މި އަހަރު އުފެއްދި ރެކޯޑް ލޭބަލް “ޑީބީ ރެކޯޑްސް” އިން އެމީހުންގެ ފުރަތަމަ އަލްބަމްގެ މަސައްކަތް މިއަހަރު ނޮވެންބަރު މަހު ފަހު ކޮޅު ފަށާނެކަމަށް ބުނެފިއެވެ.

މި އަލްބަމްގައި ޖުމްލަ 07 ލަވަ ހިމެނުމުގެ އިތުރުން ވަރަށް ހާއްސަ ކަންތައްތަކެއް ވާނެ ކަމަށް “ޑީބީ ރެކޯޑްސް”ގެ ސީއީއޯ އަޙްމަދު ފަތީން މުނިއަވަސް އަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އުމުރުން އަހަރެއް ނުވާ “ޑީބީ ރެކޯޑްސް” އިން މިހާތަނަށް ޖުމްލަ ހަތަރު ލަވަ، މިއުޒިކް ސްޓްރީމިން އެޕް ލަވަފޮށީގައި ރިލީސްކޮށްފައި ވެއެވެ.

“ޑީބީ ރެކޯޑްސް”ގެ ފުރަތަމަ އަލްބަމްގެ ލަވަތަކުގެ ލިރިކްސް ހަދާ ނިމިފައިވާ ކަމަށާއި މި އަލްބަމުން މުޅިން އައު 03 އާރޓިސްޓެއްގެ އަޑު އިވިގެން ދާނެ ކަމަށްވެސް ފަތީން ބުނެއެވެ. މި އަލްބަމްގެ މަސައްކަތް ނޮވެންބަރު މަހުގައި ފަށަން ނިންމާފައިވީ ނަމަވެސް އަލްބަމްގެ ލަވަތައް ކިޔާ އާޓިސްޓުންގެ ތެރެއިން ދެ އާޓިސްޓަކު ވޮއިސް ކޯޗިން ހަދަމުން ދާތާ ތިން މަސް ވެއްޖެ ކަމަށާއި މި ދެ އަޑުގެ ވެރިން ކޯޗިން ކޯހެއް ހަދަން ފޮނުވާފައި ވަނީ މުޝްތާގްގެ އިރުޝާދުގެ މަތިން ކަމަށް ފަތީން ބުނެއެވެ.

“އަސްލުގަ މި އާރޓިސްޓުންނަކީ މިހާރު ވެސް މަޝްހޫރު ދެ ލަވަކިޔުންތެރިން ނަމަވެސް މުޝްތާގަށް އެމީހުންގެ އަޑު އެއަށް ވުރެ މާ ބޮޑުތަނުން ރަނގަޅު ކުރެވޭނެ ކަން ޔަގީން ކުރެވޭތީވެ އެގޮތުން އެމީހުންނަށް ލަފާދިނީ.” ވޮއިސް ކޯޗިން ހެދުމަށް ދެ އާޓިސްޓުން ފޮނުވި ސަބަބު ހިއްސާކުރަމުން ފަތީން ފާހަގަކުރިއެވެ.

”ޓައިމް’ އިން ޓްރެއިނިން ހޯދަމުން އަންނަ 2 ލަވަ ކިޔުންތެރިންގެ ޕްރޮގްރެސް އަޅުގަނޑުމެން މި ދަނީ ބަލަމުން. އަދި ނޮވެންބަރު ނިމޭ ތާނގަ އެމީހުންގެ ވޮއިސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް އައިސްފަ ހުންނާނެ ކަމަށް އުންމީދު މި ކުރަނީ.” ޓްރެއިނިން އަށް ފޮނުވާފައިވާ އާޓިސްޓުންނާ މެދު ޑީބީ ރެކޯޑްސް އިން ކުރާ އުއްމީދާ އެއްވަރަށް އާޓިސްޓުންގެ ކަންކަން އެމީހުން އަންނަނީ ގާތުން ބަލަމުންނެވެ.

މި އަލްބަމްގެ މަސައްކަތް ކުރާނީ މުޝްތާގަށް އެންމެ ކަމުދާ ކޮމްޕޯސަރ ކަމަށްވާ ޝާޒް ސައީދުއެވެ.

“ޝާޒް އަކީ މިހާތަނަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ފަރާތެއް.” ސާޒްގެ އެހީތެރިކަން ފާހަގަކުރަމުން ފަތީން ބުންޏެވެ.

ޝާޒް ސައީދު އާއި މުސްތާޤް މޫސާ

“މި އަލްބަމަކީ މުޝްތާގް މިއުޒިކުގައި މަސައްކަތް ކުރާނެ ފަހު އަލްބަމް ކަމަށް ވެސް މުނިއަވަސް އަށް ފަތީން ބުންޏެވެ.

“މި އަލްބަމް އަށް ފަހު މުޝްތާގް މިއުޒިކާ ދުރަށް ދާން ނިންމާފައި ވާކަން މުޝްތާގްގެ ދަރިފުޅު އިއްޔާ ވެސް މުނިއަވަސްއަށް ކަށަވަރުކޮށްދިނެވެ.

މި އަލްބަމުގެ ހާއްސަ ކަންތަކުގެ ތެރޭގައި އަލްބަމަށް ކިޔާ ނަމަކީ ކޮބައިތޯ މިވަނީ ކިޔުންތެރި ދިމާ ކުރުމަށް ފުރުޞަތު ހުޅުވާލާފައެވެ.

“އެގޮތުން ޗޮއިސް ސުވާލެއްގެ ގޮތުގައި 5 ނަމެއް އަޅުގަނޑުމެން ދޭނަން. އެތަނުން ތިޔަ ބޭފުޅުންގެ ތެރެއިން ރަނގަޅު ނަން ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ.”

އެހެން ނަމަވެސް މި ސުވާލަށް ޖަވާބު ދިނުމަށް، މި ކުއިޒުގައި “އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް” އާ ގުޅުން ހުރި އެއްވެސް ފަރާތަކަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް ފަތީން ބުނެއެވެ.

“ޑީބީ ރެކޯޑްސް” ގެ ފުރަތަމަ އަލްބަމަށް ކިޔަން ނިންމާފައިވާ ނަން ތަކަކީ:-

1. ނަޣްމާ
2. ނައުމާ
3. ނުހާ
4. ރަފާ
5. ސޮއްފަ، މި ފަސް ނަމެވެ.

މި ސުވާލަށް ޖަވާބު ދޭން ބޭނުންވާ ފަރާތްތަކުން ޑިސެންބަރ 31ގެ ކުރިން “އިއްޔާ ރެކޯޑްސް” އާ “ޑީބީ ރެކޯޑްސް” ގެ ފޭސްބުކް ޕޭޖަށް މެސެންޖާގެ ޒަރިއްޔާ އިން ޖަވާބު ފޮނުވަމުން ގެންދިއުމަށް ދެ ރެކޯޑް ލޭބަލް އިން އެދެއެވެ.

މީގެ އިތުރުން ދެ ރެކޯޑް ލޭބަލްގެ މަސައްކަތްތައް މުނިއަވަސް އާ ހިއްސާކުރަމުން ފަތީން ބުނީ އެތަކެއް ވީޑިއޯ ލަވަތަކެއްގެ ޝޫޓިން ވެސް ކޮވިޑް-19އާ ގުޅިގެން ހުއްޓިފައިވާ ކަމަށެވެ. ލ. އަތޮޅު، އައްޑޫ ސިޓީ އަދި ފޯއްމުލަކުގައި ޝޫޓް ކުރަން ނިންމާފައިވާ ލަވަތައް ވަނީ ދަތުރުފަތުރު ހުއްޓިފައި ވާތީ ކުރިއަށް ނުގެންދެވިފައި ކަމަށް ފަތީން މައުލޫމާތު ދީފައި ވެއެވެ. ދަތުރުފަތުރުގެ ނިޒާމު އާއްމު ހާލަތަށް ރުޖޫއަވީހާ އަވަހަކަށް މި ލަވަ ތަކުގެ ޝޫޓިން އަލުން ފެށޭނެ ކަމަށް ވެސް ދެ ލޭބަލްގެ ފަރާތުން ވާހަކަދައްކަމުން ފަތީން މަޢުލޫމާތުދީފައި ވެއެވެ.

“އިއްޔާ ރެކޯޑްސް” އާއި “ޑީބީ ރެކޯޑްސް” އަކީ މުނިއަވަސް އަށް ގިނަގުނަ އެހީ ތަކެއް ވެދެމުން ދާ ފަރާތެއްކަން ފާހަގަކޮށްލަމެވެ.

މިދެ ލޭބަލްގެ ވެސް ފަޚުރުވެރި މީޑިއާ ޕާރޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.