ބޭރުގެ އެކިއެކި އޮންލައިން ތަކުގައި ވަރަށް ތަފާތު ޚަބަރުތައް ހުންނަތަން ފެނެއެވެ. އާދަޔާޚިލާފު، ޝަޢުޤުވެރިވާ ޒާތުގެ ޚަބަރުތަކެވެ. ހައިރާންކަން ގެނެސްދޭ ޚަބަރުތަކެވެ. ނަމަވެސް މިހެން ހުންނަ ކޮންމެ ޚަބަރަކީ އެންމެ ތެދު ޚަބަރަށް ނުވެދާނެއެވެ. ނުވަތަ އެއްވެސް ވަރަކަށް ޙަޤީޤަތެއް ނެތް، އަމިއްލައަށް އުފައްދާފައިވާ ޚަބަރަކަށް ވެސް ވެދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދިވެހި އޮންލައިން ތަކުގައި މިފަދަ ޚަބަރުތައް ގެނެސްދިނުމުގެ ކުރިން، އެ ޚަބަރަކީ ޞައްޙަ ޚަބަރެއްތޯ ޔަޤީންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީގެ ދެތިން ދުވަސް ކުރިން، މުނިއަވަސް އަށް ޚަބަރު ފޯރުކޮށްދޭ ފަރާތަކުން ބޭރުގެ އޮންލައިންއެއް ގައި އޮތް ވަރަށް ޝަޢުޤުވެރި ޚަބަރެއް ހިއްސާކުރިއެވެ. ނަމަވެސް އެ ޚަބަރުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ އަޅުގަނޑުމެން އެ ޚަބަރު ނުޖައި ދޫކޮށްލީމެވެ. އޭގެ އެއް ދުވަސް ފަހުން، އޮންލައިންއަކުން އެ ޚަބަރުގެ ތަރުޖަމާއެއް ގެނެސްދީފައި އޮއްވާ ފެނިގެން، އަޅުގަނޑުމެންނަށް ޚަބަރުގެ ލިންކު ފޮނުވި ފަރާތުން ދިވެހި އޮންލައިންގައި އޮތް ޚަބަރުގެ ލިންކު ހިއްސާކޮށްލިއެވެ.

ޚަބަރަކީ ތޯއެވެ. “ބާމިއުޑާ ޓްރައިންގަލް އިން ގެއްލުނު ބޯޓެއް 90 އަހަރު ފަހުން ފެނިއްޖެ“ގެ ނަމުގައި ބޭރުގެ އޮންލައިންއެއް ކަމަށްވާ ފޮކްސީޑް.އެމްއީ ގައި ގެނެސްދީފައިވާ ޚަބަރެކެވެ. ހަމަ ގައިމުވެސް ލައްކަ ހިޓްސް ލިބޭނެ ޚަބަރަކަށް ވާނެތާއެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ހިޓްސް ހޯދުމަށް ފޭކް ޚަބަރު ޖަހައިލުން މިއީ ހަމަ އެހާ ކޫލް ކަމެއްތޯއެވެ؟ ނުވަތަ ކުރަން އެންމެ ރަނގަޅު ކަމެއްތޯއެވެ؟

މިފަދަ ޚަބަރުތަކަށް ހާހުން ހިޓްސް ލިބޭނެއެވެ. ނަމަވެސް ޚަބަރު ޚަބަރަކަށް ވާނީ އޭގައި އަސްލެއް އޮވެގެން ނޫންތޯއެވެ. އެހެންކަމުން ޚަބަރެއް ލިބުމުން އެއީ ތެދު ޚަބަރެއްތޯ ޔަޤީންކޮށްލުމަކީ ލިޔުންތެރީންގެ ޒިންމާއެކެވެ. ރިސާޗްގޭޓް.ނެޓް އާއި ސްނޯޕްސް.ކޮމް ފަދަ އެތަކެއް ވެބްސައިޓްތަކެއް، ޚަބަރު ވެރިފައި ކުރުމަށްޓަކައި އިންޓަނެޓްގައި އެވަނީ ޤާއިމުކުރެވިފައެވެ. ޚަބަރުގެ ލިންކު ނުވަތަ ސުރުޚީ ޖަހައިލައި ހޯދައިލުމުން ޚަބަރުގެ ތެދުދޮގު އެއޮތީ ހާމައަށް ފެންނާށެވެ.

ބާމިއުޑާ ޓްރައިންގަލް އިން ގެއްލުނު ބޯޓެއް 90 އަހަރު ފަހުން ފެނިއްޖެ – މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ޚަބަރެކެވެ. ލިޔުންތެރިންނާއި ކިޔުންތެރިންވެސް މިފަދަ ޚަބަރުތަކަށް ސަމާލުކަން ދޭން ޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.