މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގައި ބައިވެރިވެ ގިނަ ބައެއްގެ ތަރުހީބު ހޯދި އަަހުމަދު ފަރަޝް ލަވަކިޔުން ހުއްޓާލައިފި ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ލިބިއްޖެއެވެ. ލަވަކިޔުން ހުއްޓާލުމަށް ފަހު، އަޅުކަމާ ހެޔޮ އަމަލުކުރުމުގައި ކުރިއަށް ދިއުމަށް އަޒުމު ކަނޑައަޅައި އެމަގުން ހިނގުމަށް ފަރަޝްގެ އަމަލުތައް ބައްޓަންކޮށްފައިވާކަމަށް އިތުބާރުހުރި ފަރާތަކުން މުނިއަވަސް އަށް ކަށަވަރުކޮށްދެއެވެ.

“މިހާރު ފަސް ނަމާދު ޤާއިމުކޮށް ވަރަށް ޞާލިހުކޮށް އުޅެނީ.” ފަރަޝް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށް ބުނަމުން ފަރަޝްގެ ތިމާގެ މީހަކު މުނިއަވަސް އަށް ބުންޏެވެ.

ލަވަކިޔުން ހުއްޓައިލިތާ މިހާރު 09 ވަރަކަށް މަސައް ވެދާނެ ކަމަށާއި މިހާރު ފަރަޝް ކިޔަނީ މަދަހަކަމަށް ވެސް މުނިއަވަސް އަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

މީގެ އަހަރެއްހައި ދުވަސް ކުރިން ވެސް ފަރަޝް ލަވަކިޔުން ހުއްޓައިލި ކަމަށް އަޑުތައް ފެތުރުނެވެ. އެ ދުވަސްވަރު، މި ޚަބަރު ގެނެސްދިނުމަށް މުނިއަވަސް އިން ޚަބަރު ލިޔެ، އެކަން ކަށަވަރުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ޚަބަރު ނުގެނެސްދީ މަޑުޖައްސައިލީމެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ފެނުނީ ’އިއްޔަ ރިކޯޑްސް‘އާ ފަރަޝް ގުޅުނުތަނެވެ.

މިއުޒިކީ ދާއިރާއާއި ފަރަޝް ވަކިވެއްޖެ ކަމުގެ އަޑު އަރާފައި ވަނިކޮށް، އޭނާ ’އިއްޔަ ރިކޯޑްސް‘ އާއި ގުޅުނު ޚަބަރު ލިބުމުން މުނިއަވަސް އިން ފަރަޝް އާ ވާހަކަދައްކައިލުމުން 2019 ވަނަ އަހަރު ނޮވެމްބަރު މަހު އޭނާ ބުނީ މިއުޒިކީ ދާއިރާއާ ދުރަށް ނުދާކަމަށާއި ބްރޭކެއް ނެގީ ކަމަށެވެ. ’އިއްޔަ ރިކޯޑްސް‘ އާއި ގުޅުނީ ކީއްވެގެންތޯ އެހުމުން، ލަވަކިޔަން ބޭނުންވާތީ ކަމަށް ބުނަމުން އޭނާ އިތުރަށް ބުނީ މީޑިއާއަށް އެކަމާމެދު އެއްވެސް އިތުރު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ފަރަޝް އަކީ މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ގާލާ ރައުންޑާއި ހަމައަށް ދަތުރުކޮށް، ގަދަ ހަޔަކާއި ހިސާބުން އެ ޝޯ އާއި ވަކިވާން ޖެހުނު، ހުނަރުވެރި ލަވަކިޔުންތެރިއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.