ގެވެށި އަނިޔާ ލިބެމުންދިޔަ މި މީހާ އަހަރެއް ވާންދެން ކޮންމެ ދުވަހަކުވެސް ސެލްފީ އެއް ނެގި. ސެލްފީތަކުން ފެންނަނީ ހިތް ފަޅައިގެން ދާވަރުގެ ކަންތައްތަކެއް!

ގެވެށި އަނިޔާ އަކީ ތަރައްޤީވެފައިވާ މުޖުތަމަޢު ތަކަށް ޖެހިފައިވާ ވަބާ އެކެވެ. މިކަން ގޮސްފައިވާ މިންވަރު ވަޒަންކޮށްލުމަށް ތަރައްޤީވެފައިވާ އެމެރިކާ އަށް ބަލާލާނަމެވެ. 2001 ވަނަ އަހަރުން 2012 ވަނަ އަހަރާއި ދެމެދުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ލަޝްކަރުތަކުގެ ސިފައިންގެ ތެރެއިން 6448 މީހުން ވަނީ ހަނގުރާމައިގެ ކުރިމަތިލުންތަކުގައި މަރުވެފައެވެ. އެއްމެ ބިރުގަންނަން ޖެހޭ ކަމަކީ ހަމަ މި މުއްދަތުގެ ތެރޭގައި ގެވެށި އަނިޔާގެ ސަބަބުން އެމެރިކާއިން ވަނީ 11766 މީހުންގެ ފުރާނަ ނެތި ގޮސްފަ އެވެ.

ކޮންމެ ޖިންސެއްގެ މީހަކީވެސް ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެ މީހެކެވެ. އެހެން ނަމަވެސް އާއްމުގޮތެއްގައި މިކަމުގެ ޝިކާރައަކަށް ވަނީ އަންހެނުންނެވެ. މިފަދަ އަނިޔާއެއް ތަހައްމަލު ނުކުރާ މީހުން ދެކޭ ގޮތުން މިފަދަ ކަންކަމާއި އަޅައިނުލައި ތިބުމަކީ އެންމެ ފަސޭހަ ހައްލެވެ. ނަމަވެސް ހަގީގަތަކީ ގެވެށި އަނިޔާއިން ސަލާމަތް ވުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

އެމެރިކާގައި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ 82 އިންސައްތަ އަކީ އަންހެނުންނެވެ. 18 އިންސައްތަ އަކީ ފިރިހެނުންނެވެ.

މި އަންދާސީ ހިސާބަކީ ދާދިފަހުން އެމެރިކާގައި އާއްމުންނަށް އެނގިގެންދިޔަ ހާރވޭ ވެއިންސްޓަން ސްކޭންޑަލް ގެ ސަބަބުން ކުރިއަށް ނިކުމެ، ނަން މަޝްހޫރު ސެލެބްރިޓީންގެ ފަރާތުން ޖިންސީ ގޯނާކުރުން ކުރިމަތިވެފައިވާ ކަމަށް އެއްބަސްވި މީހުންގެ ސަބަބުން ރިވެލި (ރިފްލެކްޓް) ވެފައިވާ ޢަދަދެކެވެ.

މިމައްސަލައަށް އަލިއަޅުވައިލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ގެވެށި އަނިޔާ ތަހައްމަލު ކުރަމުން އައި އަންހެނެއް ވަނީ، އެއް އަހަރު ވާންދެން ހަމަ ކޮންމެ ދުވަހަކު އޭނާ ގެ ސެލްފީއެއް ނަގާފައެވެ.

ހިތްފަޅައިގެން ދާވަރުގެ މި ސެލްފީތައް ނަގާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. މި ފޮޓޯތަކުން، ބޭރުފުށުން އޭނާއަށް ދީފައިވާ އަނިޔާތަކުގެ އިތުރުން އޭނާ އަށް ލިބިފައިވާ ނަފުސާނީ އަނިޔާތައްވެސް ކިޔައިދެއެވެ. މިއީ ހައިރާންވާން ޖެހޭވަރުގެ ފޮޓޯތަކެކެވެ. އަދި މި ފޮޓޯތަކަށް ބަލައިލުމަށް އެންމެ އުނދަގޫވާ ސަބަބަކީ އަހަރުގެ ދުވަސްތައް ކުރިއަށްދިޔަ ވަރަކަށް އޭނާ އަށް ދީފައިވާ އަނިޔާތައްވެސް ގޮސްފައިވަނީ ގޯހުން ގޯސްވަމުންނެވެ.

ގެވެށި އަނިޔާގެ ސަބަބުން މީހުންނަސް ހަމައެކަނި ކުރިމަތިވާ ކަމަކީ ބިރުގަތުން އެކަންޏެއް ނޫނެވެ. އެމީހުން ވެފައިވަނީ ބަލިކަށި ނާޒުކު ބަޔަކަށެވެ. ޚާއްޞަ ގޮތެއްގައި މި ވިޔާނުވާ އަމަލު ހިންގާ މުޖުރިމުން އެމީހުން އަނިޔާކުރާ މީހުން ތިބީ ގޯސް ގޮތުގައިކަން ވިސްނައިދިނުމަށް ތުހުމަތުގެ އިނގިލި ދިއްކޮށް އަނިޔާލިބޭ މީހާ އަކީ ގޯސްމީހާ ކަން ވިސްނަން މަޖުބޫރު ވާވަރުވެސް ކޮށްލައެވެ.

މި އަންހެން މީހާ ނެގި ފޮޓޯތަކުން ވަނީ ޓައިމްލެޕްސް ވީޑިއޯ އެއް ތައްޔާރުކޮށްފަ އެވެ. މި ޓައިމްލެޕްސް އިން ފެނިގެންދަނީ ބަލާބެލުމަށް ނަފުސާނީ ގޮތުން ވަރަށް ވަރުގަދަކޮށް ހުރި މީހާ މުޅިން ބަލިކަށިވެފައިވާ އަންހެނަކަށް ބަދަލުވެފައި ވަނިކޮށެވެ.

ހިތްފަޅައިގެން ދާވަރުގެ މި ވީޑިއޯ ބަލައިލާށެވެ.

ވީޑިއޯ ބަލަމުން ދާއިރު މޫނު އަނެއް ފަރާތަށް އަނބުރާލަން ބޭނުންވެދާނެއެވެ. ނަމަވެސް މޫނު އަނބުރައިނުލާ މި ވީޑިއޯ ފެށިގެން ނިމެންދެން ބަލައި އަހަރުމެންގެ މުޖުތަމަޢު ތަކުގައި މި ހަޤީޤީ މައްސަލަ ހުރި މިންވަރު ދެނެގަތުން މުހިންމެވެ.

ވީޑިއޯގެ އެއް ހިސާބަކުން، އެ އަންހެންމީހާ ވަނީ އަތުން ލިޔެފައިވާ ގަނޑުކޮޅުތަކެއް ހިފަހައްޓައިގެން ހުރެ ފޮޓޯ ނަގާފަ އެވެ. އެ ގަނޑުކޮޅު ތަކުގައި ލިޔެފައިވަނީ، “މަށަށް އެހީވޭ، މާދަމަ ޖެހެންދެންވެސް އަހަރެން ދިރިހުންނާނެ ކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގޭ،” ސަރބިއާ ބަހުން ލިޔެފައިވާ އެ މެސެޖް ތަކުގައި ވެއެވެ.

ފޮޓޯގްރަފީ ވެބްސައިޓެއް ކަމަށްވާ، ޕެޓާޕިކްސެލް އިން ވަނީ މި ފޮޓޯތަކުގެ ޞައްހަ ކަމާއި، ފޮޓޯތަކުން ކިޔައިދޭ ވާހަކަތަކުގެ ޞައްޙަ ކަމާއި މެދު ސުވާލު އުފައްދާފަ އެވެ. އެމީހުން ބުނާގޮތުން ހައިރާން ކުރުވަނި މި ފޮޓޯ ތަކަކީ ފިލްމު މޭކަޕްގެ ހީލަތްތެރި މޭކަޕް ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯތަކަކަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް އެ ފޮޓޯތަކުން ފެންނަ އަންހެން މީހާ އަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދުނަސް، މި ފޮޓޯތަކުން ވަނީ އަސްލު މައްސަލައާއި ދިމާއަށް މީހުންގެ ފޯކަސް އަނބުރާލާފަ އެވެ.

ހިތްވަރުކޮށްފައި މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާއި ވަކިވެ ދިޔަޔަސް، އެމީހުންގެ ހިތުގައި ލާފައިވާ ލަކުނުގެ ސަބަބުން އެމީހުން ތަހައްމަލުކޮށްފައިވާ ކަންތައްތަކުގެ ވާހަކަތައް ދެއްކުމަށް ހުރަސް އަޅައެވެ. ޚާއްޞަގޮތެއްގައި އެފަދަ އަނިޔަވެރި ހާލަތުގައި އެމީހުން ދިގުމުއްދަތެއްގައި ތިބީތީވެ އެކަމާ އެމީހުންނަށް އަނެކުން އިނގިލިދިއްކުރާތަން ވެސް އާދެއެވެ.

ކޮންމެ ހަތަރު އަންހެނަކުން އެއް އަންހެނަކީ އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ގެވެށި އަނިޔާ ތަހައްމަލު ކުރާންޖެހިފައިވާ ބައެކެވެ. ނަމަވެސް އެވާހަކަ ދައްކައި އުޅެނީ އޭގެ ތެރެއިން ވަރަށް މަދު ބައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.