ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އިންތިޒާމްކުރާ ‘އިޤްރާ ފޮތް މަޢުރަޒު’ މިފަހަރު ބާއްވަނީ އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓިން ބުނެފިއެވެ.

އިސްލާމީ ޔުނިވާސިޓީން ބުނީ ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން މިއަހަރު ފޮތް މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޑިސެމްބަރު މަހުގެ 01 އިން 06 އަށް އޮންލައިންކޮށް ކަމަށެވެ. މިމަޢުރަޒަކީ، ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ފޮތް މަޢުރަޒެެވެ.

މިމަޢުރަޒުގައި ބައިވެރިވުމަށް ޝާއިޢުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ އެންމެހާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލެވިފައެވެ.

މިމަޢުރަޒުގެ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޢިލްމު ފެތުރުމަށާއި އަދި މަޢުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޒުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން ޢާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ލިޔުންތެރިންނާއި ޝާއިޢުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލައިގެން ފޮތް މަޢުރަޒެއް ހިންގުން ކަމަށާއި ކިޔުންތެރިކަމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި، މި ސަޤާފަތް ދެމެހެއްޓުމަށާއި އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އައިޔޫއެމް އިން މަޢުލޫމާތު ދެއެވެ.

ފޮތް މަޢުރަޒުގެ އިތުރުން ބައެއް ޙަރަކާތްތައްވެސް އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް އިން ބުނެއެވެ. އެގޮތުން:-
1. ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުން ނުވަތަ ބުކްޓޯކް
2. ވާހަަކަ ކިޔައިދިނުން ނުވަަތަ ސްޓޯރީ ޓެލިންގ
3. ފޮތް ކިޔުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަން
4. ތަޢާރުފް ނުވަތަ ސަމަރީ ލިޔުމުގެ މުބާރާތް
5. ބުކް ރިވިއު ލިޔުމުގެ މުބާރާތް

މިމަޢުރަޒު އޮންލައިންްކޮށް ބޭއްވުމުގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ، ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއް އެކުލެވޭ ޤައުމަކަށް ވާއިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތަކަށާއި ހުރިހާ ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހުރި ތަނަކުން މި މަޢުރަޒުން ތަކެތި ގަތުމަށް މަގުފަހިވުމާއި އަދި ގިނަ ބަޔަކަށް މިމަޢުރަޒުގެ ޚިދުމަތް ލިބުމަށް ލުއިފަސޭހަވުމެވެ.

މަޢުރަޒުގައި ތަކެތި ވިއްކާ ފަރާތްތަކަށްވާނެ ފައިދާތަކެއް ހުރިކަން އައީޔޫއެމް އިން ފާހަގަކުރެއެވެ. އެގޮތުން:-

– އެފަރާތެއް އިޝްތިހާރުވުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއްކަމާ އަދި މިފޮތް މަޢުރަޒުގެ ފަރާތުން ގިނަ ބަަޔަކަށް އޮންލައިންކޮށް ދިމާވެ، ތަކެތި ޕްރޮމޯޓް ކުރުމަށް މަގުފަހިވާނެއެވެ.
– ރަށްރަށުގައި ފޮތް ވިއްކާނެ ތަނެއް ނުވަތަ ވިއްކާނެ ގޮތެއް ހަމަޖެއްސުމަކީ ކޮންމެ ފަރާތަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެ ކަމާއި، މިއޮންލައިން ފޮތް މަޢުރަޒު މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރިނަމަވެސް ފަސޭހަކަމާއެކު ފޮތް ވިއްކުމަށް މަގުފަހިވުން.
– ހޯލްސޭލްކޮށްވެސް ތަކެތި ވިއްކުމަށް ހުޅުވޭ މަގަކަށްވުމާއި، މިމަސައްކަތްކުރުމަށް ލުއިފަސޭހަވުން.
ވުމާއެކު ވީހާވެސް ގިނަ ފަރާތްތަކުން މިމަޢުރަޒުގައި ތަކެތި ވިއްކުމަށް ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.
– އަދި މިމަޢުރަޒު ސްޕޮންސަރ ކުރެއްވުމަށާއި ޕާރޓްނަރޝިޕް ގޮތުގައި މަސައްކަތްކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސްވަނީ ހުޅުވާލެވިފައެވެ.

މިމަޢުރަޒުގައި ރަޖިސްޓްރީވުމުގެ އެންމެފަހު ތާރީޚަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމްކުރި ފުރަތަމަ ފޮތް މަޢުރަޒު ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.