7 އަހަރަށްފަހު އަމީތާބް ބައްޗަންއާއި އަޖޭ ދޭވްގަން އެއް ފިލްމަކުން ފެންނާނެކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ. ކުރިން ކާމިޔާބު ފިލްމުތަކެއް އެކުގައި ކުޅެފައިވާ އަމީތާބާއި އަޖޭގެ މިފަހަރުގެ ފިލްމަކީ “މޭޑޭ” އެވެ.

ޚަބަރުތައް ބުނާގޮތުގައި އަޖޭ ހަމައެކަނި ފިލްމުގެ ލީޑް ރޯލް ކުޅެލަނީއެއް ނޫނެވެ. ފިލްމު ޑައިރެކްޓް ކުރާނީވެސް އަޖޭއެވެ. އަދި މިއީ އަމީތާބުގެ ފިލްމެއް އަޖޭ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ޚަބަރުތައް ބުނާގޮތުގައި އަޖޭ މި ފިލްމުގެ ސްކްރިޕްޓް ލިޔަމުން ދިޔައީވެސް އަމީތާބު ލައްވާ އެ ރޯލު ކުޅުވަން ގަސްތުކޮށްގެންނެވެ. އަދި އަޖޭގެ ފަރާތުން އެ ހުށަހެޅުން ލިބުމުން އަމީތާބަށް އެ ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުގޮސްގެން ފިލްމަށް އެއްބަސްވެފައިވާކަމަށް ވެއެވެ.

ފިލްމާއި ބެހޭގޮތުން މާގިނަ މަޢުލޫމާތެއް ހާމަވެފައި ނުވިނަމަވެސް ވަރަށް ގިނަ މަސްދަރުތަކުން ބުނާގޮތުގައި މި ފިލްމުގައި އަޖޭ ކުޅެނީ ޕައިލެޓެއްގެ ރޯލެވެ. އަމީތާބުގެ ރޯލާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހާމަވެފައި ނުވާއިރު ފިލްމުގެ ޓީމުންވެސް އެކަން އަދި ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންވާކަމަށް ވެއެވެ. އަދި މި ދެ ތަރިން ފިޔަވައި ފިލްމުގެ އެހެން ކާސްޓުންވެސް ފައިނަލެއް ނުވެއެވެ.

ޚަބަރުތައް ބުނާގޮތުން އަޖޭ މިހާރު ކުޅެމުން އަންނަ ފިލްމު “ބުޖް” ގެ މަސައްކަތް ނިންމާލުމަށްފަހު މިފިލްމުގެ ޝޫޓިންގ އަންނަ ޑިސެމްބަރު މަހު ހައިދަރުއާބާދުގައި ފަށާނެއެވެ. މިހާރު އަމީތާބު އުޅެނީ ސޮނީ ޓީވީން ދައްކާ މަޤުބޫލު ޝޯވ “ކޯން ބަނޭގާ ކްރޯރްޕަތީ”ގެ ޝޫޓިންގައި ވަރަށް އަވަދިނެތިއެވެ.

ފާއިތުވެދިޔަ އަހަރު އަޖޭ ގެނެސްދިން ކާމިޔާބު ފިލްމު “ތާނަޖީ: ދި އަންސަންގް ވޮރިއަރ” އަށްފަހު އަޖޭގެ ވަރުގަދަ ރޯލެއް ފެންނާނެކަމަށް އޭނާގެ ސަޕޯޓަރުން ތިބީ އުއްމީދުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.