ޑާރކްރެއިން އެންޓަރޓެއިންމެންޓް ގެ އުފެއްދުން ތަކުގެ ތެރެއިން އެންމެ ބޮޑަށް ގުޅޭ އެއް ޖޯޑަކަށް ވެފައި މިވަނީ މުޙައްމަދު ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖްދާ އެވެ. މި ދެތަރިންގެ ކެމިސްޓްރީ ދެނެގަތީ ކުޅަދާނަ ޑައިރެކްޓަރ ރަވީ ފާރޫޤް އެވެ. ‘އެންމެފަހު ވިންދާ ޖެހެންދެން’ މި ހިތްގައިމު ޖޯޑް ވަނީ ބެލުންތެރިންގެ ހިތްތަކާއި ކުޅެލާފައެވެ. އެއަށްފަހު ދެން ކިޔަންފެށީ ‘ވާށޭ މަށާ އެކީ’ ގެ ފަރިއްސެކެވެ. މި ފަރިހިވެސް ބެލުންތެރިންނަށް ކަމުދިޔައީ އޭގައި އެތަކެއް ކުލަތަކަކާއި ރަހަތަކެއް ހުރީމަ އެވެ. އޭގެ ފަހުން ދެން މި ޖޯޑު ކިޔަންފެށީ ވަރަށް ތާފާތު ވާހަކައެކެވެ. ލޯބިން، އެހެނަސް ވަކިން އުޅޭ ވާހަކަ އެވެ. ޑާރކްރެއިން އިން މިހާރު ސްކްރީން ކުރުމަށް ތައްޔާރުވަމުން އަންނަ ‘ވަކިން ލޯބިން’ ފިލްމުގައެވެ.

ކޮންމެއަކަސް، އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ގެ ވަނަ ތަކާއި އެކު ޑާރކްރެއިންގެ ‘އޮން ސްކްރީން ކަޕްލް’ މިވަނީ ފިލްމީ ދާއިރާގެ އެންމެ އުހަށް އަރާފައެވެ.

މީގެ ތެރެއިން މަޖޫ އަށް މިވަނީ އަލަށް ތަޢާރަފްވި އެންމެ މޮޅު އަންހެން ބަޠަލާ ގެ މަޤާމާއި މުޅި ފިލްމު އެވޯޑުން ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅު ބަޠަލާ ގެ މަޤާމު ޙާޞިލް ކޮށްފަ އެވެ. މީގެ އިތުރަށްވެސް މަޖޫ ވަނީ ރޭގައި އެންމެ ގިނަ އެވޯޑް އުފުލައިލި ފަންނާނުގެ ގޮތުގައި ފާހަގަކޮށްލެވޭވަރަށް އެވޯޑްތައް ހޯދާފައެވެ. އެންމެ މޮޅު މޭކަޕް، ކޮސްޓިއުމް ޑިޒައިނަރ، އަދި ކޮރިއޮގްރާފަރ ގެ މަޤާމުވެސް މަޖޫ އަށް ލިބިފައި އެވެ.

މުޙައްމަދު ޖުމައްޔިލް ނިމާލް ފިލްމީ ދާއިރާއަށް ތަޢާރަފްވީ ޖުމައްޔިލް ގެ ބައްޕަ އުފެއްދި ފިލްމު އަނިޔާ އިންނެވެ. އެ ފިލްމުން އެންމެ މޮޅު އާ ފިރިހެން ބަޠަލު ގެ މަޤާމު މިވަނީ ޖުމައްޔިލް ހޯދާފަ އެވެ. މީގެ އިތުރުން ފީޗަރ ފިލްމުގެ ބައިން އެންމެ މޮޅުފިރިހެން އެކްޓަރަކަށް ހޮވިފައިމިވަނީވެސް މުޙައްމަދު ޖުމައްޔިލް ނިމާލް އެވެ. އެ މަގާމު އޭނާއަށް ލިބިފައިވަނީ ޑާރކްރެއިން އެންޓަރޓެއިންމެންޓް ގެ ފިލްމު ވާށޭ މަށާ އެކީ އިންނެވެ.

ޑާރކްރެއިން އެންޓަރޓެއިންމެންޓް ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގަރ)ގެ ފޭސްބްކްގައި ކޮށްފައިވާ އަދާހަމައެއްގައި ބުނީ، ‘އަހަރުމެން ހޯދަމުން ދިޔައީ އާ މޫނެއް… އަހަރުމެންނަށް ކަލެޔާ (މަޖޫ އާއި) ބައްދަލުވި… ބާކީ ބައި އެއީ ހިސްޓްރީ…….” މިހެންނެވެ.

ޖުމައްޔިލްގެ ބައްޕަ އަދި މަޝްހޫރު ފިލްމީ ތަރި، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އަހްމަދު ނިމާލު ފޭސްބްކްގައި ކޮށްފައިވާ އަދާހަމައެއްގައި ބުނެފައިވަނީ ‘ބައްޕަ އަކު އެންމެ އުފާވާނީ ބައްޕަ ކުރަމުންދިޔަ މަސައްކަތް ފިރިހެން ދަރިޔަކު އެ މަސައްކަތް ފޮލޯ ކުރުމުން. އަދި އެކަމުން ރީތި ނަމެއް ހޯދުމުން. މިރޭ މިއީ އެގޮތުން އަހަރެން އެންމެ އުފާވި ރޭ. މަރްހަބާ ޖުމައްޔިލް ތި ހޯދި ކާމިޔާބަށް. ބެސްޓް ނިއު ކަމަރ އަދި ބެސްޓް އެކްޓަރ…. ދިވެހި ފިލްމު އެވޯޑްސް 8’ މިހެންނެވެ. ރޭ ޖުމައްޔިލް އަށް އެވޯޑް ލިބުމުން ނިމާލަށް ވަނީ އުފަލުން ރޮވިފަ އެވެ. 

ފިލްމު ބަލާމީހުންގެ ތެރެއިން ބައެއް މީހުންނަށް ޖުމައްޔިލް އާއި މަޖޫ އެކުގައި މާގިނައިން ފެންނާތީ ‘ފޫހިކަމަށް’ ބުނަމުން ދިޔަޔަސް މި ދެތަރިންގެ ކެމިސްޓްރީ އާއި ފިޒިކްސް އާއި ބައިލޮޖީ ކީއްކުރަން ހެއްޔެވެ. ހުރިހައި މާއްދާއެއްވެސް މިޔޮތީ ވަރަށް ރަނގަޅަށް ދިމާވެފައެވެ. ރޭގައި މި ދެތަރިންނަށް ލިބުނު ކާމިޔާބީ އަކީ އެކަމަށް ލިބިދޭ އެންމެ ބޮޑު އެއް ހެއްކެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.