ޑާކްރެއިން އެންޓަޓެއިންމެންޓަކީ އަބަދުވެސް ތަފާތުކަމެއް ކޮށްލުމަށް މަޝްހޫރުވެފައިވާ ސްޓޫޑިއޯ އެކެވެ. ރިސްކް ނަގަން ކެރޭ ސްޓޫޑިއޯ އެކެވެ. އަޖުމަ ބަލައިލުމަށް ތަފާތު ޖޮންރާ ތަކުގެ ފިލްމު ހަދަމުން އަންނަ ސްޓޫޑިއޯ އެކެވެ. މިސާލެއްގެ ގޮތުން ލިސްޓް ކިޔަން ވެއްޖެއްޔާ މާބޮޑަށް ދިގުވެސް ވެދާނެ އެވެ. އެކަމަކުވެސް ކުޑަވަރެއްގެ ލިސްޓެއް ކިޔާލާނަމެވެ. ‘ހެޕީ ބާތު ޑޭ’ ގެ ނަމުގައި ފިލްމެއް ހެދިއެވެ. އާއްމުކޮށް ދިވެހި ފިލްމު ބަލާ އޯޑިއަންސަށް ކަމު ނުދިޔަޔަސް ޒުވާނުންނަށް އެ ފިލްމު ވީ ވަރަށް ހަބޭސް ފިލްމަކަށެވެ. ހުޅުދާން، މިކޮއެ ބައްޕަ ބައޭ ބައޭ، ވޫޑު، ވެސް މިއީ ހަމަ އެފަދަ ތަފާތު ފިލްމު ތަކެކެވެ. ފައިސާގެ ގޮތުން މާބޮޑު ކާމިޔާބީ އެއް ނުލިބުނަސް ފަރުވާލެއް ނުބަހައްޓާ ކަހަލަ އެވެ.

އަނެއްކާވެސް އަޖުމަ ބަލައިލުމަށް ކޮށްލީ ތަފާތު ކަމެކެވެ. ލޯބީގެ ކޮމެޑީ ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނެވެ. ސަހަރޯ އެވެ. މިފަހަރު މިކަންވީ ހަމަ އެންމެންނަށްވެސް ވަރަށް ހަބޭސް ކަމަކަށެވެ. ހެއްވާ މަޖާ ފިލްމު މީގެ ކުރިން ރާއްޖޭގައި އުފެއްދި ފަރާތްތަކަށް ރަނގަޅު ފިލާވަޅެއް ދެމުންނެވެ.

ތަފާތު ކަންކަން ކޮށްލުމަކީ ޑާކްރެއިން ސްޓޫޑިއޯ މާ ބޮޑަށްވެސް ގަޔާވާ ކަމަކަށް ވަނީކަން ނޭނގެއެވެ. އަނެއްކާވެސް އަނެއް ތަފާތު ކަމެއް މިޔޮތީ ‘ޒާތަކަށް’ ފެންމަތި ވެފައެވެ. ޑާކްރެއިންގެ އެއް މައި ތަނބު ކަމަށްވާ މުޙައްމަދު ޢަލީ (މޮގަރ) ގޭ ފޭސްބްކް ގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަން ގަޑިޔެއްގައި ބެންކޮކުގައި ހުންނަވައިގެން ފިސާރި ވަރުގަދަ އަދާހަމައެއް ކުރައްވައިފި އެވެ. މިފަހަރު މޮގަރ ބުނަނީ ‘އެފްބީއައި ރިލޯޑެޑް’ ކަމަށެވެ. މޮގަރ ކޮށްފައިވާ ޕޯސްޓްގައި ވާ ފޮޓޯ އިން ފެންނަނީ މިހާރު ޑާކްރެއިން ގެ އުފެއްދުންތަކުން ފެންނަމުން އަންނަ ފުބޫ ގެ ފޮޓޯ އެކެވެ. ‘މެން އިން ބްލެކް’ ޕޯސް އަށް ފިސްތޯލައެއް ވެސް ހިފައިގެން ހުއްޓައެވެ. މި ޕޯސްޓްގައި ތާރީޚެއްވެސް ދީފައި ވެއެވެ. މެއި 2018 އެވެ.

މޮގަރ ގެ މި ޕޯސްޓަށް ކޮމެންޓްތައް އޮހެން ފަށާކަށް މާކަ ގިނަ ވަގުތެއް ނުނެގި އެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މޮގަރ ގެ ގާތް އެކުވެރިޔާ އިސްމާޢީލް ވަޖީހް ގެ ކޮމެންޓް ގައި ބުނީ ‘ދިސް ގައި ގޮޓް އަ ކްލާސް، މޭން. ޑޭމް އޯސަމް. މެން އިން ބްލެކް’ މިހެންނެވެ.

މި ޕޯސްޓަށް ކޮމެންޓެއް ކޮށްނުލައި އަހަންނަކަށްވެސް ނުހުރެވުނެވެ. މިއީ ސީރިއަސް ޕޯސްޓެއްތޯ ސުވާލުކޮށްލީމެވެ. ޖަވާބު ގައި މޮގަރ ސަރ، ޑާކްރެއިން ސްޓޫޑިއޯ ގެ ޑައިރެކްޓްރ އަދި ސިނަމޮޓޮގްރާފަރ އަލީ ޝިފާޢު (ޗިއްޕެ) އަށް ދޯ އެއް ދެމުން ބުނީ ސީރިއަސް ޕޯސްޓެއް ކަމަށެވެ. އަލީ ޝިފާއު ވެސް ބުނީ މިއީ ސީރިއަސް ޕޯސްޓެއް ކަމަށެވެ.

މުނިއަވަސް އިން މި ޕޯސްޓާއި މެދު ކުޑަކޮށް އިންވެސްޓިގޭޝަން އެއް ހަދައިލީމެވެ. މިއީ ހަމަ އަސްލުވެސް ޑާކްރެއިން އިން ހަދަން އުޅޭ ‘ކޮމިކް’ ސްޓައިލް ގެ ފިލްމެކެވެ. މުނިއަވަސް ގެ އިންވެސްޓިގޭޝަން އަށް އެއްކޮށް ކަށަވަރު ނުވިޔަސް އެނގިފައިވާގޮތުން މިއީ ތަންކޮޅެއް ކުރިން ޑާކްރެއިން އިން ހެދުމަށް މަސައްކަތްކުރި ފިލްމެއް ނުވަތަ ސީރީޒް އެކެވެ. މިކަހަލަ ކޮންސެޕްޓެއް ވަނީ އެ ސްޓޫޑިއޯ އިން މީގެ ކުރިން ޓީވީއެމް އަށް ވިއްކާލާފަ އެވެ. ނަމަވެސް މިފަހަރު މިއީ އެފްބީއައި ރިލޯޑެޑް އެވެ. އެހެންވީމާ ތާފާތެއްވެސް ހުންނާނެ ކަމަށް ބެލެވެއެވެ. މުނިއަވަސް ގެ އިންވެސްޓިގޭޝަން އަށް އަދިވެސް އިތުރު މަޢުލޫމާތު ތައް ލިބިފައިވެއެވެ. ނަމަވެސް ‘އެފްބީއައި ރިލޯޑެޑް’ ގެ ވާހަކަ އެހާ ބޮޑަށް ދައްކަން ކުޑަވަރެއްގެ ޖެހިލުންވުމެއް ހުރީތީ މިވަރުން ފުލުސްޓޮޕެއް ޖަހައިލާނަމެވެ.

މޮގަރ ކޮށްފައިވާ ޕޯސްޓް ގައި ފުބޫ ބުނެފައިވާހެން ‘والله أعلمُ’ އެވެ. މިހެން ބުނަމުން އަނެއްކާވެސް ފުލުސްޓޮޕެއް ޖަހަމުން ކީބޯޑުން އަތް ނެގީމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.