ކުލަގަދަ ރަތްދޫލަ އިވެންޓަކާއެކު ފިލްމު “ހަސްކާ” ނ. ވެލިދޫގައި މިމަހު 10 ވަނަ ދުވަހުގެ ރޭ ޕްރިމިއާކޮށްފި އެވެ. މިއީ ނ. ވެލިދޫ މީހުން ތައްޔާރުކުރި ކުރު ފިލްމެކެވެ.

“ޕްރިމިއާކުރީ ހައުސްފުލް ޝޯއަކާ އެކީގަ. ވަރަށް ރަނގަޅު ތަރުހީބެއް ވެލިދޫން ލިބިގެން ދިޔަ، ޝޯ ހަމަ ހައުސްފުލް، އޯވަރ ބްކްއޭ އަޅުގަނޑު ދަންނަވާނީ. ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެން ދިޔަ.” ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޢަލީ ސިމާހް (އޮމްބެ) މުނިއަވަސް އަށް ބުންޏެވެ.

ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ޚިދުމަތް ދިނުމަށް ނ. ވެލިދޫގައި ހިންގަމުން އަންނަ ’ސިމް އޮއޭސިސް’ އިން އުފެއްދި “ހަސްކާ”ގެ ދެވަނަ ޝޯވ އޮންނާނީ މިމަހު 18ވާ ހުކުރު ދުވަހުގެ ރޭގައި ‘މަގޭ ސިނަމާ’ ގައެވެ. ޓިކެޓް ބުކް ކުރުމަށް 9125582 ނަންބަރަށް ގުޅައިގެން ނުވަތަ ވައިބަރ މެސެޖެއް ނުވަތަ ޓެކްޓްސް މެސެޖެއް ކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ. ދެވަނަ ޝޯވގެ ޓިކެޓެއްގެ އަގު އުޅެނީ 50 ރުފިޔާ އަށް ކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

“ޕްރިމިއާ ނައިޓްގެ ރެޑްކާޕެޓާ ކަންތައްތައް ހަމަޖައްސައިދިނުމުގަ ވެލިދޫ ލައިޓް ކޯނަރ ޢަބްދުﷲ ޤާސިމް ވެދެއްވި އެހީތެރިކަން އެއީ އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކޮށްލާ ކަމެއް. މި ފުރުޞަތުގަ ޢަބްދުﷲ ޤާސިމް (އޭޖީ) އަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންްމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.” ކުލަގަދަ ޕްރިމިއާ ނައިޓްގައި އެހީތެރިވެދިން ފަރާތަށް ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޢަލީ ސިމާހް (އޮމްބެ) ޝުކުރުއަދާކުރަމުން ބުންޏެވެ.

ވެލިދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިގެންދިޔަކަމަށާއި އެހެންކަމުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހައި ފަރާތްތަކަށްވެސް ފިލްމުގެ ޓީމުން ޝުކުރުއަދާކުރެއެވެ.

ފިލްމު “ހަސްކާ’ ޕްރިމިއާ އިވެންޓް – ފޮޓޯ: ސިމް އޮއޭސިސް

“ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ލިބުނު ބޮޑު ތަރުހީބާ އެކީގަ ކުރިންވެސް އަޅުގަނޑުމެން ޤަސްދުކޮށްފަ އޮތް ގޮތަށް އަޅުގަނޑުމެންގެ ދެވަނަ ޕްރޮޖެކްޓް ހަމަ ވަރަށް އަވަހަށް އިރާދަކުރެއްވިޔާ ފެށިގެންދާނެ. ދެން އަކަމުގެ ތަފުސީލުތައް ހަމަ އަޅުގަނޑުމެން ހަމަޖެހުނުހާ އަވަހަކަށް ކިޔުންތެރިންނާ ހިސާބަށް ހަމަ މުނިއަވަސް މެދުވެރިކޮށް ގެނެސްދޭނަން އިރާާދަކުރެއްވިޔާ.” ސިމާހް (އޮމްބެ) ބުންޏެވެ.

ސިމް އޮއޭސިސް’ގެ ދެވަނަ ޕްރޮޖެކްޓަކީވެސް ފިލްމު “ހަސްކާ” އެކޭ އެއްފަދައިން އިޖްތިމާޢީ މައްސަލައަކަށް ބިނާކޮށް ޢިބްރަތެއް ލިބޭ ގޮތަށް ހަދާނެ ފިލްމެއް ކަމަށް އޮމްބެ ބުންޏެވެ.

ފިލްމު “ހަސްކާ’ ޕްރިމިއާ އިވެންޓް – ފޮޓޯ: ސިމް އޮއޭސިސް

މިކަަމުގައި އެހީތެރިކަން ލިބުނު ފަރާތްތަކެއް ހުރިކަން އޮމްބެ ފާހަގަކުރިއެވެ. އެގޮތުން މެއިން ސްޕޮންސަރ ‘ނޫނު ފޮޓޯ’، ކޯ ސްޕޮންސަރ ‘ކޮންކޯޑް ގްރޫޕް’ އަދި ‘ރެސްޓް ބްލޮކް’ގެ ނަންތައް ފާހަގަކޮށް ޝުކުރުއަދާކުރިއެވެ.

ފިލްމު “ހަސްކާ” އެޅުވުމަށް ބޭނުންވާ ފަތާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވައިލެވިފައެވެ. އެގޮތުން ރަށްރަށުން މި ފިލްމު ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އޮމްބެ ބުންޏެވެ. އެގޮތުން ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ޕްރޮޑަކްޝަން ޓީމާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އެދެއެވެ.

ފިލްމު “ހަސްކާ’ ޕްރިމިއާ އިވެންޓް – ފޮޓޯ: ސިމް އޮއޭސިސް

މި ފިލްމުގައި ހަރަކާތްތެރިވީ ފިލްމީ ދާއިރާާއަށް މުޅިން އައު ކުދިންތަކެކެވެ. ފިލްމުގެ ހުރިހައި މަސައްކަތެއް ކޮށްފައިވަނީވެސް ވެލިދުއަށް ނިސްބަތްވާ ޒުވާާން ކުދިންތަކެކެވެ.

“އެކުދިން އެދިން ޓައިމްއާ އެދިން އެއްބާާރުލުމާ އެހީތެރިކަމުގެ ސަބަބުން މި ފިލްމު ވުޖޫދަށް މި އައީ. އެހެންވީމާ އެކުދިން އަޅުގަނޑަށް އެދިން އެއްބާރުލުމަށް ހަމަ އަޅުގަނޑުމެންގެ “ހަސްކާ” ޓީމުގެ ފަރާތުން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަންް.”

“ހަސްކާ”ގެ އެސިސްޓެންޓް ޑައިރެކްޓަރަކީ އިބްރާހިމް އާދިލް (އިބުރު) އެވެ.

ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ރިޝާން (ރިޗީ) އެވެ. ކެމެރާކުރީ މަފާޒް އާއި އިބްރޫ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.