށް މާހިރުން ބުނެއެވެ. ކަންކަން ގޯހުން ގޯހަށް ދިއުމުގެ ކުރިން ޒަވާޖީ ހަޔާތް ސަލާމާތުގެ އައްސޭރިއަކަށް ގެންދެވޭތޯ އަވަހަށް މަސައްކަތް ފަށާށެވެ.

މަސްދަރު: ޕިންކްވިލާ

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.