ދިވެހިފިލްމު ބެލުންތެރިން އެ ފިލްމަކަށްޓަކައި މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދާނީ ކޮން ފިލްމަކަށް ހެއްޔެވެ؟ ގައިމުވެސް ނޯޓީ40 ބެލި ހަމަ ކޮންމެ މީހަކުވެސް މިހާރު އެއްވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދާނީ ‘ފޯޓީ ޕްލަސް’ ރިލީޒް ވާނެ ދުވަހަކަށެވެ. އެކަމަކު އަދި ކުޑަދުވަސްކޮޅެއް ވާންދެން ކެތްކޮށްލަން އެބަޖެހެއެވެ. ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު، ފިލްމުގެ އިންތިޒާރުގައި ތިބި މީހުން އެނގެން ބޭނުންވާނެ އެހެން ކަމެއްވެސް އެބަ އޮތެވެ.
‘ފޯޓީ ޕްލަސް‘ އަށް އަލަށް ނެގީ ކޮން ބައެއް ހެއްޔެވެ؟ އެ ކުދިންނަށް ފިލްމުގެ ޕްރޮޑިއުސަރ ޝަފީޤް އާއި ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ އަށް ކަމުދާ ވަރުގެ އެކްޓިން އެއް ދެއްކޭނެ ހެއްޔެވެ؟ އެކުދިންގެ މަސައްކަތް ބެލުންތެރިންނަށް ކަމުދާނެ ހެއްޔެވެ؟ އަލަށް ފިލްމީ ދާއިރާ އަށް ޔޫއްޕެ އާއި އޭނާގެ ޓީމުން މި ނެރޭ ހަ ތަރިންނަކީ ވަރަށް ސަޅި ކުދިންކޮޅެއް ހެއްޔެވެ؟ ވަރަށް ގިނަ ސުވާލު ތަކެއްދޯ އެވެ.
‘ފޯޓީ ޕްލަސް’ ގެ އާ ކާސްޓް ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާ ތަކަށް މި އާއްމު ކޮށްލަނީ ދިވެހި ފިލްމީ، މިއުޒިކީ އަދި ފަންނުވެރިކަމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަކޮށް ހިންގަމުން އަންނަ އޮންލައިން ނޫސް ‘މުނިއަވަސް‘ އިން ވަރަށް ފަޚްރުވެރިކަމާއި އެކުގައެވެ.
‘ފޯޓީ ޕްލަސް’ ގެ އާ ކާސްޓުންނާއި ބައްދަލުކޮށްލަމާ ހިނގާށެވެ. މާ ބޮޑު ތަފްޞީލަކަށް އަދި މިވަގުތަކު ނުދާނަމެވެ. ނަމަވެސް އާ ކާސްޓުން މީޑިއާ އަށް ފުރަތަމަ ފަހަރަށް ތަޢާރަފު ކުރުމުގެ ގޮތުން ފިލްމުގެ ޑައިރެކްޓަރ/އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ވަނީ ޚާއްޞަ ބަސްދީގަތުމެއް މުނިއަވަސް އަށް ދީފަ އެވެ. ފިލްމު ބަލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންގެ ހިތުގައި އުފެދިފައިވާ ބައެއް ސުވާލު ތަކަށްވެސް ޔޫއްޕެ ވަނީ ޖަވާބު ދީފަ އެވެ.
ފޯޓީ ޕްލަސް ގައި ފަޒްނާ ގެ ރޯލުން ފިލްމީ ދާއިރާ އާއި މުޅިން އަލަށް ގުޅޭ އާމިނަތު ޒިޔާދާ އަކީ ނެށުންތެރިޔާ އަދި ފިލްމީ ތަރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ އަނބިމީހާ އެވެ.
އާމިނަތު ސަމުއާ އަކީ ފޯޓީ ޕްލަސް ގައި ޝާއިރާ ގެ ރޯލުން ފެނިގެންދާނެ ތަރިއެކެވެ. ފިލްމީ ދާއިރާ އާއި މުޅިން އަލަށް ގުޅޭ ކުއްޖެކެވެ.
މިޝްކާ އާއި ބައްދަލުކޮށްލަމާ ހިނގާށެވެ. މި ބުނީ މިއީ ފޯޓީ ޕްލަސް ގައި މިޝްކާ އެވެ. އަސްލު ނަމަކީ ހުނޭޝާ އާދަމް ނަސީރު އެވެ. ހުނޭޝާ އެކޭ އެއްވަރަށް ނަމަކީ ވެސް ސަޅި، ތަފާތު ނަމެއްދޯ އެވެ. މިއީވެސް ފިލްމީ ދާއިރާ އާއި މުޅިން އަލަށް ގުޅޭ ޒުވާނެކެވެ.
ދެން މިހުރީ އިރުފާނާ އިބްރާހީމް އެވެ. ފޯޓީ ޕްލަސް ގައި އިރުފާނާ އަކީ ޝަމްރާ ކަން މިހާރުން ފެށިގެން ހަނދާނުގައި ބައްހައްޓާށެވެ. ޝަމްރާ އަކީވެސް މި ދާއިރާ އަށް ހަމަ މުޅިން އަލަށް ތަޢާރަފްވާ ޒުވާނެކެވެ.
ނޯޓީ40 އަށް ފޯރިހުރި އަންހެންކުދިން މިހާރު ތިބޭނީ ކުޑަކޮށް ދެރަވެފައި ކަމަށްވެސް ވެދާނެ އެވެ. އެކުދިން ބޭނުންވާ ކަހަލަ ޒުވާން ފިރިހެން ކުއްޖެއް ފޯޓީ ޕްލަސް ގެ އާ ކާސްޓުގައި ހަމަ ނުހިމެނީހޭ ހިތަށް އަރައިވެސް ފާނެއެވެ. ކަންބޮޑު ނުވާށެވެ. ބައްސާމް އަހްމަދު އަކީ ފޯޓީ ޕްލަސް ގެ އާ ކާސްޓުގައި ހިމެނޭ ފިރިހެން ތަރިއެވެ. ފިލްމުގައި ބައްސާމް ކުޅޭނީ ފައިރޫޒް ގެ ކެރެކްޓަރ އެވެ.
އަދި އެއް ކުއްޖެއް އެބަހުރިދޯ އެވެ. މިއީ ހަމަ ގައިމުވެސް ސަޅި ހިނިތުންވުމެއްގެ ވެރިއެކެވެ. މިއީ މަރިޔަމް ޝިފާ އެވެ. ފޯޓީ ޕްލަސް ގައި މަރިޔަމް ޝިފާ އަކީ ލައިލާ އެވެ. ޝިފާ އަކީ ފިލްމު ‘ދެވަންސޫރަ’ އިން އަލަށް ތަޢާރަފް ކުރުމަށް ޔޫއްޕެ ރެޑީކޮށްފައި ހުރި ކުއްޖެކެވެ.
ފޯޓީ ޕްލަސް ގެ އާ ތަރިންނާއިމެދު ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ބުނާ އެއްޗެއްވެސް ބަލައިލަން ވާނެ ދޯ އެވެ. ޔޫއްޕެ ބުނީ މިކުދިންނަކީ ފިލްމުގެ ކެރެކްޓަރ ރޯލުތަކަށް ނަގާފައިވާ ކުދިން ކަމަށާއި އެކުދިން ނަގާފައިވާނީ ސްކްރީން ޓެސްޓެއް ދިނުމަށްފަހުގައި ކަމަށެވެ.
“ސްކްރީންޓެސްޓް ކުރިއިރުގަ ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ދިން ރޯލަށް ހަމަ ވަރަށް ފިޓް.” ޔޫއްޕެ އިތުރަށް ބުނީ މި ކުދިންނަކީ އާކުދިންނަށް ވުމުން ކޮންމެވެސް ވަރެއްގެ ބިރުގަތުމެއް ހުރިނަމަވެސް ހޮވާފައި މިވަނީ ހަމަ އެންމެ ރަނގަޅު ކުދިންނަށް ބަލާފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި ފިލްމަށް އާކުދިން ހޮވާފައިވަނީ ފޯޓީ ޕްލަސް ފޭސްބްކް ޕޭޖް މެދުވެރިކޮށް ހުޅުވައިލި ފުރުޞަތުގައި އެކަމަށް ކުރިމަތިލި 100 އަށްވުރެން ގިނަކުދިންގެ ޕްރޮފައިލް އަށް ބަލައި ފިލްމުގެ ރޯލުތަކާއި ގުޅޭނެކަމަށް ބަލެވުނު 30 ކުދިން ގެނެސް ސްކްރީންޓެސްޓް ހެދުމަށްފަހުގަ އެވެ.
އާކުދިންތަކެއް ލައިގެން ފިލްމު ޝޫޓް ކުރުމުގައި ދިމާވާ ކަންތައްތަކާއި މެދު ސުވާލު ކޮށްލުމުން ޔޫއްޕެ ބުނީ ކޮންމެވެސް ވަރެއްގެ ވަގުތުކޮޅު ތަކެއް ނަގާކަމަށެވެ. ޕްރޮފެޝަނަލް ސްޓާރުން ނަށް ޝޮޓްތައް ބުނެދިނުމުން ނަގައިގަނެވޭހާ ފަސޭހައިން މި ކުދިންނަށް ފުރަތަމަކޮޅު ނަގައި ނުގަނެވޭނެކަން ޔޫއްޕެ ގަބޫލު ކުރެ އެވެ. ނަމަވެސް ޔޫއްޕެ ހުރީ އަލަށް މި ދާއިރާ އަށް ކުދިން ތަކެއް ނެރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިކަން ޔޫއްޕެގެ ވާހަކަތަކުން އެނގުނެވެ.
ފިލްމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް ތަރިންނާއި އެއްހަމައެއްގައި ހިފަހައްޓާލެވޭވަރުގެ އެކްޓިން އެއް އަލަށް ނެގި ކާސްޓަށް ދެއްކިދާނެކަމަށް ޤަބޫލުކުރަންތޯ ސުވާލުކޮށްލުމުން، ޔޫއްޕެ ދިން ޖަވާބުން އެނގުނީ ޔޫއްޕެ އަށް އެކުދިންނާއި މެދު އޮތް ޔަޤީންކެމެވެ.
“އިރާދަކުރެއްވިއްޔާ އެކުދިންލައްވާ ކުރުވާނަން ހަމަ. އަހަރެން ބޭނުންވާ ފެންވަރަށް އެކުދިންނަށް އެބަ ޖައްސުވަން ހަމަ.” އެހެން ނަމަވެސް އެކުދިންނަށްވެސް ނުކުރެވޭ ވަރުގެ ކަންތައްތައް ވެސް ހުންނާނެ ކަން ގަބޫލުކުރާ ކަމަށާއި އެކަމަކުވެސް އެކުދިންގެ މެކްސިމަމް އެކުދިންނަށް ޕާފޯމް ކުރެވޭވަރު ބަލާފައި، ހުއްޓާލާނީ އެ ފެންވަރަށް ޝޮޓް ޖެއްސުމުން ކަމަށްވެސް ޔޫއްޕެ ބުނެއެވެ.
ފޯޓީ ޕްލަސް ގެ ޝޫޓިން ކުރިއަށްގޮސްފައިވާ ގޮތާއި މެދު ޔޫއްޕެ ބުނީ ޝެޑިއުލް އާއި އެއްގޮޮތަށް، އެ ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
ފޯޓީ ޕްލަސް އަށް ހޮވި އާކުދިން މިކަމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބިކަން ޔޫއްޕެ ފާހަގަކޮށްލީ އުފަލާއި އެކުގައެވެ.
“މިކުދިން ވަރަށް ބޮޑަށް ޕްރެކްޓިސްކޮށް ހަދާ. ވަރަށް ބޮޑަށް އެކްޓިންގެ ތެރެއަށް ވަދެ ތިބެގެން ޝޫޓިން އަށް އަންނަކަން ފާހަގަކޮށްލަން ބޭނުންވޭ.”
ފިލްމީ ދާއިރާއަށް އާ ތަރިން ނެރުމަށް ފިލްމީ ދާއިރާ ގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރާ ފަންނާނަކީ ޔޫއްޕެ އޭ ބުންޏަސް އެއީ އެހެން މީހުންނަށް ބުނެވޭ ކުޑައިމީސް ބަހަކަށް ހަމަގައިމުވެސް ނުވާނެ އެވެ. ހަމަ އެކަނި މި ނިމޭ އަހަރަށް ބަލައިލިޔަސް ޔޫއްޕެ އަކީ މި ދާއިރާ އަށް އާ ފަންނާނުން އެންމެ ގިނައިން ނެރުނު މީހާ އެވެ. އަދި އަންނަ އަހަރުވެސް ދެ ފިލްމަކުން މުޅިން އާތަރިންތަކެއް މި ދާއިރާ އަށް ޔޫއްޕެ ނެރޭނެކަން މުނިއަވަސް އަށް ވަނީ އެނގިފައެވެ. އަންނަ އަހަރު ޔޫއްޕެ ގެ ޑައިރެކްޝަން އާއި އެކު ނިކުންނާނެ ފިލްމު ތަކުގެ ތެރެއިން ފޯޓީ ޕްލަސް އާއި ދެވަންސޫރަ ފާހަގަ ކޮށްލެވެއެވެ.
ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭ އަކަށް ތައްޔާރުކުރާ ފޯޓީ ޕްލަސް ގައި ވެސް މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40 ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. މީގެ އިތުރުން، ނޯޓީ40 ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް ވެސް ފޯޓީ ޕްލަސްގައި ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން އަޙްމަދު އީސާ (އާނަންދު) އަދި މަރިޔަލް ޝަކީލާ (ޝަކިއްތަ) ވެސް މި ފިލްމުގައި ހަރަކާތްތެރި ވެއެވެ.
އެކްސްކްލޫސިވް ކޮށް އެންމެ ފުރަތަމަ ފަހަރަށް ފޯޓީ ޕްލަސް އަށް އަލަށް ނެގި ކާސްޓް މުނިއަވަސް އިން ގެނެސްދިން ގޮތަށް، ފޯޓީ ޕްލަސް ގެ އެންމެ ފަހުގެ ޚަބަރުތަކާއި މަޢުލޫމާތު ތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގެނެސްދިނުމަށްވަނީ ނިންމާފަ އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ހުރި ‘ފޯޓީ ޕްލަސް’ ގެ ޕްރޮޑިއުސަރ ޝަފީޤް ބުނީ މި ސްޓާރުން މުނިއަވަސް އިން އެންމެ ފުރަތަމަ މީޑިޔާ އަށް ހާމަކުރި ނަމަވެސް، ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާފައި ކްރޫ މާލެ އައުމަށްފަހު، ރާއްޖޭގެ ހުރިހައި މީޑިއާ އަކަށް ދަޢުވަތު ދީގެން ބޮޑު އިވެންޓެއް ބާއްވައި އެ އިވެންޓްގައި ފޯޓީ ޕްލަސް އަށް އަލަށް ނެގި ކާސްޓުން ރަސްމީކޮށް އިޢުލާނު ކުރުން ބާއްވާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!