ނިދާ ބޮކީގެ ފަނޑު އަލީގައިވެސް ޝާރިފްގެ މުށިކުލައިގެ އެމޫނު މަތިން ފެންނަން ހުރި ހިތްގައިމު ހިނިތުންވުން ޒާޔާގެ ހާސްވެފައިވާ ހިތް ހަމަޖައްސާލަދިނެވެ. ޒާޔާ ހުރީ ޝާރިފްގެ ހަރަކާތްތަކަށް ބަލާށެވެ. ވަށައިގެން ކޮޓަރިތެރެއަށް ނަަޒަރު ހިންގާލަމުން ޝާރިފް ބަލަމުންދިޔައީ ނިދާފައި އޮތް ޒިޔަލް އަށެވެ.
ޝާރިފް މަޑުމަޑުން އެނދުގެ އެއްފަރާތުގައި އިށީނދެލުމާއެކު ޒާޔާ އައިސް އިށީނީ އެނދުގެ އަނެއްފަރާތުގައެވެ.
“ދިހަ ފޫޓް ދޯ. ހަނދާން އެބަހުއްޓޭ.” ޝާރިފްގެ ބާރު އަޑުއިވިފައި ޒާޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“މިތާކު އެހާ ބާރަށް ވާހަކައެއް ނުދެއްކޭނޭ ބުނީމެއްނު. އެވާހަކައެއް ހަނދާނެއް ނެތްތަ؟” ޒާޔާ ހަނދާންކޮށްލަ ދިނެވެ.
“ތިހާ ދުރުގަ އިނީމަ އަޑެއް ނީވޭނެ ދޯ.” ޝާރިފް ވާހަކަ ދެއްކިލެއް މަޑުކަމުން ޒާޔާއަކަށް އަޑެއް ނުއިވުނެވެ. އެންމެފަހުން ޒާޔާ ޖެހުނީ ގޮސް ޝާރިފްގެ ކައިރީގައި އިށީންނާށެވެ.
ކައިރީގައި އިންނަ އިރުވެސް ޒާޔާއަށް ޝާރިފް ދައްކާ ވާހަކައެއް އަޑެއް ނުއިވެއެވެ. ކޮންމެ ފަހަރަކު ޝާރިފް ވާހަކަ ދައްކަން ޖެހެނީ ޒާޔާގެ ކަންފަތާއި ކައިރިވެލަމުންނެވެ.
“ޝާރިފްއަށް ކީއްވެތަ އެހާ އަހަރެން މުހިންމީ؟” ޒާޔާ ޝާރިފްއާއި ހަތަރު ކަޅި ހަމަކޮށްލަމުން އަހާލިއެވެ.
“ބުނަންވީ؟” ޝާރިފް ހަދިޔާ ކޮށްލީ ހިތްގައިމު ހިނިތުންވުމެކެވެ.
“އިނގޭތަ؟ ޝާރިފް އަށް މިތަނަށް އާދެވިފަ ތި އިނީ ކީއްވެކަން؟” ޝާރިފް ކުރި ސުވާލުގެ ޖަވާބު ނުދީ ޒާޔާވެސް ޝާރިފްއާ ކޮށްލީ ސުވާލެކެވެ. ބޮލުގެ އިޝާާރާތުން ޝާރިފް އެންގީ އެނގޭ ކަމުގައެވެ.
“އަސްލުވެސް އެނގޭތަ؟ އަޅެ ބުނެބަލަ؟” ޒާޔާ ހައިރާންވެފައި ޝާރިފްއަށް ބަލައިލިއެވެ. އޭރު ޝާރިފްގެ މޫނު ޒާޔާ އާއި ކައިރިވަމުންދެއެވެ.
“ބުނީމެއްނު ދުރުގަ- “ ބުނަން އުޅުނު ޖުމްލަ ޒާޔާއަކަށް ފުރިހަމައެއް ނުކުރެވުނެވެ. ޝާރިފްގެ ހޫނު ނޭވާތައް ޒާޔާގެ ކަރަށް އެޅެމުންދިޔައެވެ. ޒާޔާއަކަށް ޝާރިފް ދުރެއްވެސް ނުކުރެވުނެވެ. ހިތް އެގޮތަށް ނުރުހުނީއެވެ. އަނގައިން އިތުރު އެއްވެސް ވާހަކައެއް ޒާޔާ އަކަށް ނުދެއްކުނެވެ. ޝާރިފްގެ ކޮންމެ ހަރަކާތަކުން ޒާޔާ އަށް އިޙްސާސްވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޝާރިފްގެ ކޮންމެ ހަރަކާތަކަށް މަރުޙަބާ ކިޔަމުން ޒާޔާ އެނދުމަތީގައި އޮށޯވެލިއެވެ. މުޅި ހަށިގަނޑާއި ހިތް އެރޭގެ އެހިނދުކޮޅު ތެރޭގައި ޒާޔާ ޝާރިފް އަށް ހަދިޔާ ކޮށް ނިންމައިފިއެވެ.

ޝާރިފްގެ ކޮންމެ ބީހިލުމަކުން ޒާޔާގެ ތުންފަތަށް ވެރިވެގެން ދަނީ ހިނިތުންވުމެކެވެ. ހަމަ ހިމޭންކަން ރަސްކަން ކުރަމުންދާ އެމާހައުލުގައި ހަމައެކަނި އިވެމުންދާ އަޑަކީ ޒާޔާ އާއި ޝާރިފް ލަމުން ގެންދިޔަ ބަރު ނޭވާ ތަކުގެ އަޑެވެ. ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެފައި ވާއިރު ޝާރިފް އިރުއިރުކޮޅާއި ޒާޔާގެ ނިއްކުރީގައި އޭނާގެ ތުންފަތް ޖައްސާލައެވެ.
“އެނގިއްޖެ ދޯ ކީއްވެކަން؟ އެއީ ލޯބިވާތީ.” ސިއްރު ސިއްރުން ޒާޔާގެ ކަންފަތް ދަށުގައި ޝާރިފް ސަބަބު ހާމަކޮށްލިއެވެ.
“ލޯބިވޭ ޓޫ.” ޝާރިފްގެ މޭތެރޭގައި މޫނު ފޮރުވާލަމުން ފުރަތަމަ ފަހަރަށް ޒާޔާ ޝާރިފްގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލިއެވެ. ޒާޔާގެ ޖަވާބުން ޝާރިފް އަދި ވަކިން ބޮޑަށް އޭނާގެ އަތު ތެރޭގައި ޝާރިފްގެ ހަށިގަނޑު ފިއްތާލިއެވެ.

ހަމަ ހިމޭން ފިނި ފިނި އެދަންވަރަކީ އެދެމީހުންގެ ލޯބީގެ ފެށުމެވެ. ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެންދިޔައެވެ. މުޅި ދުނިޔެއަށްވެސް ސިއްރުންނެވެ. ވަށައިގެން ވަނީ ލޯތްބެވެ. އުފަލެވެ. ހިތްހަމަޖެހުމެވެ. އެކުގައި އެތަކެއް ގަޑި އިރުތަކެއް ހޭދަކުރުމަށްފަހު ޝާރިފް އެނދުން ތެދުވެ ވެއްޓިފައި އޮތް ޓީޝާޓް ގަޔަށް ހެޔޮ ވަރުކޮށްލިއެވެ.
“ދަނީތަ؟” ވެފައިވާ ވަރުބަލި ކަމާއެކު ޒާޔާ އަދިވެސް އޮތް ގޮތަށް އޮތީއެވެ.
“ދާންޖެހޭނެއެއްނު. އިރު އަރަނީނު؟” ޝާރިފް ޒާޔާގެ ދެކޮނޑުގައި ހިފާ ނެގިއެވެ. އަދި އެހާ ލޯބިން ގެނެސް މޭގައި ލައްކޮށްލިއެވެ.
“ލޯބިވޭ.” ޒާޔާގެ ފަން އިސްތަށިކޮޅުގައި ޝާރިފް ފިރުމާލިއެވެ. ޒާޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ޝާރިފް ޒާޔާގެ މޫނުގެ އެތައް މިތާގައި ބޮސް ދިނެވެ.
“މި ގުޅަނީ. ފޯނު ނަގައްޗޭ.” ދޮރުން ނިކުންނަމުން ޝާރިފް ޒާޔާގެ ނިތްކުރީގައި އަނެއްކާވެސް ތުންފަތް ޖައްސާލިއެވެ.
ޝާރިފް ދިޔުމާއެކު ޒާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. ކީއްވެ ހެއްޔެވެ؟ މީހެއްގެ ހައްޤެއް ގޮތުގައި ހުރެ ޝާރިފް އާއި އެކީ ވަގުތުތަކެއް ހޭދަކުރެވުމަކުން ޒާޔާ ދެރައެއް ނުވެއެވެ. ވަނީ އުފަލެވެ. ހަޔާތުގައިވެސް ނުލިބޭހާ އުފަލާއި އަރާމު އެންމެ ރެއަކުން ޒާޔާ އަށް ލިބިއްޖެއެވެ.
ކުއްލިއަކަށް އުފަލުން ވިދަވިދާހުރި ޒާޔާގެ ދެލޯ ފުސްވެއްޖެއެވެ. ހިތަށް ވެރިވެގަތް ޚިޔާލުތަކަކުންނެވެ.
ޝާރިފް ބޭނުންވީ ހަމައެކަނި އަހަރެންގެ ފަރާތުން ވަގުތީ ހިތްހަމަޖެހުމެއް ހެއްޔެވެ؟ މިހާ ހިސާބުން މިކަން ނިމުނީ ހެއްޔެވެ؟ މިރޭގެ އެހުރިހާ ހަނދާނެއް އާ ކުރުމެއް ދެން ނޯންނާނެ ހެއްޔެވެ؟ އެ ހުރިހާ ހަނދާންތަކެއް މާޒީގެ ސޮފްހާތަކުގެ ތެރެއަށް ގެއްލި ދާނީ ހެއްޔެވެ؟
ޚިޔާލީ ކަނޑެއްގައި ފަތަމުން ދިޔަ ޒާޔާ ސިހުނީ ފޯނުގެ ރިންގް ގެ އަޑަށެވެ.
“ރުޅި އައިއްސަތަ؟” ފޯނު ކަންފަތުގައި ޖައްސާލުމާއެކު ފުރަތަމަވެސް ޝާރިފްގެ ސުވާލުން ޒާޔާ އަހަން ބޭނުންވާ އެއްވެސް ސުވާލެއް އަހާކަށް ނުކެރުނެވެ.
“އާން. އެކަމަކު ދެން އޯކޭ.” ޒާޔާ ބޭނުންވީ ޝާރިފްގެ ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވާށެވެ.
“އަދިވެސް ބޭނުން. ވަރަށް ބޭނުން. އަބަދުވެސް ބޭނުން.” ޝާރިފް ވާހަކަދައްކަމުން ދިޔައީ ވަރަށް ލޯބިންނެވެ. އެކަން އެނގެނީ ޝާރިފް ބުނެލާ ކޮންމެ ލަފްޒަކުން ޒާޔާގެ ތުންފަތަށް ވެރިވާ ހިނިތުންވުމެވެ.
“ބުނީމެއްނު އެންމެ ރެއެކޭ؟” ކުރިން ޝާރިފް ދެއްކި ވާހަކަތައް ޒާޔާ ހަނދާންކޮށްލަ ދިނެވެ. ބޭނުމަކީ ހަމައެކަނި އެވާހަކަތައް ހަނދާންކޮށްދިނުން އެކަންޏެއް ނޫނެވެ. ޝާރިފް ޒާޔާއަށް އެދޭވަރުވެސް ޒާޔާ ބަލަން ބޭނުންވެއެވެ.
“އާން. އެކަމަކުވެސް ބުނަންތަ؟ އުމުރަށްވެސް ޒާޔާ ބޭނުން.” ޝާރިފް ހާމަ ކުރީ ހަޤީޤަތްކަމާމެދު ޒާޔާ އަށް ޝައްކުވަނީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަމިއްލަ ދެލޮލުން ޝާރިފް އާއި ދިލާ އުޅޭގޮތް ޒާޔާ އަށް އަބަދުވެސް ފެނެއެވެ.
“ޝާރިފް. މަށަށް ކަމެއް ކޮށްދީފާނަންތަ؟” ފޯނު ކަންފަތާއި ދުރުކޮށްލަމުން ޒާޔާ އެނދުން ތެދުވިއެވެ.
“ދިލާ އާއެކީ މީގެ ފަހުން މަށަށް ފެނިގެން ނުވާނެ.” އެންމެ ރެއަކުން ޒާޔާ ޝާރިފް އޭނާގެ މިލްކަކަށް ހަދައިފިއެވެ. ޝާރިފް ޒާޔާގެ ޝަރުތާއި އެއްބަސްވިއެވެ. ނަމަވެސް ދިލާ ގޮވައިގެން ދާން ޖެހޭ ތަންތަނަށް ދާން ޝާރިފް އަށް މަޖުބޫރުވާނެ ވާހަކަވެސް ޝާރިފް ހަނދާންކޮށްދިނެވެ. އިރު އަރަން ދެން ވާހަކަ ދައްކަން ތިބުމަށްފަހު ޒާޔާ ފޯނު ބޭއްވީ ޒިޔަލް ހޭލައިގެންނެވެ. އެންމެ ފަހުން ޒިޔަލް ނިންދަވަން އޮވެ ޒާޔާއަށްވެސް ނިދުނީއެވެ.

އިރުގެ ގަދައަވިން ދުނިޔެ ހޫނުކުރަމުން ދިޔައިރުވެސް ޒާޔާ އޮތީ ނިދާފައެވެ. ޒިޔަލްވެސް އޮތީ ގަދަނިދީގައެވެ. މަންމަގެ ހޫނުކަން އިޙްސާސްވާތީ ކަންނޭނގެއެވެ. އެކަމަކު އިރުކޮޅެއް ފަހުން ޒިޔަލް ރޮއެ ގަތް އަޑަށް ޒާޔާއަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ޒިޔަލް ތުބުގައި ބުއްފުޅި ޖެއްސުމަށްފަހު ޒާޔާ ފޯނުން ގަޑި ބަލާލިއެވެ.
“މަންމަވެސް ނުހުންނާނެ މިއަދަކު. އަމިއްލައަށް ކައްކަންވެސް ޖެހޭނީ. އަޅެ ކިހިނެއްބާ ހަދާނީ.” ޒާޔާ ކަންބޮޑުވީ ކުރަން ނޭނގޭ ކަމެއް ކުރަން ޖެހޭތީއެވެ. ބަދިގެ އަށް ދިއުމުގެ ކުރިން ޒާޔާ އެންމެ ފުރަތަމަ ޒިޔަލް ފެންވަރުވާ ރީތިކޮށްލިއެވެ.

ޓީވީން ކާޓޫނު އަޅުވާލުމަށްފަހު ޒާޔާ ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ. ރަނގަޅަށް ނުނިދުމުގެ ސަބަބުން އަދިވެސް ޒާޔާގެ ދެލޮލުން ފެންނަމުން ދަނީ ނިދީގެ އަސަރެވެ.
ކައްކާނެ އެއްޗެއް ނޭނގޭތީ ޒާޔާ ސޭންޑްވިޗް ހަދާލިއެވެ. ކާންވެސް ހުރީ ހަމައެކަނި ޒާޔާ ވީމައެވެ.

“ހާދަ ބުރަކޮށްލައިގެން؟” ކާގޭ ދޮރުމަތީގައި ހުރި ހައުލާގެ އަޑަށް ޒާޔާ އިސްއުފުލާލިއެވެ.
“ދޫންޏާ. ކައްކަން ނޭނގިގެންނު މިއުޅެނީ. މަންމަ ރަށުގަ ނެތީމަ.” ޒާޔާ ހިިނިތުންވެލިއެވެ.
“އަސްލު ވާހަކައެއްތަ؟ ނޭނގޭތަ ކައްކާކަށް؟” ޒާޔާ އަށް ކައްކަން ނޭނގޭ ވާހަކަ ބުނުމުން ހައުލާ ވީ ހައިރާނެވެ.
“އާން. ދެން އެހާ އެހާއެއް ނޭނގޭ. ކޮންމެވެސް ވަރަކަށް.” ޒާޔާ ހައުލާގެ އަތުގައި ހިފައިގެން ނިކުމެ ބޭރު ޖޯލީގައި އިށީނދެލިއެވެ.
“ދެން ތި ބުނީ ތީނަގެ ރާއިދު ހުންނަނީ ނުކައި ބަނޑަށޭތަ؟” ހައުލާ ޒާޔާ އާ ދިމާކޮށްލިއެވެ.
“ދެން މާލޭގަ ރާއިދުގެ މަންމަ ކައްކައޭ. މިކޮޅުގަ މަގޭ މަންމަ.” ޒާޔާ ވެސް ހީނގަންނަމުން ހައުލާގެ ހުނުމުގައި ބައިވެރިވެލިއެވެ.
“ނެތޭ ހުރެވޭކަށްވެސް. އޮފީހުގަ ވަރަށް ބިޒީ. ހަވީރު އަންނާނަން އިނގޭ.” ޒާޔާގެ އަތުގައި ހިފާލަމުން ހައުލާ ހިނގައިގަތީ އޮފީހާއި ދިމާއަށެވެ.

މެންދުރު ފަސް ވެއްޖެއެވެ. ޒާޔާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް އެނބުރި އެނބުރި ހުއްޓެވެ. އެހެން ދުވަސް ދުވަހު އެކެއް ޖެހުމުގެ ކުރިން ގުޅާ ޝާރިފްގެ ޚަބަރެއް ނުވުމުންނެވެ.
ކިތަންމެ ފަހަރަކު ގުޅާލަން ހިތް ބުނަމުން ދިޔަ ނަމަވެސް ޒާޔާ އަކަށް ނުކުރެނުވެ. އެންމެ ފަހުން ޝާރިފްގެ ކޯލްގެ އިންތިޒާރު ކުރުން ހުއްޓާލުމަށްފަހު ޒިޔަލްގެ އަތުގައި ހިފައިގެން ޒާޔާ ހިނގައިގަތީ ކާގެއަށެވެ. ޒިޔަލް ބަނޑު ހައިވެގެން ރޯތީއެވެ.
“ދަރިފުޅާ ޒާޔާ.” ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފާއިޒާ ގޮވާލީ ޒާޔާއަށެވެ.
ފާއިޒާގެ އަޑަށް ޒާޔާ ނިކުތީ ދުވެފައެވެ.
“މާމަ ދޫނި ކޮބާ؟” ފާއިޒާ ޒިޔަލްގެ ކޮލުގައި ހިފާލަމުން ޒިޔަލް އުރާލަން އަތް ދިއްކޮށްލިއެވެ.
ކުޑަ ކުޑަ ޒިޔަލް ފާއިޒާގެ އަތުތެރެއަށް އައިސް ވަނީ ދުވެފައެވެ.
“ކޯޗެއްތަ ދަރިފުޅު ކެއްކީ؟” ޒާޔާ އަށް ކައްކަން ނޭނގޭ ކަން އެނގިހުރެ ފާއިޒާ އެހެން އަހާލީ ހިނިއައިސްފައި ހުރެއެވެ.
“ނުކައްކަން. ސޭންޑްވިޗް ހެދީ. ހިނގާބަލަ ކުޅި ރިހަ ކައްކަން ދޯ. އެއްކަލަ މަންމަ ކައްކާ ކަހަލަ.” ފާއިޒާ ޒާޔާ އާއި ދިމާކުރުމުގެ ކުރިން ޒާޔާ އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ.
“ތިއެއް ކެއްކޭނީ ހިކި މިރުސް ގަނެގެންނު. ދަރިފުޅު ދޭބަލަ ގަނެގެން އަންނަން.” ފާއިޒާ ޒިޔަލް އުރާލައިގެން އެތެރެއަށް ވަނުމާއެކު ޒާޔާ ހިނގައިގަތީ ފިހާރައާއި ދިމާއަށެވެ.

ރޭގެ ހަނދާންތައް ސިކުނޑި ތެރޭގައި އާކުރަމުން ޒާޔާ މަގުމަތީގައި ހިނގަމުންދިޔައެވެ.
ކަންފަތުގައި ސައިކަލްގެ އަޑު ޖެހުމާއެކު ޒާޔާ އަށް ފަސްއެނބުރި ބަލާލެވިއްޖެއެވެ. ޝާރިފްކަން ޔަޤީންވާތީއެވެ. ވީ ވެސް އެހެންނެވެ. ޝާރިފް އޭރު ޒާޔާ އާއި އަރާ ހަމަވަނީއެވެ.
ވަރަށް ލޯބިން ހިނިތުންވެލުމަށްފަހު ޝާރިފް ސައިކަލްގެ ސްޕީޑް ބާރުކޮށްލީ ޒާޔާ ފަސްދީ ދަމުންނެވެ.
ޝާރިފް ލޯމައްޗަށް ގެއްލެންދެން ޒާޔާއަށް ހުރެވުނީއެވެ. އެ ސައިކަލްގެ ފަހަތުގައި ޝާރިފްގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެވޭނެނަމައޭ ހިތަށް އެރުމާއެކު ޒާޔާއަށް ހިންދިރުވާލެވުނެވެ.

ފިހާރައިން ނިކުތް ގޮތަށް ޒާޔާ ދުއްވައިގަތީ ގެޔާއި ދިމާއަށެވެ. ޒާޔާގެ ހިތްބުނެއެވެ. ޝާރިފް ގުޅާނެއެވެ.
ޒާޔާގެ ހީކުރުން ހަމަ ރަނގަޅެވެ. ޝާރިފްގެ އެތައް ކޯލްތަކެއް މިސްވެފައި ހުއްޓެވެ. ޒާޔާ އުފަލުން ގޮސް ޝާރިފްގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ޖެހުނީ ކޯލް ކަނޑާލާށެވެ. މަންމަ ޒިޔަލް ގޮވައިގެން އައިސް ވަނީމައެވެ.

“މާދަން ވެލެންޓައިންސް ޑޭ އެއްނު. ރާއިދު ނެތީމަ ކަޑަ ދޯ.” ހައުލާ އާއި ޒާޔާ ވާހަކަ ދައްކަން ތިބީ އަތިރިމަތީގައެވެ.
“ހޫމް.” ޒާޔާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ. ސަބަބަކީ ޝާރިފް ފޯނު ނުނަގާތީއެވެ. ކީއްވެ ހެއްޔެވެ؟ އެތަކެއް ސަތޭކަ ފަހަރު ގުޅިއްޖެއެވެ. އޮންލައިންގައި ވެސް އިންނަތާ ކޮންއިރެއް ހެއްޔެވެ؟
“ހާދަ ވައި ވެފަ؟” ޒާޔާ މަޑުމަޑުން އިންނަން ފެށުމުން ހައުލާ އަަހާލިއެވެ.
“ރޭގަ ނުނިދެޔޭ އެހާ ރަނގަޅަށް. އެހެންވެ ބޮލުގަ ރިއްސަނީ.” ޒާޔާ ހިނިތުންވެލީ ހައުލާ ކުރިމަތީގައި ހަމަޖެހޭގޮތް ދައްކާށެވެ. ކިޔަން ފަށައިފި އެއްޗެއް ހައުލާ ހުއްޓާނުލާނެކަން ޒާޔާއަށް އެނގެއެވެ. ހުރިހާ ކަމެއް އެނގި ސާފުވަންދެން ހައުލާގެ އަނގަ ހުއްޓައެއް ނުލާނެއެވެ. އެކިއެކި ވާހަކަތައް ދައްކަން ތިބެފައި ޒާޔާ އާއި ހައުލާ ގެޔަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ.

ރޭގަނޑުގެ އަރާމު ނިދިން މުޅި ދުނިޔެ ނިދާފައިވާއިރުވެސް ޒާޔާ އޮތީ ހޭލައެވެ. ޝާރިފްގެ ފޯނަށް ގުޅާލަ ގުޅާލައެވެ. ފޯނު ރިންގްވެ ކެނޑެމުންދާއިރު ވެސް ޝާރިފްގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. ސަބަބު ނޭނގޭތީ ޒާޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
އެތަކެއް މެސެޖްތަކެއްވެސް ޒާޔާ ފޮނުވައިފިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.
އެގޮތަށް އެތައް އިރަކު އޮތުމަށްފަހު އެންމެ ފަހުން ޒާޔާ އަށް ނިދުނީއެވެ.
ހޭލެވުނުއިރު ފަތިސް ވެއްޖެއެވެ. ހޭލެވުނީވެސް ރާއިދު ގުޅީމައެވެ. ރާއިދު އާއި އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނަށް އައިސްފައިވާ މެސެޖް ބަލާލި ތަނާ ޒާޔާގެ މަރުވެފައިވާ ހިތަށް އާ ދިރުމެއް ލިބުނު ކަހަލައެވެ. ޝާރިފްގެ ވެލެންޓައިންސް ޑޭ މެސެޖް ފެނިފައެވެ. ނަމަވެސް ޒާޔާ ހައިރާންވެސް ވިއެވެ. އެއްވެސް ފަހަރަކު ޝާރިފް ގުޅާލާފައި ނެތީމައެވެ.
އިތުރަށް ނުނިދޭނެ ކަން އެނގޭތީ ޒާޔާ ފޭސްބްކް ހުޅުވާލިއެވެ. ނިއުސްފީޑް ސްކްރޯލް ކުރަމުން ދިޔަ ޒާޔާގެ ހަރަކާތް ހުއްޓުނީ ލޮލަށް ފެންނަމުންދިޔަ ހަޤީޤަތް ޤަބޫލުކުރަން އުނދަގޫވެގެންނެވެ.

އެވަގުތު ލޯމައްޗަށް ސިފަވެގެން ދިޔައީ ޝާރިފްއާ ދިމާވި ރޭގައި އުޅެވިފައިވާ ލޯބި ގޮތްތަކެވެ. ޝާރިފް ދައްކާފައިވާ ލޯބި ވާހަކަތަކެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތިކި ތަކާއެކު ޒާޔާ ފޯނު ނިއްވާލިއެވެ. އިތުރަށް އެނގޭކަށް އެއްޗެއްނެތެވެ. ޝާރިފްގެ ޚަބަރެއް ނުވީ ކީއްވެކަން އެނގި ހާމަވެ ނިމިއްޖެއެވެ. އިތުރަކަށް އެނގޭކަށް އެއްޗެއް ނެތެވެ. އިތުރަށް އެއްވެސް ކަމެއް އެނގޭކަށްވެސް ޒާޔާ ބޭނުމެއްނޫނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް