މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ނޯޓީ40 ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ ގެ ޝޫޓިންގ މިއަދު ތ. ބުރުނީގައި ފަށައިފި އެވެ.

ފޯޓީ ޕްލަސް ގެ ޝޫޓިންގ އަށް ބޮޑު ކުރޫ އަކާއި އެކު ތ. ބުރުންޏަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނޯޓީ40 ގައި ހަރަކާތްތެރިވި މައިގަނޑު ތަރިންނާއި އިތުރު ތަރިން ތަކެއް ހަރަކާތްތެރިވާ މި ފިލްމުގެ ޝޫޓިންގ 25 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ އަދި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ބުންޏެވެ.

މި ފިލްމާއި މެދު ފިލްމުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިން އަންނަނީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

ނޯޓީ40 ގައި ހަސަން ގެ ބައި އަދާކުރި އަލީ އާޒިމް (ދޮން އައްޔަ) ބުނީ ފޯޓީ ޕްލަސް ގައި އޭނާ އަދާކުރާ ކެރެކްޓަރ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. ހަމަ އެހެންމެ ނޯޓީ40 ގައި ފުލުހެއްގެ ދައުރުން ފެނިގެން ދިޔަ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ވެސް ހުރީ ފިލްމާއި މެދު ފޮނި އުންމީދު ތަކެއްގައެވެ.

“ނޯޓީ40 ގެ ކެރެކްޓަރ އާ ވަރަށް ތަފާތުވާނެ މި ކެރެކްޓަރ. އޭގައި ކުޅެފަ މީނީ ޕޮލިހެއްގެ ކެރެކްޓަރ. އެހެން ނަމަވެސް ފޯޓީ ޕްލަސްގަ މި ކުޅެނީ މުޅިން އެހެން ގޮތަކަށް އިންނަ އެހެން ކެރެކްޓަރ އެއް.” ފޯޓީ ޕްލަސް ގައި ސީޒަން އަދާކުރާ ކެރެކްޓަރ އާއި މެދު މަޢުލޫމާތު ދެމުން ސީޒަން ބުންޏެވެ.

“މީކީ އެއްވެސް ސީރިއަސް ކެރެކްޓަރ އެއް ނޫން. ޔޫއްޕެ އާ ސައީދު އާ މަނިކު އާ ހަތަރުމީހުން ހަމަ އެއްކޮށް ވަރަށް ގިނަ ހާދިސާ ތަކަކާއި ކުރިމަތިވާކަހަލަ ގޮތަކަށް  އިންނަ ކެރެކްޓަރ އެއް މީ.” ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ގެ ހުއްދަ ލިބިފައިވާ ވަރަށް ފިލްމުގައި ސީޒަން އަދާކުރާ ރޯލު އިތުރަށް ކިޔައިދެމުން ބުންޏެވެ.

ނޯޓީ40 ގައި ޓީޗަރުގެ ބައި އަދާކުރި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނީ މިފަހަރު އޭނާ އަށް ލިބިފައިވާ ރޯލު ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި މިފަހަރު އޭނާއަށް ލިބިފައިވާ ރޯލު ކުރީ ފަހަރަށް ވުރެން ބޮޑުވާނެ ކަމަށްވެސް އަލީ ޝާހިދު މަޢުލޫމާތު ދެއެވެ.

“އިރާދަ ކުރެއްވިއްޔާ އައްޔަގެ 100 ޕަސެންޓް ދައްކައިދެވޭތޯ މަސައްކަތް ކުރާނަން.” ފިލްމުގައި ހަރާކާތްތެރިވާ ތަޖުރިބާ ހުރި ސީނިއާ ތަރިންގެ އެހީތެރިކަމާއި އެކު އައްޔަ ހުރީ އައްޔަގެ މެކްސިމަމް މި ފިލްމުގައި ދެއްކުމަށް ތައްޔާރަށެވެ. އައްޔަ އިތުރަށް ބުނީ މި ފިލްމުން އައްޔަ އާއި ގުޅުންހުރި ސަޕްރައިޒެއްވެސް ފެނިގެންދާނެ ކަމަށެވެ.

ފޯޓީ ޕްލަސް އަށް އާތަރިން ތަކެއް ނެގުމުގައި ބަލާފައިވަނީ ކޮންކޮން ކަންތައް ތަކަކަށް ތޯ ޔޫއްޕެ އާއި ސުވާލުކޮށްލުމުން ޔޫއްޕެ ބުނީ ކެރެކްޓަރ ރޯލުތަކަށް ފިޓްވާނެ ކުދިން ހޮވިކަމަށެވެ. އެގޮތުން ބުނެދޭ އެއްޗެއް އެންމެ އަވަހަށް ނަގައިގަނެގެން ފަސޭހަކަމާއި އެކު އެކްޓިން ދައްކާލެވޭނެ ކަހަލަ ކުދިން ނެގި ކަމަށެވެ. ފިލްމު ގެ ޝޫޓިން އާއިމެދު ޔޫއްޕެ އިތުރަށް ބުނީ ފިލްމު ޝޫޓްކުރަން ހަމަޖައްސާފައިވަނީ 25 ދުވަސް ކަމަށެވެ.

“އިރާދަކުރެއްވިއްޔާ ބަރާބަރު 25 ދުވަސް ތެރޭގައި މި ފިލްމު ނިންމާލެވޭނެ.” މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން ބުރުލެއް ނާރާނަމަ ރާވާފައިވާ މުއްދަތުގައި ފިލްމުގެ ސޫޓިންގ ނިންމާލެވޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ނޯޓީ40 ގައިވެސް މުހިންމު ރޯލެއް އަދާކުރި މަޝްހޫރު ފިލްމީ ތަރި އަހްމަދު ސައީދު ވެސް ވަނީ ފޯޓީ ޕްލަސް ގެ ޝޫޓިން އާއި މެދު ވާހަކަދައްކާފައެވެ.

“ޔޫއްޕެ އަކީ އަބަދުވެސް އަޅުގަނޑު ވަރަށް ޓްރަސްޓް ކުރާ ޑައިރެކްޓަރެއް އަދި ސްކްރިޕްޓް ރައިޓަރެއް. ތަފާތު ވާނެ ޔޫއްޕެގެ އެއްޗެހި. މިސާލަކަށް އިންސާފް، ދެންގޮސް ނޯޓީ40، ބައިވެރިޔާ މި އެއްޗެހި މީ ހަމަ ވަރަށް ތާފާތު އެއްޗެހި އިނގޭތޯ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާހިތް އޮތީ ނޯޓީ40 ގެ ސީކުއަލް ފޯޓީ ޕްލަސް މީތި އެއަށްވުރެން ދެރައެއް ނުވާނޭ ހަމަ ޔަގީނުންވެސް. ބެލުންތެރިން ހަމަ ބަލައިގަންނާނެ ވަރު ފިލްމަކަށް ވާނެ.” ސައީދު އިތުރަށް ބުނީ ފިލްމު ރިލީޒް ކުރާނެ ތާޜީޚެއް މިހާރުވެސް ފިލްމުގެ އިންތިޒާރުގައި ތިބި މީހުން އަހައި އޮޅުންފިލުވަމުން އަންނަ ކަމަށެވެ. ނަމަވެސް ތާރީޚެއް ކަނޑައެޅޭނީ ފިލްމުގެ ޝޫޓިންގ ނިމުމުން ކަމަށްވެސް ސައީދު މަޢުލޫމާތު ދެއެވެ.

ފިލްމުގެ ޝޫޓިންގ އަށް ފުރުމުގެ ކުރިން ފޯޓީ ޕްލަސް ގައި ހަރަކާތްތެރިވާ ފިލްމީ ތަރި ފާތިމަތު އާޒިފާ (އަޒޫ) ބުނީ ޔޫއްޕެގެ ފިލްމެއް ވެއްޖެއްޔާ އަބަދުވެސް އަޒޫ އަށް ވަރުގަދަ ރޯލެއް ލިބެމުން އަންނަ ކަމަށެވެ. އަޒޫ ބުނީ ސްކްރިޕްޓް ކިޔައިލެވޭނީ ބުރުންޏަށް ގޮސް ކަމަށެވެ.

ފޯޓީ ޕްލަސް އިން ވެސް އަޒޫގެ މުހިންމު ރޯލެއް ފެނިގެންދާނެ

“މީގަ މަނިކް ގެ ވައިފެއް ގޮތަށް ފެންނާނީ.” އަޒޫ ގެ ކެރެކްޓަރ އާއި މެދު އަޒޫ ބުންޏެވެ. ފިލްމު ޝޫޓިން ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ވަރަށް ރަނގަޅަށް ކުރިއަށް ދާނެ ކަމަށް އަޒޫ ވެސް ހުރީ އުއްމީދު ގައެވެ.

މި ފިލްމުގައި މަޝްހޫރު ބަޠަލާ އަދި މަނިކުގެ އަންހެނުން ޝީލާ ވެސް މުހިންމު ރޯލެއް އަދާކުރެއެވެ.

“ޝީލާ ގެ ބައި ޔޫއްޕެ ކޮންމެވެސް ވަރަކަށް ކިޔައިދީފި. ތަންކޮޅެއް ތާފާތު ވާނޭ ބުނީ. ޝީލާ ގެ އެކްޓިންގ ވަރަށް ދެއްކޭނެ ރޯލެކޭ ބުނީ. ދެން ޔޫއްޕެ އަށް ހަމަ އަބަދުވެސް ވަރަށް ހޯޕް އޮވޭ. ވަރަށް ގިނައިން މަސަައްކަތް ކުރެވިއްޖެ ޔޫއްޕެ އާ އެކު، އެހެންވީމަ ޔޫއްޕެ އަށް ހަމަ ވަރަށް އިތުބާރު ކުރަން.” ޝީލާ އިތުރަށް ބުނީ މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީޑު ކުރެވޭ ކަމަށެވެ.

ކޮމެޑީ ކެރެކްޓަރ ތަކަށް ހަމަ އެންމެ ގުޅޭ އެއް ފިލްމީ ތަރި މުޙައްމަދު ފައިސަލް ވެސް ފޯޓީ ޕްލަސް ގައި ހަރަކާތްތެރިވެ އެވެ. ފައިސަލް ގެ ރޯލާއި މެދު މައުލޫމާތު ދެމުން އޭނާ ބުނީ އެއީ ވަރަށް ބޮޑު ސިއްރެއް ކަމަށެވެ.

ފޯޓީ ޕްލަސް ގައި ފައިސަލް އާއި ޝީލާ ވެސް ހަރަކާތްތެރިވޭ

“އެއީ އަސްލު ވަރަށް ބޮޑު ސީކްރެޓެކޭ. އެއީ ހަމަ ސަޕްރައިޒެއް އަސްލު.” ފައިސަލް އިތުރަށް ބުނީ ނޯޓީ40 ގައި އޭނާ އަށް ރޯލެއް ލިބުނު ކަމަށާއި ނަމަވެސް ވަގުތާއި ކަންތައްތައްް ހުރިގޮތުން ފިލްމުގައި ހަރަކާތްތެރި ނުވެވުނީ ކަމަށެވެ.

މި ފިލްމުގައި ފައިސަލް އާއި ދޮން އައްޔަ އާއި ދެމީހުން އުޅޭނީ އެކުގައި ކަމަށާއި ފިލްމުގައި ދެން އުޅޭ މީހުންނަށް އުނދަގޫ ކުރުމާއި ސަކަރާތްޖެހުން ވަރަށް ބޮޑުވާނެ ކަމަށްވެސް ފައިސަލް ބުންޏެވެ. ފައިސަލް އިތުރަށް ބުނީ ނޯޓީ40 ގައި ސީޒަން ކުޅެފައިވާ ބަޔަކީ ފައިސަލް ކުޅެން އޮތް ބައިކަމަށާއި އެފިލްމު ބަލާފައި އެބައި ކުޅެވުނު ނަމައޭ ފަހުން ހިތަށް އެރިކަމަށެވެ.

ތ. އަތޮޅު ބުރުނީ ގައި މި ފިލްމު ޝޫޓް ކުރަން ނިންމާފައިވަނީ ފިލްމުގެ ޕްރޮޑިއުސަރު ޝަފީޤް އެވެ. ލޮކޭޝަން ތައް ބެލުމަށް ފިލްމުގެ ޕްރޮޑިއުސަރ ޝަފީޤް އާއި އެކުގައި ފިލްމުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުންވެސް މަސައްކަތްކުރާ ޢަލީ ސީޒަން ވެސް މީގެ ދުވަސްކޮޅެއް ކުރިން އެރަށް ގޮސްފައި ވެއެވެ. ތ. ބުރުންޏަކީ ރަށްފުށުގެ ވަރަށް ރީތި ލޮކޭޝަން ތަކެއް ލިބެން ހުރި ރަށެއް ކަމަށް ސީޒަން ފާހަގަ ކުރެއެވެ.


ފިލްމު ޝޫޓިންގ ފެށި ވަގުތު ސައީދު ވަނީ ޝޫޓިންގ ގެ ވީޑިއޯ ކޮޅެއް ލައިވް ކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.