ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު)ގެ ދަށުން ޅ. އަތޮޅުން ފަސް ސަރަޙައްދެއް ހިމާޔަތްކޮށްފިއެވެ.

މިގޮތުން، ޅ. އަތޮޅުން މިފަހަރު ހިމާޔަތްކޮށްފައިވާ 5 ސަރަހައްދަކީ:-

1. ޅ. މާގަނޑު (އެނިމޯން) ތިލަ
އެނިމޯން ތިލަ ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާރޑް ކޮރަލް ގިނަ ސަރަހައްދެކެވެ. މި ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި، މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަކަމަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ތަނެކެވެ. މި ތިލައިން އެންމެ ގިނައިން ފެންނަ މާގަނޑުގެ ބާވަތެއް ކަމަށް ރިކޯޑްކުރެވިފައިވަނީ މެގްނިފިސަންޓް ސީ އެނިމޯން (Heteractis magnifica) އެވެ.

މި ސަރަހައްދުގައި ފާހަގަކުރެވޭ އިތުރު ދިރުންތަކުގެ ތެރޭގައި، ތަފާތު ވައްތަރުގެ މުރަކައިގެ ބާވަތްތަކާއި، މިޔަރާއި، ވެލާ ކަނހަބު ހިމެނެއެވެ. މި ސަރަހައްދުގައި 27 އާއިލާއަކަށް ނިސްބަތްވާ ފަރުމަސް ފެންނަކަމަށް ރިކޯޑްކުރެވިފައިވެއެވެ. ފަރުފަރާއި، ތިލަތަކަކީ ކަނޑުގެ ދިރުންތަކުގެ ނަސްލުތައް ދަމަހައްޓައިދީ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދޭ އެންމެ ފުރިހަމަ ވަސީލަތަށްވާތީވެ، މިފަދަ ސަރަހައްދުތައް ޙިމާޔަތްކުރުމަކީ މުހިއްމު ކަމެކެވެ.

ޅ.މާގަނޑު ތިލަ ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ 6ވަނަ ގިންތި “ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއަރ”ގެ ދަށުންނެވެ.

2. ޅ. ސެއްޅިފުށި – ހިރިޔަދޫ ޗަސްބިން ސަރަހައްދު

ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ފާދިއްޕޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން 5 ރަށަކަށް ބަހާލާފައިވާ އިރު، މި ރަށުގެ އެންމެ އުތުރަށް އޮންނަ 2 ރަށެވެ. ޅ. ސެއްޅިފުށި – ހިރިޔަދޫ ޗަސްބިން ސަރަހައްދަކީ ފާދިއްޕޮޅުގެ އިރުމަތީ ބިތުގައިވާ ފަޅުރަށެކެވެ. ތާރީޚީ ގޮތުން ބަލާއިރު މި 5 ރަށް ވަކިން އޮތްކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް، މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވިފައިވެއެވެ. މި ސަރަހައްދުގައިވާ ކޮއްލަވާނި (ބޭ) އަކީ ތިމާވެށީގެ ގޮތުން ޙާއްޞަ މާހައުލެކެވެ. މިފަދަ މާހައުލުތަކަކީ ރާއްޖޭގައި ވަރަށް މަދުން ފެންނަ، ފަރުގައި އުޅޭ ދިރުންތައް ވިހައި އާލާވުމަށް މުހިއްމު މާހައުލެކެވެ. މި ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވެއެވެ. މި ރަށުގައިވާ ކަހެރުވައް ގަސްތަކަކީ ދިވެހިރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެކެވެ. އަދި މިރަށަކީ ވެލާ ބިސްއެޅުމަށާއި، ކަނޑުމަތީ ދޫނި ނިދަންއަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.

ޅ. ދިއްފުށި-މާދޫ ކުޅި ސަރަހައްދު ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ 7ވަނަ ގިންތި “ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް (ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ޙިމާޔަތްކޮށްފައިވާ ސަރަހައްދު)”ގެ ދަށުންނެވެ.

3. ޅ. މާކޯ

ޅ.މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. މިރަށް ޚާއްޞަވަނީ މިރަށުގައިވާ ކުޅި އާއި އެކުޅީގައާއި އަދި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ. މި ގޮތުން މިރަށުގައިވާ ކުޅިއަކީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެކެވެ. މި ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑުކޮށްފައިވެއެވެ. މިރަށުގެ ކުޅިއަކީ ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކާރބަން ސިންކްއެއްގެ އިތުރުން، ރަށަށް ރީތިކަން ގެނެސްދޭ މަހައުލެކެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި މިރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވެއެވެ. މީގެ އިތުރުން މިރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި، 2 ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑްކުރެވިފައިވެއެވެ.
ޅ. މާކޯ ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ 7ވަނަ ގިންތި “ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް (ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ޙިމާޔަތްކޮށްފައިވާ ސަރަހައްދު)”ގެ ދަށުންނެވެ.

4. ޅ. ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި

ޅ. ވައްވަރަކީ ސާދާ، ގުދުރަތީ ގޮތުން ރީތި ރަށެކެވެ. އަދި ހަމަ މި ފަޅުގައި އުފެދިފައިވާ ދަނޑިފަޅު ފިނޮޅު ކައިރިއަކީ ގިނަ އަދަދެއްގެ ކުދި މަހުގެ ނާސަރީއެއްގެ އިތުރުން، ކަނޑުމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ބިސް އަޅާ ހިތްގައިމު ތަނެކެވެ. ދަނޑިފަޅު ފިނޮޅަކީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ ކަނޑުމަތީ ދޫނީގެ ބާވަތްތައް ޖައްސާ، މިތަކެތި އާލާވެ ދިރިއުޅޭ މާހައުލެވެ. އަދި މި ފިނޮޅު ކައިރީގައި އުފެދިފައިވާ ފަރުގައި މަސް އާލާވާ ނާރސަރީތައްވެސް ވަނީ އުފެދިފައެވެ. މިއީ ވަރަށް ގިނައިން އެންމަޑިވެސް ފެންނަ ސަރަހައްދެކެވެ.
މި ސަރަހައްދު އިތުރަށް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ މިދޭތެރޭގައި އުފެދިފައިވާ ކަނޑުއޮޅީގެ ފުރިހަމަކަމުންނެވެ. މިއީ ވަރަށް ހާއްސަ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ، މަދުން ނޫނީ ނުފެންނަ ބާވަތުގެ މަސްމަހާމެހި މުރަކައިގެ ބާވަތްތައް ގިނަ ސަރަހައްދެކެވެ. އެހެންކަމުން، މިއީ ފީނާ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު މަންޒިލެކެވެ. ވައްވަރާއި ދަނޑިފަޅު ދެމެދުގައިވާ ކަނޑުއޮޅީގެ ފަރުތަކަކީ ކަނޑުއަޑީގެ ހޮހަޅާތަކާއި ‘އޯވަރހޭންގް’ ތަކުން ފުރިފައިވާ، ފަރު އުފެދިފައިވާ ތަފާތު ބާވަތުގެ އެއްތަނަކުން ފެންނަ ސަރަހައްދެކެވެ. މި ފަރުތަކުން ފާހަގަކޮށްލެވޭ ދިރުންތަކުގެ ތެރޭގައި، ގިނަ އަދަދެއްގެ ސޮފްޓް ކޮރަލްއާއި، މަދުން ނޫނީ ނުފެންނަ، ‘ޔެލޯ މައުތުޑް މޮރޭ އީލް’ އަދި ބޮޑެތި ދަންބޮޑު މަހުގެ އައިންތައް ހިމެނެއެވެ. މި ފަރުތަކުން އާއްމުގޮތެއްގައި ފެހިވެލައާއި ވައިފިޔަ މަޑި، އަދި ކަންނެލިވެސް ފެނެއެވެ.

ޅ. ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ 6ވަނަ ގިންތި “ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއަރ”ގެ ދަށުންނެވެ.

5. ޅ. ދަށުގިރި ފިނޮޅު

ޅ. ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށްވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މިފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައިވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއްކަން ފާހަގަކުރެވިފައިވެއެވެ. ކަނޑުމަތީ ދޫންޏަކީ ކަނޑުގެ ނިއުޓްރިއަންޓް ނުވަތަ ކަނޑުފަޅުގެ ދިރުންތަކުން ލިބިދޭ ކާނާ އެއްގަމަށް ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތެވެ. މިމާހައުލަކީ، ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަންއަރާ، ދޫނި ބިސްއަޅާ، ވިހާ އާލާވާ، އިކޮލޮޖިކަލީ މުހިއްމު މާހައުލެކެވެ. ފިނޮޅަށް ލިބޭ ޙިމާޔަތަކީ މިދޫނިތަކަށްވެސް ލިބިދޭނެ ޙިމާޔަތެއްކަމުން، ލާމެހިފައިވާ ވެށީގެ ދިރުންތަކަށް ލިބިދޭ މަންފާއިން މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް އޭގެ ފައިދާ ކުރާނެއެވެ.

ޅ. ދަށުގިރި ފިނޮޅު ހިމާޔަތްކުރެވިފައިވަނީ ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ގިންތީގެ 2ވަނަ ގިންތި “ސްޓްރިކްޓް ނޭޗަރ ރިޒާވް”ގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އަދި އިޤްތިޞާދީ، އިޖްތިމާޢީ ކުރިއެރުން ހޯދުމަށްޓަކައި މިސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިމާޔަތްކުރުމުގެ ދަށުން ކޮންމެ އަތޮޅުކަން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭ ގޮތަށް ހިމާޔަތްކުރުމަށް ވަނީ ހިމަނާފައެވެ. ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު)ގެ ދަށުން މިހާތަނަށް 71 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އަދި މި ސިޔާސަތުގެ ދަށުން 5 އަތޮޅަކުން 9 ރަށް، 6 އަތޮޅަކުން 13 ފަރު، އަދި 5 އަތޮޅަކުން 8 ކަނޑޫފާ 2018ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަނީ ހިމާޔަތްކުރެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.