ކޮމިކް ސްޓައިލެއްގައި އިޝްތިހާރުތައް ހުރުމަކީ، އެ އިޝްތިހާރުން ދޭން ބޭނުންވާ މެސެޖް އެންމެ ފަސޭހައިން ބޮލުގައި ހަރުލެއްވުމަށް އޮތް އެންމެ ފައްކާ އުކުޅެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ނެރެން ފަށާފައިވާ ވީޑިއޯ ސްޕޮޓްތަކުން މިފަހަރު ވެސް ނެރެފައިވަނީ ކޮމެޑީ ސްޓައިލް ވީޑިއޯއެކެވެ.

‘މަރިޔަނބު އުޅޭހެން އުޅެބަލަ!’ ޓެގްލައިންގައި މިފަހަރު ގެނެސްދީފައިވަނީ “ގޭގެއަށް ޒިޔާރަތްކުރަންތަ؟” ނަމުގައި ހަދާފައިވާ ވީޑިއޯ ސްޕޮޓެކެވެ.

މިފަހަރުގެ ވީޑިއޯގައި ފެންނަނީ މަރިޔަނބުގެ އާއިލާއާ ބައްދަލުކުރަން ގެއަށް މީހަކު އަންނާތީ، ގޭގެ ދޮރުގައި ގޮނޑި މޭޒުފަދަ ތަކެތި ޖައްސައިގެން ތިބޭތަނެވެ. ގެއަށް އައި މީހާ ގެއަށް ނުވައްދާ ރަނގަޅު މެސެޖްތަކެއް މަރިޔަނބުގެ ފަރާތުން އާއްމުންނަށް ދޫކޮށްލައެވެ.

މިފަހަރުވެސް މަރިޔަނބުގެ ކެރެކްޓަރ ކުޅެފައިވަނީ މަޝްހޫރު އެކްޓްރެސް އައިންތު ރަޝީދާ އެވެ. އައިންތުގެ މޮޅު އަދި މަޖާ އެކްޓިންއާ އެކު މި އިޝްތިހާރު ބަލައިލާ، ވީހާވެސް ގިނަ ބަޔަކާ ހިއްސާކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

އެޗްޕީއޭ އިން މީގެ އިތުރުން ވެސް މުހިންމު އެހެން އިޝްތިހާރެއްވެސް ނެރެފައި ވެއެވެ. ޓެކްސީ ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކޮމިކް ސްޓައިލްގައި ގެނެސްދީފައިވަނީ ވަރަށް ފުރިހަމައަށްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.