ބާރން، ސްވިޒެލޭންޑް – ރަތްކުލައިގެ ކުޑަ ތަރިއެއްގެ ވަށައިގެން ދައުރުކުރަމުން އަންނަ ދެ އެކްސޯޕްލެނެޓެއް ސައިންސްވެރިންނަށް ފެނިއްޖެއެވެ. އެކްސޯޕްލެނެޓަކީ އިރަވީ ނިޒާމު (ސޯލާ ސިސްޓަމް)ގެ ބޭރުން، ތަރިއެއްގެ ވަށައިގެން ދައުރުކުރާ ޕްލެނަޓަށް ކިޔާ ނަމެވެ. ސައިންސްވެރިންނަށް ހޯދިފައިވާ މި ޕްލެނެޓަކީ ދުނިޔެއާއި 120 އަލި އަހަރު ދުރުގައިވާ ޕްލެނެޓެކެވެ. ފެނިފައިވާ ދެ ޕްލެނެޓުގެ ތެރޭގައި ‘ސުޕަރ-އާރތެއް’ ވެސް ހިމެނެއެވެ.

އެސްޓްރޮނޮމީ އެންޑް އެސްޓްރޯފިޒިކްސް އިން ޝާއިޢުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ އެކްސޯޕްލެނެޓްސް ‘TOI-1266 ބީ’ އާއި ‘TOI-1266 ސީ’ ދައުރުކުރަމުންދާ ތަރިއާއި ވަރަށް ކައިރި ކަމަށާއި ތަރީގެ ވަށާ ބުރެއް ޖެހުމަށް ނަގަނީ 11 ދުވަހާއި 19 ދުވަސް ކަމަށެވެ.

ދެ ޕްލެނެޓްގެ ތެރެއިން ތަރިއާއި އެންމެ ގާތުގައިވާ ‘TOI-1266 ބީ’ ޕްލެނެޓަށް ކިޔާފައިވަނީ ‘ސަބް-ނެޕްޓިއުން’ އެވެ. އޭގެ ބޮޑުމިނުގައި ހުންނަނީ ދުނިޔޭގެ ވަށަމިނުގެ ދޭއް ބައި ގުނައެވެ.

ތަރީގެ އޯބިޓްގެ ބޭރުގައިވާ ޕްލެނެޓް ‘TOI-1266 ސީ’ގެ ބޮޑުމިނަކީ އަހަރުމެން ދިރިއުޅޭ ޕްލެނެޓްގެ ދެބައިކުޅަ އެއްބައި ވަަރެވެ. އެހެންކަމުން އެ ޕްލެނެޓް ގްރޫޕްކޮށްފައިވަނީ ‘ސުޕަރ-އާރތު’ގެ ގޮތުގައެވެ.

ފެނިފައިވާ ދެ ޕްލެނެޓް ‘TOI-1266 ބީ’ އާއި ‘TOI-1266 ސީ’ ގައި ހުންނަނީ އެއް ފިނިހޫނު މިނެކެވެ. ޤަަބޫލުކުރެވޭ ގޮތުން ދެ ޕްލެނެޓްގައި ހުންނަނީ އެއްވަރުގެ ޑެންސިޓީއެކެވެ. ދެ ޕްލެނެޓަކީ ވެސް ބައިކުޅަ ބައި ހިލައާއި މައުދަނުގެ މާއްދާތަކާއި ފެން އެކުލެވޭ ޕްލެންޓްތަކެއް ކަމަށް ދިރާސާކުރާ މީހުން ލަފާކުރެއެވެ.

ދެ ޕްލެނެޓް ދައުރުވާ ތަރި TOI-1266 އަކީ ރަތްކުލައިގެ ކުޑަކުޑަ ޑްވާފް ތަރިއެކެވެ. ރެޑް ދްވާފަކީ އެންމެ ކުޑަ އަދި އެންމެ ފިނި ވައްތަރުގެ ތަރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.