1996 ވަނަ އަހަރު ޓީވިއެމް ލަވަ މުބާރާތަށް ޖެހިލަމާ ހިނގާށެވެ. އެ މުބާރާތުގެ ހަނދާންތަކުގެ ތެރެއިން “ކާފަގެ މި ޒިކުރާ ހަނދާނާ” ހިތަށް ގެނައުމާއެކު މާޔާ ނާސިހުގެ ހިތްގައިމު، ޅަ އަޑުން އޭނާގެ ކާފަ، ހާޖާރާ މުހައްމަދު ތައުފީގުގެ ހަނދާންތައް އާކޮށްދޭނެއެވެ. ޓީވީއެމް ލަވަ މުބާރާތުގެ އެހެން އަހަރަކަށް ޖެހިލައި، ‘އަދި މަގޭ އުމުރޭ، ފުރުސަތޭ މިދަނީ’ ލަވައަށް ވަގުތުކޮޅެއް ހުސްކޮށްލުމުން އެ އަޑުގެ ހިތްގައިމުކަމާއެކު ލަވަ ހުށައަޅައިދީފައިވާ އަސަރު ކިތަންމެހާވެސް ރަނގަޅަށް އިހުސާސްކުރެވޭނެއެވެ. އޭގެ ފަހަށް ޖެހިލައި ޝިއުޒް އަދި މާޔާ ކިޔާފައިވާ ‘ކައިވެނީގެ އަމާޒު”ގެ ކަވަރ އަށް ޖެހިލިޔަސް ހަމަ އެ ހިތްގައިމު އަޑުގެ ޖާދޫގައި ޖެހެވޭނެއެވެ.

މިފަހަރު މިއޮތީ މާޔާ ނާސިހުގެ އަޑުން ގެނެސްދީފައިވާ ދޮހޮއްކޮބޭގެ “ދިޔަވަތް ރަނގަޅު އޮޑި” ލަވައިގެ ކަވަރ އެކެވެ. ކިތަންމެ ވަރަކަށް އަޑުއެހިޔަސް، ފޫހިނުވާހާ ސަޅިކޮށް ހުށައަޅައިދީފައިވާ ހުށައެޅުމެކެވެ. މާޔާގެ “ދިޔަވަތް ރަނގަޅު އޮޑީ”ގެ ތެރެއަށް އެހުންތެރިން ގަންބާލާހައި ފުރިހަމަ ހުށައެޅުމެކެވެ.

“ދިޔަވަތް ރަނގަޅު އޮޑި” އަކީ މާޔާގެ ފިރިމީހާ އުމަރު (ޑީޖޭ އުމަރު) ގެ އުފެއްދުމެކެވެ. ހިތްގައިމު މި ކަވަރގެ މިއުޒިކް ހަދައި މިކްސިން އަދި މާސްޓަރިން ހެދީ މި ފަންނުގައި ދެވަނައެއް ނެތް ބާޗީ އެވެ.

ފުލްޓައިމްކޮށް އިންޓީރިއާ އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މާޔާ ގެނެސްދީފައިވާ “ދިޔަވަތް ރަނގަޅު އޮޑި” ކަވަރ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.