މި ހަރުފައިގެ ދެ ބޮލުގެ މަސައްކަތުގައި މާާ ބޮޑު ގުޅުމެއް ނުވޭ. ދެ ބޯ ހަރަކާތް ކުރަނީ ދެކޮޅަށް!

އެމެރިކާގެ ފްލޮރިޑާ ރައްޔިތެއް ކަމަށްވާ ކޭ ރޮޖާރސް ބުނީ އެމީހުންގެ ބުޅާ އަބަދުވެސް ހަދިޔާގެ ގޮތުގައި ބޭރުން އެއްޗެހި ގެނެސްދޭ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެސޮރު ގެނެސްދިނީ ވަރަށް އާދަޔާޚިލާފު ހަދިޔާއެކެވެ. ގެނެސްދިނީ ދެ ބޯ ހުރި ހަރުފައެކެވެ.

“އެދުވަހު އަހަރެންގެ އަންހެން ދަރިފުޅު އަހަންނަށް ފޮނުވި މެސެޖެއްގައި އޮތީ: ‘މަންމާ، މިއަދު ބުޅާ ގެނެސްދިނީ ދެ ބޯ ލީ ހަރުފައެއް.'” ރޮޖާރސް ބުންޏެވެ.

އޮލިވްގެ ނަމުން ނަންދީފައިވާ މި ބުޅާ، އެ ހަރުފަ ގެނެސް ވެއްދީީ ކުއްތާ ވަދެ ނުކުމެ ހެދުމަށް ހަދާފައިވާ ދޮރުންނެވެ. ހަރުފަ ގެނެސް ކާޕެޓް މަތީގައި ބޭއްވިތަން ފެނުނީ ރޮޖާރސްގެ އަންހެން ދަރިފުޅަށެވެ. ބުޅާ ގެނައީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. އެއީ ދެ ބޯ ލީ ހަރުފައެކެވެ.

“އަސްލު އަހަރެން ހީކުރީ މަގޭ ދަރި މަޖަލަކަށް ބުނި އެއްޗެއް ކަމަށް. މަށަށް ވެސް އެ ހަރުފަ ފެނިފަ ލިބުނީ ހައިރާންކަން. އެކަހަލަ އެއްޗެއް މީގެ ކުރިން ދުވަހަކުވެސް ނުދެކެން.” ކޭ ރޮޖާރސް ބުންޏެވެ.

ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑް ލައިފް ކޮންސަރވޭޝަން ކޮމިޝަނުން ބުނީ އެއީ ‘ސަދަރން ބްލެކްް ރޭސަރ’ ހަރުފައެއް ކަަމަށެވެ.

މިގޮތަށް ހަރުފައިގައި ދެ ބޯ ހުރުމަށް ކިޔަނީ ‘ބައިސެފަލީ’ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުވާކަމެއް ކަމަށާއި މިފަދަ ހަރުފަ އުފެދެނީ ދެ މޮނޮޒައިގޮޓިކް ޓްވިންސް އުފެދެމުން އަންނައިރު، އެ ދޭތި ވަކިނުވެ އެކުވުމުން ކަމަށް ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑް ލައިފް ކޮންސަރވޭޝަން ކޮމިޝަނުން ފޭސްބްކްގައި އެ ހަރުފައިގެ ފޮޓޯތައް އާއްމުކުރަމުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ މިފަދަ ހަރުފަ، ޖަންގަލި ތެރޭގައި މާ ގިނަ ދުވަހަކު ދިރިނޫޅެވޭނެކަމަށާއި އޭގެ ސަބަބަކީ ދޭތީގެ ދެ ސިކުޑިން މަސައްކަތް ކުރަނީ ދެ ގޮތަށް ކަމަށް ވެފައި ކަންކަން ނިންމުމުގައި ދެ ބޮލަށް އެއްގަލަކަށް ނޭރޭތީ ކަމަށްވެސް ބުނެއެވެ.

މި ވަގުތު އެ ހަރުފަ ބާއްވާފައި އޮތީ ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑް ލައިފް ކޮންސަރވޭޝަން ކޮމިޝަނުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.