ހޮލީވުޑްގެ ޓޮޕް މޭކަޕް އާޓިސްޓު ޕެޓްރިކް ޓާގެ ޚާއްޞަ ދަޢުވަތަކަށް އޭނާގެ މޭކަޕް ކުލާހެއްގައި ރާއްޖޭގައި މަޝްހޫރުކަން ލިބިފައިވާ މޭކަޕް އާޓިސްޓު ރުޠުބާ އަޙްމަދު ބައިވެރިވެއްޖެއެވެ. ބޮޑު ކާމިޔާބެއް ހޯދާފައިވާ ‘އައިފިލްމްސް’ގެ އަލަތު ފިލްމު “ބަވަތި” އާއި އެމީހުންގެ ދެވަނަ ފިލްމު “ނީނާ” ގައި ތަފާތު އެކި ވައްތަރުގެ މޮޅު މޭކަޕްތަކެއް ރުޠުބާ ހަދާފައި ވެއެވެ.
‘ޕެޓްރިކްޓާ’ ބްރޭންޑްގެ މޭކަޕް އަދި ކޮސްމެޓިކްސް ސާމާނު ވެސް ބާޒާރަށް ނެރެމުން އަންނަ މޭކަޕް އާޓިސްޓް ޕެޓްރިކް ޓާ އަކީ މަޝްހޫރު އެތަކެއް ސެލެބްރިޓީން ތަކެއްގެ މޭކަޕްކޮށްފައިވާ އާޓިސްޓެކެވެ. އެގޮތުން އެޑްރިއާނާ ލިމާ، ބެއްލާ ހަޑީޑް، އެލެސެންޑްރާ އަމްބްރޯސިއޯ، އެރިއާނާ ގްރާންޑޭ، ޓެއިލާ ހިލް، ޖީޖީ ހަޑީޑް، ރޯސީ ހަންޓިންގްޓަން، ޝޭ މިޝެލް، ހެއިލީ ސްޓޭންފެލްޑް ފަދަ އެތަކެއް ބައިވަރު ސެލެބްރިޓީން ހިމެނެއެވެ.
މޭކަޕް ކިންގް ޕެޓްރިކް ޓާގެ ދަޢުވަތަކަށް ޕެޓްރިކް ޓާ ހިންގާ ‘މޭޖާރ މާސްޓަރ ކްލާހެއް’ގައި ދިވެހި މޭކަޕް އާޓިސްޓް ރުޠުބާ ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ހަމަ ގައިމުވެސް މި ފަންނުގައި ހަރަކާތްތެރިވާ ފަރާތަކަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކާ އުފަލެކެވެ.
“އަސްލު އަޅުގަނޑަކަށް ނޭނގޭ އެމީހުންނަށް އަޅުގަނޑު ފެނުނީ ކިހިނެއް ކަމެއް. މީގެ ތިން ހަފުތާ ކުރިން އަޅުގަނޑަށް ލިބުނީ ޕެޓްރިކް ޓާ ފައުންޑޭޝަނުން ފޮނުވި މެއިލްއެއް.” މި ފުރުޞަތު ރުޠުބާ އަށް ލިބުނީ ކިހިނެއްތޯ މުނިއަވަސް އިން އަހައިލުމުން ރުޠުބާ ބުންޏެވެ.
“މިއީ މޭކަޕް ކެރިއާއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެއް. ވަރަށް ގިނަ ލުކްސް ހުންނާނެ ޕެޓްރިކް ޓާގެ ލުކްސް އިން އިންސަޕަޔާވެގެން ހަދާފަ. އަޅުގަނޑަކީ އަބަދުވެސް އޭނާގެ ވަރަށް ބޮޑު ފޭން އެއް. އަޅުގަނޑުގެ ކްލައިންޓުންނާއި ދަރިވަރުންނަށް ވެސް ޕެޓްރިކް ޓާގެ ޕްރޮޑަކްޓްތައް ވަރަށް ކަމުދާނެ. އެހެންވީމަ މިކަން އަޅުގަނޑަށް މުހިންމު ވާނެ ވަރު ވިސްނާލާ. ފުރަތަމަ ޤަބޫލުވެސް ނުކުރެވުނު، ހީކުރީ ފޭކް އީ-މެއިލްއެއް ކަމަށް. އެހެންވެ ޑަބަލް ޗެކްވެސް ކުރިން.” ޕެޓްރިކް ޓާގެ މި ފުރުޞަތަކީ ރުޠުބާގެ މޭކަޕް ކެރިއަރަށް ވަރަށް މުހިންމު ފުރުޞަތެއްކަން ބަޔާންކޮށްދެމުން ބުންޏެވެ.
ހޮލީވުޑްގެ އެންމެ ފިޔަޖަހާ ފަންނާނުންނަށް ވެސް މޭކަޕް ކޮށްދީފައިވާ ޕެޓްރިކް ޓާގެ ކުލާހުން ހަމަ ގައިމުވެސް ގިނަ ކަންތައްތަކެއް ރުޠުބާއަށް ދަސްވާނެއެވެ. މި ކުލާހަކީ ވަކި ސްޕެސިފިކް ލުކަކަށް ޚާއްޞަކޮށް ހިންގި ކުލާހަކަށް ވުމުން ރުޠުބާ ވެސް ހެދީ ބްރޯންޒް ޑިއުއީ އަދި ގްލޯއީ ލުކެއް ހުންނަ މޭކަޕެއް ކަމަށް ރުޠުބާ ބުންޏެވެ.
“މިހާރު ވަރަށް ޓްރެންޑިންގ ލުކެއް އެއީ. އޯލްމޯސްޓް ލައިކް އަ ވެޓް ލުކް.” ރުޠުބާ ހެދި މޭކަޕާމެދު ބުންޏެވެ.
ރުޠުބާ އަކީ މޭކަޕްގެ ހުރިހައި ވައްތަރެއްވެސް ހަދަމުން އަންނަ ޒުވާން އާޓިސްޓެކެވެ. ‘އައިފިލްމްސް’ގެ ފުރަތަމަ ފިލްމު “ބަވަތި” ގައި ގްލޭމަރ މޭކަޕާއި ސްޕެޝަލް އިފެކްޓް މޭކަޕް ހަދާފައިވެއެވެ. އޭގައި ހަދާފައިވާ ސްޕެޝަލް އިފެކްޓް މޭކަޕްތަކަށް ބެލުންތެރިންގެ ތަރުހީބު އޮހިގެން ދިޔައެވެ.
ދެން އޮތީ ރުޠުބާގެ ހުނަރު އިތުރަށް ފެނިގެންދާނެ އަނެއް މަސައްކަތެވެ. ‘އައިފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ”ގައި ނުޒޫގެ ގިނަ ލުކްސްތަކެއް ފެންނާނެއެވެ. ވަރުގަދަ ޒަޚަމްތައް ހިމެނޭ ޚާއްޞަ މޭކަޕްތައް ވެސް ފެންނާނެއެވެ. މީގެ އިތުރުން މިވަގުތު ރުޠުބާ މަސައްކަތްކުރަމުން އަންނަނީ ‘އައިފިލްމްސް’ގެ ބިރުވެރި ސީރީޒްގެ މަސައްކަތެވެ. ހަމަ ގައިމުވެސް އެ ސީރީޒުން ވެސް ތަފާތު، މޮޅު މޭކަޕްތަކެއް ފެނިގެންދާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!