މި ވީޑިއޯއިން ފެންނަނީ އާދަޔާޚިލާފަށް ދިގު އަދި ބޮޑު އެނަކޮންޑާ ހަރުފައެއް، ކޯރެއްގެ އެއް ފަޅިން އަނެއް ފަޅިއަށް ހުރަސްކުރާ މަންޒަރެވެ. ޔޫޓިއުބް، ފޭސްބްކްް އަދި ޓްވިޓާގައި ވައިރަލް ވެފައިވާ މި ވީޑިއޯއިން ފެންނަނީ 50 ފޫޓް ދިގު އެނަކޮންޑާއެއް ކަމަށް ބުނެއެވެ. އެ ހަރުފަ އޮތީ ބްރެޒިލްގެ ކޯރެއްގައި ކަމަށް ވެސް ވީޑިއޯ ޕޯސްޓްކުރި ފަރާތްތަކުން ބުނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިއީ އަސްލެއްބާއެވެ؟ ނުވަތަ ފޭކް ވީޑިއޯއެއްބާއެވެ؟
މި ވީޑިއޯއަކީ އަލަށް ފެންމަތިވެގެން އުޅޭ ވީޑިއޯއެއް ނޫނެވެ. މި ވީޑިއޯ އެންމެ ފުރަތަމަ އާއްމުވީ 2018ގައެވެ. އެއަށްފަހު މިހާރު އާއްމުކޮށްގެން އުޅޭ ވީޑިއޯ ވަނީ ކްރޮޕްކޮށްލާފައެވެ. އެހެން ވީޑިއޯއެއް ކަމަށް ދެއްކުމަށެވެ. ވީޑިއޯ އާއްމުކުރަމުން ބުނެފައިވަނީ މިއީ ބްރެޒިލްގެ ޒިންގޫ ކޯރުގައި އޮތް ހަރުފައެކެވެ.
މި ވީޑިއޯ އަލުން ޕޯސްޓްކޮށްފައި މިވަނީ ވަރަށް މަޝްހޫރު ޓްވިޓަރ އެކައުންޓަކުން މިމަހު 30 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ވީޑިއޯ ޕޯސްޓުކުރަމުން ބުނީ؛ “50 ފޫޓަށް ވުރެން ދިގު އެނަކޮންޑާ ހަރުފައެއް މިވަނީ ބްރެޒިލްގެ ޒިންގޫ ކޯރުން ފެނިފަ.”
An anaconda measuring more than 50 feet found in the Xingu River, Brazil pic.twitter.com/FGDvyO76sn
— The Dark Side Of Nature (@Darksidevid) October 30, 2020
މައިކްރޯބްލޮގިން މަންސަތަކުގައި އާއްމުކޮށްފައިވާ މި ވީޑިއޯއަށް 07 ލައްކައަށް ވުރެން ގިނަ ވިއުޒް ލިބިފައި ވެއެވެ. ވީޑިއޯގައި ފެންނަނީ 50 ފޫޓު ދިގު އެނަކޮންޑާ ހަރުފައެއް ކަމަށް ބުނެފައިވިޔަސް، އެހާ ދިގު އެނަކޮންޑާ ނުހުންނަ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.
ފެކްޓް-ޗެކިން ވެބްސައިޓެއް ކަމަށްވާ ‘ދެޓްސް ނޮންސެންސް‘ އިން ބުނީ މި ވީޑިއޯ އެންމެ ފުރަތަމަ އަޕްލޯޑްކޮށްފައި ވަނީ 2018 ވަނަ އަހަރު އޭޕްރީލް މަހުގައި ކަމަށެވެ. އޭރު އެ ވީޑިއޯ އަޕްލޯޑް ކުރަމުން ބުނެފައިވަނީ ‘މާސިންގާ އެނަކޮންޑާއެއް މަގެއް ހުރަސްކުރަމުން ދަނީ’ މިހެންނެވެ. ވީޑިއޯ ނަގާފައިވަނީ ކޮން ތަނެއްގައި ކަމެއްވެސް ބުނެފައެއް ނުވެއެވެ. އެ ވީޑިއޯ ވެސް ބަލައިލަމާ ހިނގާށެވެ.
މި ވީޑިއޯ އާއި ކުރިން ހިއްސާކުރި ވީޑިއޯއާއި އަޅައިކިޔާލުމުން އެނގެނީ 50 ފޫޓް ދިގު އެނަކޮންޑާ ވީޑިއޯއަކީ މި ވީޑިއޯ ސްޓްރެޗްކޮށްލައިގެން ނުވަތަ ދަމާލައިގެން ހަދާފައިވާ އެޑިޓެއް ކަމެވެ. ވީޑިއޯ ދަމައިލުމުން ހަރުފައިގެ ސައިޒުވެސް ބޮޑުވާނެ ދޯއެވެ.
ޚަބަރުފަތުރާ ވެބްސައިޓެއް ކަމަށްވާ ކޯ އިން ޔަޤީންކަން ދެމުން ބުނީ މި ވީޑިއޯގެ އަސްލު ކްލިޕަކީ 2018ގައި އާއްމުކުރި ވީޑިއޯއެއް ކަމަށާއި އެ ވީޑިއޯގައި ފެންނަނީ މަގެއްމަތިން ހުރަސްކުރާ ހަރުފައެއް ކަމަށެވެ.
އެހެންކަމުން 50 ފޫޓު ދިގު އެނަކޮންޑާ ހަރުފައެއް ކަމަށް ބުނާ ވީޑިއޯއަކީ ފޭކް ވީޑިއޯއެކެވެ. މިއީ ކޯރެއް ހުރަސްކުރަމުން ދިޔަ ހަރުފައެއްގެ ވީޑިއޯއެއްވެސް ނޫނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!